ސޫރިޔާގެ އިރުމަތީ ޣޫތާގެ އަވަށެއްކަމަށްވާ ދޫމާއަށް ހޮނިހިރު ދުވަހު ރައީސް ބައްޝާރުލް އައްސަދުގެ ސިފައިން ކެމިކަލް ޙަމަލާއެއް ދިންކަމަށް ބައިނަލްއަޤްވާމީ މުޖްތަަމައުން ތުހުމަތުކުރަމުންދަނިކޮށް، އެފަދަ ހަމަލާއެއް ދީފައިވާކަމުގެ އެއްވެސް ނިޝާނެއް ނެތްކަމަށް ރަޝިޔާއިން ބުނެފިއެވެ.
ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯފް ވިދާޅުވީ ހަމަލާދިންކަމަށް ތުހުމަތުކުރާ ސަރަހައްދަށް ރަޝިޔާގެ ސްޕެޝަލިސްޓުންނާއި އެހީދޭ ފަރާތްތައް ޒިޔާރަތްކޮށްފައިވާކަމަށާއި، އެފަދަ ހަމަލާއެއް ދީފައިވާކަމުގެ އެއްވެސް ނިޝާނެއް ނެތްކަމަށެވެ.
ރަޝިޔާއަކީ ސޫރިޔާގެ ދާޚިލީ ހަނގުރާމައިގައި ބައްޝާރުލް އައްސަދުގެ ފައުޖުތަކަށް މަދަދުވެރިވާ ޤައުމެކެވެ. އަދި ހޮނިހިރު ދުވަހު ދިން ކެމިކަލް ހަމަލާގެ ޒިންމާ ރަޝިޔާއިން ނަގަން ޖެހޭނެކަމަށް އެމެރިކާއިން ވަނީ ތުހުމަތުކޮށްފައެވެ. މީގެ އިިތުރުން އެމެރިކާ އަދި ފަރަންސޭސިވިލާތުން ވަނީ މިމައްސަލައިގައި ރަޝިޔާއާއި ދެކޮޅަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފައެވެ.
ކެމިކަލް ޙަމަލާއެއްގެ ނިޝާނެއް ނެތްކަމަށް ރަޝިޔާއިން ބުނިނަމަވެސް، ކެމިކަލް ހަމަލާއެއްގެ ނިޝާންތަކެއްކަމަށް ބެލެވޭ ނިޝާންތަކަކާއިއެކު ގިނަ އަދަދެއްގެ ބަޔަކު މަރުވެފައި ތިއްބާ ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފައެވެ.
އެހީދޭ ފަރާތްތަކުން ބުނާ ގޮތުގައި ކެމިކަލް ހަމަލާގެ ސަބަބުން އަސަރުކޮށްގެން 500އެއްހާ މީހުން އިރުމަތީ ޣޫތާގެ ހޮސްޕިޓަލްތަކަށް ފަރުވާދޭން ގެނެސްފައިވެއެވެ. މިމައްސަލަ ވަނީ އދގެ ސަލާމަތީ މަޖިލީހުގެ ސަމާލުކަމަށް އައިސްފައެވެ.
ކެމިކަލް ހަމަލާއެއް އިރުމަތީ ޣޫތާގައި ނުދޭކަމަށް ރަޝިޔާއިން ބުނެފައި މިވަނީ ސޫރިޔާގެ ވައިގެ ސިފައިންގެ މަރުކަޒަކަށް ވައިގެމަގުން ހަމަލާއެއް ދިންތާ މާގިނަ އިރުތަކެއް ނުވެއެވެ. މި ވައިގެ މަރުކަޒަކީ ސޫރިޔާގެ ޙިމްސްގެ ކައިރީގައި އޮންނަ މަރުކަޒެކެވެ. މިޙަމަލާގައި 14 މީހަކު މަރުވެފައިވާއިރު، ސޫރިޔާއިންނާއި ރަޝިޔާއިން ތުހުމަތުކުރާ ގޮތުގައި މިއީ އިސްރާއީލުން ދިން ޙަމަލާއެކެވެ. މިހަމަލާދިނީ އެމެރިކާއިންކަމަށް ސޫރިޔާ ސަރުކާރުން އެންމެ ފުރަތަމަ ބުނިނަމަވެސް، އެއީ އިސްރާއީލުން ދިން ޙަމަލާއެއްކަމަށް ފަހުން ބުނީ އެހަމަލާގައި އެޤައުމުތަކުގެ އަތެއް ނުވާކަމަށް އެމެރިކާ އާއި ފަރަންސޭސީވިލާތުން ބުނުމުންނެވެ.
މީގެ ކުރިންވެސް އިސްރާއީލުން ސޫރިޔާ ސިފައިންގެ މަރުކަޒުތަކަށް ހަމަލާ ދީފައިވެއެވެ.
ހޮނިހިރު ދުވަހު ސޫރިޔާގައި ދިން ކެމިކަލް ހަމަލާއާއި ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ސޫރިޔާގެ ރައީސް ބައްޝާރުލް އައްސަދަކީ ޖަނަވާރެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި މިހަމަލާގެ ބަދަލު އަސްކަރީ ހަމަލާއަކުން އެމެރިކާއިން ނުހިފާނެކަމުގެ ޔަޤީންކަން ނުދެވޭނެކަމަށް އެމެރިކާގެ ދިފާޢީ ވަޒީރު ޖޭމްސް މެޓިސް ވަނީ ވިދާޅުވެފައެވެ.