Advertisement
ކ. މާލެ
|
8 ޖެނުއަރީ 2017 | އާދީއްތަ 15:21
ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓް
ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓް
މުހައްމަދު ޝަރުހާން
ވައްކަން
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ދިހަހާސް ރުފިޔާއަށް ވުރެ މަތީ އަދަދެއްގެ ފައިސާއިން މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާ
ދައުލަތުން ހުށަހެޅި ހެކި ގަރީނާ އިން އެ ދައުވާ ސާބިތުވާވަރަށް ހެކި ގަރީނާ ލިބިފައިނުވޭ

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ހޯދި މައްސަލަ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

މީހެއްގެ ސޮއި ފޯޖްކޮށްގެން ފައިސާ ހޯދި ކަމަށްބުނެ ދައުލަތުން ދައުވާ ކުރީ ހ. ވޭވަރު، މޫސާ ގާސިމްގެ މައްޗަށެވެ. އޭނާގެ މައްޗަށް ކުރީ ދިހަހާސް ރުފިޔާއަށް ވުރެ މަތީ އަދަދެއްގެ ފައިސާއިން މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާ އެވެ.

މޫސާ ގާސިމްގެ މައްޗަށް ކުރި ދައުވާގައި ބުނެފައިވަނީ، ލ. މާވަށް، ވިންޓަހައުސް، އިސްމާއިލް ރަފީއަށް އޮޅުވެލި ލާމް ހޯލްޑިންސް ކުންފުނިން ދައްކަންޖެހޭ ސާބިތު ދަރަންޏެއް ދެއްކުމުގެ ގޮތުން އެކުންފުނިން ސިވިލް ކޯޓަށް ދައްކަންޖެހޭ 1.37 މިލިއަން ރުފިޔާގެ ތެރެއިން 913،400 ރުފިޔާ 2012 ވަނަ އަހަރުގެ އޭޕްރީލް 11 ގައި އިސްމާއިލް ރަފީއުއާ ހަވާލުކުރުމަށް ސިވިލް ކޯޓުން ފިނޭންސް މިނިސްޓްރީ އަށް ފޮނުވާފައިވަނިކޮށް، އިސްމާއިލް ރަފީއަށް ނޭނގި ސޮއި ފޯޖް ކޮށްގެން، ފިނޭންސް މިނިސްޓްރީން ދޫކޮށްފައިވާ ޗެކު މޫސާ ގާސިމްގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށްވާ އެމްއެސްއެމް ކުންފުންނީގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ.

އެ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، އެ ދައުވާ އަށް މޫސާ ގާސިމް އިންކާރުކުރުމާ ގުޅިގެން ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކި ގަރީނާ އިން އެ ދައުވާ ސާބިތުވާވަރަށް ހެކި ގަރީނާ ލިބިފައިނުވާ ކަމަށެވެ. އެހެންކަމުން އެ ދައުވާ އަކީ މޫސާ ގާސިމްގެ މައްޗަށް ސާބިތުނުވާ ދައުވާއެއް ކަމަށް ކަނޑައަޅައި، ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް