އިނގިރޭސިވިލާތުގެ ސެލިސްބަރީގައި މިދިޔަ މާޗް މަހު ބަޔަކު ނަރވް އެޖެންޓް ބޭނުންކޮށްގެން ޙަމަލާ ދިން ރަޝިޔާގެ ޖާސޫސީ އިދާރާގެ ކުރީގެ އޮފިޝަލެއްކަމަށްވާ ސަރްގޭ ސްކްރިޕާލްގެ ޙާލު ރަނގަޅުވަމުން އަންނަކަމަށް ސެލިސްބަރީގެ ޑިސްޓްރިކްޓް ހޮސްޕިޓަލުން ބުނެފިއެވެ.
އެ ހޮސްޕިޓަލުން ބުނީ ސްކްރިޕާލްއަށް ދެމުންދާ ފަރުވާއާއި ގުޅިގެން އޭނާގެ ޙާލު ރަނގަޅުވަމުން އަންނަކަމަށެވެ. 66 އަހަރުގެ ސްކްރިޕާލްއާއި އޭނާގެ ދަރިފުޅު ޔޫލިއާ އަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާތާ މިހާރު ވަނީ މަހެއްހާ ދުވަސްވެފައެވެ. އެދެމީހުން ބެންޗެއްގެ މަތީގައި ހޭނެތިފައި ތިއްބާ ފެނުމާއިއެކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށިއިރު، އެމީހުންނަށް ހަމަލާދީފައިވަނީ ނޮވިޗޮކް ކިޔާ ނަރވް އެޖެންޓެއް ބޭނުންކޮށްގެންނެވެ.
މިޙަމަލާގެ ފަހަތުގައިވަނީ ރަޝިޔާގެ ސަރުކާރުކަމަށް އިނގިރޭސި ސަރުކާރުން ތުހުމަތުކުރިނަމަވެސް، މޮސްކޯއިން އެކަން ދޮގުކުރެއެވެ. ރަޝިޔާއިން އދއަށް ކަނޑައަޅާފައިވާ ސަފީރު ވެސިލީ ނެބެންޒިއާ އދގެ ސަލާމަތީ މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އިނގިރޭސިވިލާތުން އެކުޅެނީ 'އަލިފާނާއި'ކަމަށެވެ. އަދި އިނގިރޭސީން ފަތުރަމުންދަނީ ދޮގު ޚަބަރެއްކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
ޙަމަލާގެ ފަހަތުގައި ރަޝިޔާ އޮތްކަމަށް އިނގިރޭސިވިލާތުން ތުހުމަތުކުރުމާއިއެކު ހުޅަނގުގެ ގިނަ ޤައުމުތަކެއްވަނީ ރަޝިޔާއާއި ދެކޮޅަށް ފިޔަވަޅު އަޅާފައެވެ. އެގޮތުން ހުޅަނގުގެ ވިއްސަށްވުރެ ގިނަ ޤައުމުން ވަނީ އެޤައުމުތަކުގައި ތިބޭ ރަޝިޔާގެ ޑިޕްލޮމެޓުންގެ ތެރެއިން ބައެއް މީހުން އަނބުރާ ރަޝިޔާއަށް ފޮނުވާލާފައެވެ. އަދި މިމައްސަލައިގައި ބަދަލު ހިފުމުގެ ގޮތުން ރަޝިޔާއިންވެސް ވަނީ މޮސްކޯގައި ހުންނަ އިނގިރޭސި އެމްބަސީގެ މުވައްޒަފުންގެ އަދަދުވެސް މަދުކޮށްފައެވެ. އަދި މީގެ އިތުރުން ރަޝިޔާގެ ސެއިންޓް ޕީޓަސްބަރގްގައި ހުރި އިނގިރޭސި ކޮންސިއުލޭޓްވެސް ވަނީ ބަންދުކޮށްފައެވެ.
ސްކްރިޕާލްއަކީ ރަޝިޔާގެ ޖާސޫސީ އިދާރާގައި ކުރިން މަސައްކަތްކުރި އިސް މުވައްޒަފެކެވެ. އެހެން ނަމަވެސް އިނގިރޭސިވިލާތަށް ޖާސޫސުކޮށްދިންކަމުގެ ތުހުމަތުކުގައި އޭނާ ރަޝިޔާގައި ޖަލަށް ލެވުނެވެ. އަދި ޖަލުން މިނިވަންވުމާއިއެކު އޭނާ ދިރިއުޅެމުން ދިޔައީ އިނގިރޭސިވިލާތުގައެވެ.