ސީރިޔާގައި ދިން ކަމަށް ބެލެވޭ ކެމިކަލް ހަމަލާގެ މައްސަލައިގައި ބޭއްވި އދ ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި އެމެރިކާއާއި ރަޝިއާއިން ޒުވާބު ކޮށްފިއެވެ.
ރަޝިއާއިން އދއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ވަސިލީ ނެބެންޒިއާ ވިދާޅުވީ ދޫމާގައި ހިނގި ކަމަށްބުނާ ހާދިސާއަކީ ރޭވުމެއް ކަމަށާއި އަދި އެކަމުގެ ރައްދެއްގެ ގޮތުގައި އެމެރިކާއިން އަޅާ ފިޔަވަޅެއްގެ ރައްދު ހީވެސް ނުކުރާ ފަދަ ގޮޮތަކަށް އަންނާނެ ކަމަށެވެ.
ސަލާމަތީ މަޖިލީހުގައި ވަރަށް ކޯފާ އިސްކުރައްވައި ދެއްވި ބަޔާނުގައި ނެބެންޒިއާ ވަނީ ޕްރިހިބިޝަން އޮފް ކެމިކަލް ވެޕަންސް(އޯޕީސީޑަބްލިއު)ގެ ޓީމެއް އަންގާރަ ދުވަހު ވީ އެންމެ އަވަހަކަށް ކެމިކަލް ހަމަލާ ދިން ކަމަށް ތުހުމަތުކުރެވޭ ތަނަށް ދިއުުމަށް ދައުވަތުދެއްވާ ކަމަށާއި ރަޝިއާގެ ސިފައިން އެ ވަފުދު އެތަނަށް ގެންގޮސްދޭނެ ކަމަށެެވެ.
އެެމެރިކާއިން އދ އަށް ކަނޑައަޅުއްވާފައިވާ މަންދޫބު ނިކީ ހޭލީ ވިދާޅުވީ ރަޝިއާގެ އަތުގައި އޮތީ "ސީރިޔާގެ ކުދިންގެ ލޭ" ކަމަށެވެ.
އދގެ އިންސާނީ ހައްގުތަކާއިބެހޭ ވެރިޔާ މީގެ ކުރިން ވިދާޅުވެފައިވަނީ ކެމިކަލް ހަތިޔާރު ބޭނުންކުރުމުގެ މައްސަލައިގައި ދުނިޔޭގެ ބާރުތަކުން ދަނީ އެކަމުން ރެކިގަންނަމުން ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްްޕްވިދާޅުވެފައި ވަނީ ސީރިޔާގެ މައްސަލައިގައި ނިންމާ "މައިގަނޑު ނިންމުން" ކުރިޔަށް އޮތް ދެ ދުވަހުގެ ތެރޭގައި ނިންމަވާނެ ކަމަށެވެ.
ނިކީ ހޭލީ ވިދާޅުވީ ސަލަމަތީ މަޖިލިހުން ފިޔަވަޅެއް އެޅިޔަސް ނޭޅިޔަސް މިކަމުގައި އެމެރިކާއިން ރައްދު ދޭނެ ކަމަށެވެ.
"ބައްދަލުވުންތައް ދަނީ ކުރިޔަށް.އަޅުގަނޑުމެން ވާހަކަދެއްކިގޮތަށް މުހިއްމު ނިމުންތަކެއްވަނީ ބެލިފައި" އެކަމަނާ ވިދާޅުވިއެވެ.
އެމެރިކާއިން އަސްކަރީ ފިޔަވަޅެއް އެޅުމާއިމެދު އެެމެރިކާއިން އަދި ގޮތެެއް ނުނިންމައެވެ. ސީރިޔާގައި 2017 ވަނަ އަހަރު ދިން ކެމިކަލް ހަމަލާއެއްގެ ރައްދުގައި އެމެރިކާއިންވަނީ މިސައިލް ހަމަލާތަކެއް ދީފައެވެ. މިދޔަ އަހަރުގެ އޭޕްރީލް މަހު އެމެރިކާއިން ވަނީ ޚާން ޝެއިޚޫންގައި އޮންނަ ޝައިރަތު އަސްކަރީބޭހަށް 59 ޓޮމަހޯކް ކްރޫޒް މިސައިލް ފޮނުވާލާފައެވެ.
ހޮނިހިރު ދުވަހު ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 42 އާއި 60 އާއި ދެމެދުގައި އުޅޭއިރު ސިއްޚީ ޚިދުމަތްދޭ ގްރޫޕްތަކުން ބުނެފައިވަނީ، މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރަމުންދާ ފަރާތްތަކަށް މިހާރު، އެތައް ސަތޭކަ އާއިލާއަކުން ހިމާޔަތް ހޯދުމަށް ވަދެތިބި ބޭސްމަންޓަށް ވަދެވިފައިވުމާއިއެކު މަރުވި މީހުންެގެ އަަދަދު އިތުރުވުން އެކަށީގެންވާކަމަށެވެ.
އެމެރިކާއާއި ފްރާންސާއި އިނގިރޭސިވިލާތުންވަނީ ބައިނަލްއަގްވާމީ ދުނިޔޭގައިި މިހަމަލާ ކުށްވެރިކުރުމުގައި އިސްނަގާފައެވެ.
ސީރިޔާގެ ސަރުކާރާއި އެ ގައުމަށް މަދަދުދޭ ރަޝިއާއިން ގެންދަނީ އެ ހަމަލާގައި އެ ދެ ގައުމުގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށް ބުނަމުންނެވެ.
މިއީ ފިނި ހަނގުރާމައަށް ފަހު ރަޝިއާއާއި ހުޅަަނގުގެ ގައުމުތަކާއިމެދު މިވަރަށް މައްސަލަ ހޫނުވެގެންދިޔަ ފުރަތަމަ ފަަހަރެވެ. ރަޝިއާއާއި ހުޅަނގުގެ ގައުމުތަކާއިމެދު މައްސަލަ ހޫނުވީ ރަޝިއާގެ ކުރީގެ ޖާސޫސީ އޭޖެންޓަކަށް އިނގިރޭސިވިލާތުގައި ވިހަ ދިން މައްސަލައިގައި އިނގިރޭސިވިލާތުން އެކަމުގައި ރަޝިއާގެ މައްޗަށް ތުހުމަތުކުރުމުންނެވެ.