ކ. މާލެ
|
15 އޭޕްރިލް 2018 | އާދީއްތަ 04:30
ތިން ގައުމުންވަނީ 100 އަށްވުރެ ގިނަ މިސައިލް ފޮނުވާލާފައި
ތިން ގައުމުންވަނީ 100 އަށްވުރެ ގިނަ މިސައިލް ފޮނުވާލާފައި
ޕްރެސްއިނކް
ސީރިޔާއަށް ދެމުންދާ ހަމަލާ
ސީރިޔާއަށް ދެމުންދާ ހަމަލާ: ފުރިހަމައަށް މިޝަން ތަންްފީޒު ވެއްޖެކަމަށް ރައީސް ޓްރަމް ވިދާޅުވެއްޖެ
ރައީސް ވްލާޑިމިއަރ ޕޫޓިން ވަނީ ހުޅަނގުގެ ގައުމުތަކުން ދިން ހަމަލާ ކުށްވެރިކުރާކަމަށް ވިދާޅުވެފައި

ސީރިޔާއަށްދިން ހަމަލާތައް ކާމިޔާބު ކަމަށާއި ފުރިހަމަކަމާއިއެކު މިޝަން ކާމިޔާބުވެއްޖެކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުފާފާޅުކުރައްވައިފިއެވެ.

އެމެރިކާ، އިނގިރޭސިވިލާތް އަދި ފްރާންސުންވަނީ ސީރިޔާ ސަރުކާރުން ކެމިކަލް ހަތިޔާރު އުފައްދާ ނުވަތަ ގެންގުޅޭކަމަށް އެ ގައުމުތަކުން ތުހުމަތުކުރާ ތިންތަނަކަށް ހަަމަލާދީފައެވެ.

މި މަހުގެ 7 ވަނަ ދުވަހު ސީރިޔާގެ ދޫމާގައި ދިންކަމަށް ތުހުމަތުކުރެވޭ ކެމިކަލް ހަމަލާގެ ރައްދުގައި ހޮނިހިރު ދުވަހު ދިން ހަމަލާތަކުގައި 100 އަށްވުރެ ގިނަ މިސައިލް ފޮނުވާލާފައިވެއެވެ.

ރަޝިއާގެ ރައީސް ވްލާޑިމިއަރ ޕޫޓިން ވަނީ ހުޅަނގުގެ ގައުމުތަކުން ދިން ހަމަލާ ކުށްވެރިކުރާކަމަށް ވިދާޅުވެފައެވެ.

ސީރިޔާގެ ސަރުކާރަށް އަސްކަރީގޮތުން އެންމެ ބޮޑު މަދަދެއްދޭ ރަޝިއާއިންވަނީ އެގައުމުގެ އެންމެ ފަރުދަކަށް ގެއްލުމެއް ވެފައި ވިޔަސް އަސްކަރީ ބަދަލެއް ހިފާނެކަމަށް އިންޒާރުދީފައެވެ.

އެމެރިކާ އިސްވެ އޮވެ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ގުޅިގެން ހުކުރު ދުވަހުގެރޭ ސީރިޔާގެ އެކި ސަރަހައްދުތަކަށް ދިން މިސައިލް ހަމަލާތަކުގެ ސަބަބުން މާބޮޑު ގެއްލުމެއް ނުލިބޭ ކަމަށް ސީރިޔާ ސަރުކާރުންވެސްވަނީ ބުނެފައެވެ.

ޓީވީ މެދުވެރިކޮށް ސޫރިޔާ އަސްކަރިއްޔާއިން ބުނީ ހަމަލާތަކުގެ ސަބަބުން ލިބިފައިވަނީ ކުޑަ ގެއްލުމެއް ކަމަށާއި، ގުޅިފައިވާ ފައުޖުން ފޮނުވާލި ގިނަ މިސައިލްތައް ވައިގެ ތެރޭގައި ގޮއްވާލާފައިވާ ކަމަށެވެ.

ޕެންޓަގަންއަށް މައުލޫމާތުދެއްވަމުން އެމެރިކާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން، ޖެނެރަލް ޖޯސެފް ޑަންފޯޑް ވިދާޅުވެފައިވަނީ މި ހަމަލާގައި ސީރިއާގެ ތިން އަމާޒަކަށް މިސައިލް ހަމަލާ ދީފައިވާ ކަމަށެވެ.

މީގެ ތެރެއިން އެއްތަނަކީ ދިމިޝްގުގައި ހުރި ސައިންޓިފިކް ރިސަރޗް ފެސިލިޓީއެއްކަމަށްވާއިރު އެމެރިކާއިން ތުހުމަތުކޮށްފައިވާ ގޮތުގައި އެތަނަކީ ކެމިކަލް އަދި ބައޮލޮޖިކަލް ހަތިޔާރު އުފެއްދުމާއި ގުޅުންއޮތް ތަނެކެވެ. ހަމަލާ ދިން ދެވަނަ ތަނެއްގެ ގޮތުގައި އެމެރިކާއިން ހާމަކޮށްފައިވަނީ ހޮމްސްގައި ހުންނަ ކެމިކަލް ހަތިޔާރު ރައްކާކުރާ ގުދަނެކެވެ.

މީގެ އިތުރުން ދެން ހަމަލާދީފައިވަނީ ކެމިކަލް ހަތިޔާރު އުފައްދާ އިކުއިޕްމަންޓް ރައްކާކުރާ އަދި މުހިއްމު ކޮމާންޑް ޕޯސްޓެއްގެ ގޮތުގައި ހޮމްސްގައި ބޭނުންކުރާ ތަނަކަށް ކަމަށް އެމެރިކާއިން ބުނެއެވެ.

އެމެރިކާއިން ހަމަލާދީފައި ވަނީ ޓޮމަހޯކް ކްރޫޒް މިސައިލް ބޭނުން ކޮށްގެންނެވެ.

 

- ކޮމެންޓް