ސީރިޔާގެ އިރުމަތީ ޣޫތާގައި ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި މިހާރު އޮތް ހަމައެކަނި އަވަށް ކަމަށްވާ ދޫމާގައި ދިން ކެމިކަލް ހަމަލާއެއް ކަމަށް ބެލެވޭ ހަމަލާގައި މަދުވެގެން 70 މީހުން މަރުވެފައިވާ ކަމަށް މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރާ ފަރާތްތަކާއި ސިއްހީ ޚިދުމަތްދޭ އޮފިޝަލުން ވިދާޅުވެއްޖެއެވެ.
ދަރުމައަށް މަސައްކަތްކުރާ ވައިޓް ހެލްމެޓްސްއިން ކޮށްފައިވާ ޓްވީޓެއްގައި ހުރި ފޮޓޯތަކުން ފެންނަގޮތުގައި އެތައް ބައެއްގެ ހަށިތައް ބޭސްމެންޓްގައި ހުއްޓެވެ. އެ ޖަމާއަތުން ބުނިގޮތުގައި މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވެއެވެ.
މިނިވަން އެއްވެސް ފަރާތަކުން މި ޚަބަރުތައް ކަށަވަރެއް ނުކުރެވެއެވެ.
ސީރިޔާގެ ސަރުކާރުން ބުނެފައި ވަނީ ކެމިކަލް ހަމަލާއެއް ކަމަށް ބުނާ ވާހަކައަކީ އުފައްދައިގެން އުޅޭ ވާހަކައެއް ކަމަށެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނީ ކެމިކަލް ހަމަލާއެއް ދިން ކަމަށް ބުނެވޭ ރިޕޯޓްތައް މޮނިޓަރ ކުރަމުންދާ ކަމަށާއި ނުރައްކާތެރި ކެމިކަލް ބޭނުންކޮށްފައިވާނަމަ، ސީރިޔާގެ ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި އެ ގައުމުގައި ހަނގުރާމަ ކުރަމުންގެންދާ ރަޝިއާއިން އެކަމުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށެވެ.
"އެ ވެރިކަމުގެ ފަރާތުން ރައްޔިތުންނާއި ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުން ކުރުމުގެ ތާރީޚެއް އޮތްކަމީ ދެބަސްވެވޭ ކަމެއްނޫން" ސްޓޭޓް ޑިޕާޓްމަންޓުގެ ބަޔާނުގައިވެއެވެ.
އެ ގައުމުން ބުނީ މަރުވި މީހުންގެ އަދަދު މަދުވެގެން 40 އަރާ ކަމަށާއި ނަމަވެސް އެ އަދަދު އެއަށްވުރެ މާ ގިނަވާނެ ކަމަށް ބެލެވޭ ކަމަށެވެ.