ފާއިތުވެދިޔަ އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއްކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފް ވިދާޅުވެއްޖެ އެވެ.
ބުރާސްފަތި ދުވަހު އިސްކަންދަރު ބިލްޑިންގްގައި ބޭއްވި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފް ވިދާޅުވީ، ފާއިތުވެދިޔަ އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއްކަމަށެެވެ. އަދި ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރުމަށްޓަކައި ފުލުހުންގެ އެކި އެކި ޑިޕާޓްމަންޓްތަކުން ކޮށްފައިވާ މަސައްކަތްތައް ފާހަގަކުރައްވައި ޑިޕާޓްމަންޓްތަކުގެ އިސްވެރިންނަށާއި މުވައްޒަފުންނަށް އަރީފް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
އަރީފް ވިދާޅުވީ، ފެށިގެން މިދިޔަ އަހަރަކީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްވެފައިވާ އަހަރަކަށް ހެދުމަށާއި އައު އަހަރާ ދިމާކޮށް ފުލުހުންގެ މަސައްކަތްތައް ބައްޓަންކުރުމުގައި ސަމާލުކަންދޭންވީ ކަންކަންކަމާއި ހާއްސަ ގޮތެއްގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހައްލުކުރުމަށް މަސައްކަތްކުރުން މުހިންމު ކަމަށެވެ.
އެގޮތުން މި ބައްދަލުވުމުގައި ވަނީ އިޖުތިމާޢީ މައްސަލަތަކާއި ޓްރެފިކް މައްސަލަތުގެ އިތުރުން ޤަވާއިދާ ހިލާފަށް އުޅޭބިދޭސީންގެ މައްސަލަތަކާއި އެފަދަ މައްސަލަތަކާއި ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތަކަށް ހާއްސަ ސަމާލުކަމެއް ދެއްވައިގެން މަސައްކަތްކުރުމަށާއި، ފުލުހުންނާއި އެހެން މުއައްސަސާތައް ގުޅިގެން ހައްލުކުރެވެންހުރި ކަންކަން ފާހަގަކުރައްވައި، އެކަންކަން ހައްލުކުރުމުގައި އެ މުއައްސަސާތަކާއި ގުޅިގެން މަސައްކަތްކޮށްދެއްވުމަށް އަރީފް އެދިވަޑައިގެންނެވިއެވެ.