ސީރިޔާގައި ކެމިކަލް ހަމަލާ ދިންކަމަށް ބުނެވޭ ސަރަހައްދުތަކަށް ކެމިކަލް ހަތިޔާރާއި ބެހޭ ތަހުގީގު ހިންގާ ޓީމު ވަނުމަށް ބުދަ ދުވަހު ހުއްދަ ދެވޭނެ ކަމަށް ރަޝިއާއިން ބުނެފިއެވެ.
ބައިނަލްއަގްވާމީ ތަހުގީގު ޓީމެއް ހޮނިހިރު ދުވަހުންފެށިގެން ސީރިޔާގައި ތިބިއިރު އެ ޓީމަށް ދޫމާއަށް ވަނުމަށް ހުއްދަ ދީފައެއް ނުވެއެވެ.
އޭޕްރީލް މަހުގެ 7 ވަނަ ދުވަހު ދިން ކަމަށް ތުހުމަތު ކުރެވޭ ކެމިކަލް ހަމަލާއަށް ފަހު އޭގެ ހަފްތާއެއް ފަހުން އެމެރިކާއާއި ފްރާންސްއާއި އިނގިރޭސި ވިލާތުން ވަނީ ސީރިޔާގެ ކެމިކަލް ހަތިޔާރު އުފައްދާ ނުވަތަ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވޭ ތަންތަން ކަމަށް ބުނާ ތަންތަނަށް މިސައިލް ހަމަލާ ދީފައެވެ.
ކެމިކަލް ހަމަލާއެއް ދީފައި ނުވާ ކަމަށް ސީރިޔާއާއި ރަޝިއާއިން ބުނެއެވެ. މީގެއިތުރުން އެމެރިކާއާއި ގުޅިފައިވާ ފައުޖުން ދިން މިސައިލް ހަމަލާތައް ހުއްޓުވާފައިވާ ކަމަށް ސީރިޔާއިން ބުނެއެވެ.
ސީރިޔާގެ ދައުލަތުގެ މީޑިއާއިން އާދީއްތަ ދުވަހުގެ ހެނދުނު ވަނީ އެ ގައުމުގެ ހުޅަނގުގެ ސިޓީއެއް ކަމަށްވާ ހޮމްސްއަށް ދިން މިސައިލް ހަމަލާތަކެއް އެއަރ ޑިފެންސްއިން ހުއްޓުވާފައިވާ ކަމަށް ބުނެފައެވެ.
އެ މިސައިލް އަމާޒުކޮށްފައިވަނި ޝައިރަތު އެއަރ ބޭހަށް ކަމަށް ބުނެފައިވާއިރު ހަމަލާދިނީ ކޮންބައެއް ކަމަށް ބުނެފައެއް ނުވެއެވެ.
އީރާނުން މަދަދުވެރިވާ ހިޒްބުﷲ ޖަމާއަތުން ކޮށްފައިވާ އިތުރު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، ސީރިޔާގެ ވެރިރަށް ދިމިޝްގުގެ އިރުއުތުރުން އޮންނަ ދުމައިރް އަސްކަރީ ވައިގެ ބަނދަރަށް އަމާޒުކޮށް ފޮނުވާލި ތިން މިސައިލެއް ސީރިޔާގެ އަސްކަރިއްޔާއިންވަނީ ހުއްޓުވާފައެވެ.
ޕެންޓަގަންގެ ތަރުޖަމާނު ރޮއިޓަރސްގައި ބުނެފައިވަނީ"އެމެރިކާގެ އަސްކަރިއްޔާގެ ހަރަކާތެއް އެވަގުތު އެތަނުގައި ހިނގަމުން ނުދާނެ" ކަމަށެވެ.