އިނގިރޭސިވިލާތުގެ ސެލިސްބަރީގައި މިދިޔަ މާޗް މަހު ބަޔަކު ނަރވް އެޖެންޓް ބޭނުންކޮށްގެން ޙަމަލާ ދިން ރަޝިޔާގެ ޖާސޫސީ އިދާރާގެ ކުރީގެ އޮފިޝަލެއް ކަމަށްވާ ސަރްގޭ ސްކްރިޕާލްގެ ދަރިފުޅު ޔޫލިއާ ސްކްރިޕާލް ދޫކޮށްލައިފި ކަމަށް ބީބީސީ ބުނެފިއެވެ.
އުމުރުން 66 އަހަރުގެ ސްކްރިޕާލް އާއި އޭނާގެ ދަރިފުޅު ޔޫލިއާ އަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާތާ މިހާރު ވަނީ މަހެއްހާ ދުވަސްވެފައެވެ.
އުމުރުން 33 އަހަރުގެ ޔޫލިއާ ސެލިސްބަރީގެ ހޮސްޕިޓަލުން ހޯމަ ދުވަހު ދޫކޮށްލުމަށް ފަހު ގެންގޮސްފައި ވަނީ ރައްކާތެރި ތަނަކަށެވެ.
އޭނާގެ ބައްޕަ، ސަރްގޭ ސްކްރިޕާލް އަދިވެސް ހޮސްޕިޓަލުގައި އެޑްމިޓްކުރެވިފައި އޮތްއިރު އޭނާގެ ހާލު އަންނަނީ ރަނގަޅުވަމުންނެވެ.
މާޗު މަހުގެ 4 ވަނަ ދުވަހު އެދެމީހުން ބެންޗެއްގެ މަތީގައި ހޭނެތިފައި ތިއްބާ ފެނުމާ އެކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށިއިރު، އެމީހުންނަށް ހަމަލާދީފައި ވަނީ ނޮވިޗޮކް ކިޔާ ނަރވް އެޖެންޓެއް ބޭނުންކޮށްގެންނެވެ.
ސްކްރިޕާލްއަކީ ރަޝިޔާގެ ޖާސޫސީ އިދާރާގައި ކުރިން މަސައްކަތްކުރި އިސް މުވައްޒަފެކެވެ. އެހެން ނަމަވެސް އިނގިރޭސިވިލާތަށް ޖާސޫސުކޮށްދިންކަމުގެ ތުހުމަތުކުގައި އޭނާ ރަޝިޔާގައި ޖަލަށް ލެވުނެވެ. އަދި ޖަލުން މިނިވަންވުމާއެކު އޭނާ ދިރިއުޅެމުން ދިޔައީ އިނގިރޭސިވިލާތުގައެވެ
މިޙަމަލާގެ ފަހަތުގައި ވަނީ ރަޝިޔާގެ ސަރުކާރުކަމަށް އިނގިރޭސި ސަރުކާރުން ތުހުމަތުކުރި ނަމަވެސް، މޮސްކޯ އިން އެކަން ދޮގުކުރެއެވެ.
ރަޝިޔާ އިން އދ. އަށް ކަނޑައަޅާފައިވާ ސަފީރު ވެސިލީ ނެބެންޒިއާ އދ. ގެ ސަލާމަތީ މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އިނގިރޭސިވިލާތުން އެކުޅެނީ 'އަލިފާނާ' ކަމަށެވެ. އަދި އިނގިރޭސީން ފަތުރަމުންދަނީ ދޮގު ޚަބަރެއް ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
ޙަމަލާގެ ފަހަތުގައި ރަޝިޔާ އޮތް ކަމަށް އިނގިރޭސިވިލާތުން ތުހުމަތުކުރުމާ އެކު ހުޅަނގުގެ ގިނަ ޤައުމުތަކެއް ވަނީ ރަޝިޔާއާ ދެކޮޅަށް ފިޔަވަޅު އަޅާފައެވެ. އެގޮތުން ހުޅަނގުގެ ވިއްސަށް ވުރެ ގިނަ ޤައުމުން ވަނީ އެޤައުމުތަކުގައި ތިބޭ ރަޝިޔާގެ ޑިޕްލޮމެޓުންގެ ތެރެއިން ބައެއް މީހުން އަނބުރާ ރަޝިޔާއަށް ފޮނުވާލާފައެވެ. އަދި މިމައްސަލައިގައި ބަދަލު ހިފުމުގެ ގޮތުން ރަޝިޔާ އިން ވެސް ވަނީ މޮސްކޯގައި ހުންނަ އިނގިރޭސި އެމްބަސީގެ މުވައްޒަފުންގެ އަދަދު ވެސް މަދުކޮށްފައެވެ. އަދި މީގެ އިތުރުން ރަޝިޔާގެ ސެއިންޓް ޕީޓަސްބަރގްގައި ހުރި އިނގިރޭސި ކޮންސިއުލޭޓް ވެސް ވަނީ ބަންދުކޮށްފައެވެ