އިންޑިއާ އަށް ކުރަމުންދާ ވިއްސާރާގައި އާގަރާއަށް ވައި ގަދަވުމުގެ ސަބަބުން ދުނިޔޭގެ ހަތް އަޖާބުތަކުގެ ތެރޭގައި ހިމެނޭ ތާޖް މަހަލްގެ މުންނާރުތަކަށް ގެއްލުންވެއްޖެއެވެ.
ބީބީސީ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ސަރަހައްދަށް 130 ކިލޯ މީޓަރު ބާރުމިނުގައި ވައިޖެހުމުގެ ސަބަބުން މުންނާރުތަކަށް ގެއްލުންވެފައިވެއެވެ. އަދި 12 ފޫޓުގެ މުންނާރުތައް ވެއްޓިފައިވާ ކަމަށްވެސް އެ ނޫހުގައިވެއެވެ.
ވެއްޓުނު އެއް މުންނާރަކީ ރޯޔަލް ގޭޓް ކައިރީ ހުންނަ މުންނާރެކެވެ. އެ ގޭޓުން ވަންނަ މީހުންގެ ލޮލުގައި އެންމެ ފުރަތަމަ އަޅައިގަންނަ މުންނާރަކީވެސް މިއެވެ. ދެން ވެއްޓުނީ ދެކުނު ގޭޓު ކައިރީ ހުންނަ މުންނާރެކެވެ.
ލިބުނު ގެއްލުންތައް މަރާމާތު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ނޫހުގައި ރިޕޯޓުކޮށްފައިވެއެވެ.
ތާޖް މަހަލް އަކީ ހިންދުސްތާންގެ އާގަރާގައި 1631 ވަނަ އަހަރާއި 1654 ވަނަ އަހަރާ ދެމެދު ކުރެވުނު ހަދާނީ ބިނާއެކެވެ. މި އިމާރާތުގެ މަސައްކަތުގައި ވިހި ހާހަށް ވުރެ ގިނަ މީހުން އުޅެފައިވެއެވެ. މިއީ މުޣަލް ރަސްގެފާނު ޝާހް ޖަހާން އެ ރަދުންގެ ލޯބިވާ ރަނިކަނބަލުން އަރްޖުމަންދް ބާނޫ ބޭގަމް ނުވަތަ މުމްތާޒް މަޙަލް އަވަހާރަވުމުން އެކަމުގެ ހިތާމައިގާ ބިނާ ކުރެއްވި ލޯބީގެ ބިނާއެކެވެ.
ތާޖު މަހަލް ބިނާކުރުމުގެ މަސައްކަތް ފަށާފައިވަނީ 1632 ވަނަ އަހަރުއެވެ. މުޅި އިމާރާތް އެއްކޮށް ބިނާކޮށް ނިމިފައިވަނީ 1653 ގައެވެ.
ތާޖު މަހަލް ގެ ޢިމާރާތް ފަރުމާ ކުރުމުގައި އިސްދައުރެއް އަދާކުރެއްވި މައި ފަރުމާ ކުރުންތެރިޔަކީ އުސްތާޛު އަހުމަދު ލަހޯރީ އެވެ.
ތާޖް މަހަލް އަކީ މުގަލް އާކިޓެކްޓަރ ދައްކައިދޭ ވަރަށް ރީތި މިސާލެކެވެ. ތާޖު މަހަލްގެ ޢިމާރާތުން ފާރިސީ، ތުރުކީ، ހިންދީ، އަދި އިސްލާމީ ދައުލަތް ތަކުގެ ޢިމާރާތްތައް ކުރުމުގައި ގެންގުޅެފައިވާ ފަންނުތައް ފެންނަން އެބަހުއްޓެވެ.