ސީއައިއޭގެ ޑިރެކްޓަރ މައިކް ޕޮމްޕޭއޯ ޕިޔޮންގަޔެންގ އަށް ދަތުރުކުރައްވައި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންއާ ބައްދަލުކުރައްވައިފި ކަމަށް އެމެރިކާގެ މީޑިއާތައް ބުނެފިއެވެ.
ނަން ހާމަ ނުކުރާ އޮފިޝަލަކު ވިދާޅުވީ ރައީސް ޑޮނަލްޑް ޓްރަމަޕް އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ ބައްދަލުކުރައްވައި ސީދާ ވާހަކަތައް ދެއްކެވެމަށް ތައްޔާރު ވުމަށް ބޭއްވި މި ބައްދަލުވުން ބާއްވާފައި ވަނީ ޗައިނީސް އީސްޓަރގެ ހަފްތާ ބަންދުގައެވެ.
ރައީސް ޓްރަމްޕް ކުރިން ވެސް ވަނީ މަތީ ފަންތީގެ ވާހަކަތައް ބާއްވަވާނެ ފަދަ އިޝާރާތެއް ދެއްވާފައެވެ. ނަމަވެސް އުއްމީދު ކުރެވިފައި ނުވާ އަދި ސިއްރު ގޮތެއްގައި ބޭއްވި މި ބައްދަލުވުމަކީ 2000 ވަނަ އަހަރަށް ފަހު ދެ ގައުމުގެ މިހާ އިސް ފަރާތްތަކެއް ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.
"އަޅުގަނޑުމެން ސީދާ ވާހަކަތައް ބާއްވައިފިން. އެންމެ މަތީ ފަންތީގެ" ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭއާ އެކު މިހާރު ފްލޮރިޑާގައި ހުންނެވި ޓްރަމްޕް ވިދާޅުވިއެވެ.
ރައީސް ޓްރަމްޕް ވަނީ ދެކުނު ކޮރެއާ އާއި އުތުރު ކޮރެއާ ވެސް ވާހަކަ ދައްކައިގެން، 1950 އާއި 1953 އާއި ދެމެދުކުރި ކޮރެއާ ހަނގުރާމައިގެ ޚިލާފުތައް ނައްތާލުމަށް ސުލްހައިގެ އެއްބަސްވުމެއް އެކުލަވާލެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.
ދެކުނު ކޮރެއާ އިން ވެސް ވަނީ އޭޕްރީ މަހުގެ ފަހުކޮޅު ރައީސް މޫން ޖައި އިން އާއި ކިމް ބައްދަލުކުރައްވާއިރު އެފަދަ އެއްބަސްވުމަކަށް ހިނގައިދާނެ ފަދަ އިޝާރާތެއް ދެއްވާފައެވެ.
ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭއާ އެކު ޓްރަމްޕްގެ އަމިއްލަފުޅު ރިސޯޓްކަމަށްވާ ފްލޮރިޑާގެ މާރަލާގޯގައި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ކިމްއާ ބައްދަލުކުރެއްވުމަށް 5 ތަނެއް ކަނޑައަޅައި މަޝްވަރާކުރަމުންދާ ކަމަށެވެ. އަދި މިމަޝްވަރާތަކުން ބައްދަލުކުރެއްވުން އޮންނާނެ ފައިނަލް މަންޒިލެއް ކަނޑައެޅޭނެ ކަމަށެވެ.
މަޝްވަރާތަކުގެ ވާހަކަ ދެކެވުނުއިރު، ގިނަ މުހައްލިލުން ބުނަމުން އައީ ވާހަކަތައް ބޭއްވުން އެންމެ ގާތް އެއްތަނަކީ ދެކޮރެއާ ގުޅޭ ސަރަހައްދީ އިމުގައި އޮންނަ ޕަންމުންޖޮމް ގައެވެ. އެސަރަހައްދަކީ އެމެރިކާ ސިފައިން ހަރަކާތްތެރިވާ، އދ. ގެ ބާރުގެ ދަށުގައި އޮންނަ ސަރަހައްދެކެވެ.
އެމެރިކާގެ ވެރިކަމުގައި ހުންނެވި ރައީސަކު މީގެ ކުރިން އުތުރު ކޮރެއާގެ ވެރިޔަކާ ބައްދަލުކުރައްވާފައި ނުވާއިރު، ކިމް ޖޮން އުންއާ ބައްދަލުކުރެއްވުމަށް މިދިޔަ މަހު ޑޮނަލްޑް ޓްރަމްޕް އެއްބަސްވެވަޑައިގަތުމުން މުޅި ދުނިޔެއަށް ސިހުން ލިބިގެންދިޔައެވެ. ނިއުކްލިއަރ ޕްރޮގްރާމާއި އިންސާނީ ހައްޤުތަކުގެ މައްސަލައިގައި ދުނިޔެއާ، އެއްކޮށް އެކަހެރިވެފައިވާ އުތުރު ކޮރެއާ އިން އެމެރިކާއާ އެކު މަޝްވަރާތަކަށް ދިޔުމަށް އެއްބަސްވީ ދާދި ފަހުން ދެކުނު ކޮރެއާގެ ޕިޔޮންގްޗެންގައި ނިމިގެންދިޔަ ފިނި މޫސުމުގެ އޮލިމްޕިކްސްގައި އުތުރު ކޮރެއާއިން ބައިވެރިވުމާއި ގުޅޭ ގޮތުން ދެކުނު ކޮރެއާ އާއި އުތުރު ކޮރެއާ އާއި ދެމެދު ކުރެވުނު މަޝްވަރާތަކުގެ ތެރެއިންނެވެ.