އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި ރަޝިޔާގެ ދެ ރައްޔިތަކަށް ނަރވް އެޖެންޓް ބޭނުންކޮށްގެން ޙަމަލާދިން މައްސަލައިގައި ލަންޑަނާއި މޮސްކޯގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވަނިކޮށް ވާހަކަ ދެއްކުމަށް ރަޝިޔާއިން އިނގިރޭސީންނަށް ހުށަހަޅައިފިއެވެ.
ލަންޑަނުގައި ހުންނަ ރަޝިޔާގެ އެމްބަސީއިން ބުނީ ރަޝިޔާ ސަފީރު އެލެގްޒެންޑަރ ޔަކޮވެންކޯ އާއި އިނގިރޭސި ޚާރިޖީ ވަޒީރު ބޮރިސް ޖޯންސަން ބައްދަލުކުރެއްވުމަށް ރަޝިޔާގެ އެމްބަސީއިން ހުށަހަޅާފައިވާކަމަށެވެ. އަދި ސަފީރުގެ ސިޓީފުޅެއް ބޮރިސް ޖޯންސަންއަށް އަރުވާފައިވާކަމަށް ރަޝިޔާގެ އެމްބަސީއިން ބުނެއެވެ. ހޮނިހިރު ދުވަހު ރަޝިޔާ އެމްބަސީއިން ބުނީ ނަރވް އެޖެންޓް ހަމަލާގެ މައްސަލައިގައި ދެޤައުމުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާއިރު، އެކަށީގެންވާ މިންވަރަކަށް އިނގިރޭސި ޚާރިޖީ އޮފީހާއި ރަޝިޔާ އެމްބަސީއާއި ދެމެދު ވާހަކަ ނުދެކެވޭކަމަށެވެ.
ރަޝިޔާގެ ހުށަހެޅުމާއި ގުޅޭގޮތުން އިނގިރޭސި ޚާރިޖިއްޔާއިން ބުނީ ރަޝިޔާގެ ސަފީރާއި އިނގިރޭސި ޚާރިޖީ ވަޒީރު ބައްދަލުކުރެއްވުމަށް ރަޝިޔާއިން ހުށަހެޅުމުން އެކަމާއި މެދު ވިސްނަމުންދާކަމަށާއި، ރަޝިޔާ އެމްބަސީއަށް ޖަވާބެއް ދޭނެކަމަށެވެ. އެހެންނަމަވެސް ރަޝިޔާއިން މަސައްކަތްކުރަނީ އަސްލު މައްސަލައިގެ މިސްރާބު ބަދަލުކުރުމަށްކަމަށް އިނގިރޭސި ޚާރިޖިއްޔާއިން ތުހުމަތުކުރެއެވެ. ފާއިތުވި 3 ހަފްތާއެއްހާ ދުވަހު ނަރވް އެޖެންޓް ހަމަލާގެ މައްސަލައިގައި އިނގިރޭސީން ކުރި އެއްވެސް ސުވާލަކަށް ރަޝިޔާއިން ޖަވާބު ދީފައިނުވާއިރު، ކުއްލިއަކަށް ބައްދަލުކޮށް ވާހަކަ ދައްކަން ރަޝިޔާއިން ހުށަހެޅީ އެހެންވެކަމަށް އިނގިރޭސި ޚާރިޖީ އޮފީހުން ތުހުމަތުކުރެއެވެ.
އަދި ޚާއްސަކޮށް ނަރވް އެޖެންޓް ހަމަލާގެ އަމާޒަކަށްވި ސަރްގޭ ސްކްރިޕާލް އާއި އޭނާގެ ދަރިފުޅު ޔޫލިއާގެ ޙާލު ރަނގަޅުވާން ފެށުމުންނާއި، ރަޝިޔާއަށް ބައިނަލްއަޤްވާމީ ފިއްތުންތައް އިތުރުވުމުގެ ސަބަބުން ރަޝިޔާއިން މިމައްސަލައިގެ މިސްރާބު ބަދަލުކުރަން އުޅޭކަމަށް ޤަބޫލުކުރެވޭކަމަށް އިނގިރޭސިވިލާތުން ބުނެއެވެ.
ރަޝިޔާއާއި އިނގިރޭސިވިލާތުގެ ގުޅުން ގޯސްވީ މިިދިޔަ މާޗް މަހުގެ 4 ވަނަ ދުވަހު އިނގިރޭސި ވިލާތުގެ ލަންޑަނުގެ ސެލިސްބަރީގައި ސްކްރިޕާލްއާއި އޭނާގެ އަންހެން ދަރިފުޅަށް ނަރވް އެޖެންޓް ބޭނުންކޮށްގެން ހަމަލާދިނުމާއި ގުޅިގެންނެވެ. ހަމަލާދިނީ ރަޝިޔާއިންކަމަށް އިނގިރޭސިވިލާތުން ތުހުމަތުކުރިނަމަވެސް ރަޝިޔާއިން އެކަން ދޮގު ކުރެއެވެ. މިމައްސަލައިގައި ލަންޑަނުގައި ހުންނަ ރަޝިޔާގެ އެމްބަސީގެ ބައެއް މުވައްޒަފުން އިނގިރޭސިވިލާތުން ފައިބަން އެންގުމާއިއެކު، ބަދަލު ހިފުމުގެ ގޮތުން ރަޝިޔާއިން ވަނީ މޮސްކޯގައި ހުންނަ އިނގިރޭސި އެމްބަސީގެ މުވައްޒަފުންތަކެއް އެޤައުމުން ފައިބަން އަންގައި، ރަޝިޔާގެ ދެވަނައަށް އެންމެ ބޮޑު ސިޓީކަމަށްވާ ސެއިންޓް ޕީޓަރސްބަރގްގައި ހުންނަ އިނގިރޭސި ކޮންސިއުލޭޓް ބަންދުކޮށްފައެވެ. އެއާއިއެކު ހުޅަނގުގެ އެކި ޤައުމުތަކުން ރަޝިޔާއާއި ދެކޮޅަށް ޑިޕްލޮމެޓިކް ފިޔަވަޅު އަޅައި، އެޤައުމުތަކުގައި ތިބި ރަޝިޔާގެ އެމްބަސީގެ މުވައްޒަފުންގެ އަދަދު މަދުކުރުމަށް އެންގިއެވެ.
މަހަކަށްވުރެ ގިނަ ދުވަހު ހޮސްޕިޓަލުން ފަރުވާ ހޯދުމަށްފަހު ސްކްރިޕާލްއާއި އޭނާގެ ދަރިފުޅުގެ ޙާލު ރަނގަޅުވަމުން އަންނަކަމަށް އިނގިރޭސިވިލާތުގެ އޮފިޝަލުން ހާމަކުރައްވައެވެ.