ކޮޕާ ޑެލްރޭގައި ބާސެލޯނާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި އެވެ.
ބުރާސްފަތި ދުވަހުގެ ރޭ މުބާރާތުގެ ގަދަ 16 ގައި ކުޅުނު މެޗު ބާސާއާ ވާދަކޮށް އެތުލެޓިކް އިން ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ.
އެތުލެޓިކް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބާސާގެ ފަރާތުން މޮޅު ކުޅުމެއް ވަނީ ފެނިގެންގޮސްފައެވެ. އެގޮތުން އެޓީމަށް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ވެސް ލިބި ބޭކާރުވެފައެވެ.
އެހެން ނަމަވެސް ބާސާ އިން ރަނގަޅަށް ކުޅެމުންދިޔަ ދަނޑިވަޅެއްގައި އެތުލެޓިކް އިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު 25 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އަޑުރިޒް އެވެ.
އޭގެ ތިން މިނެޓު ފަހުން އެތުލެޓިކް އިން ވަނީ މެޗުގެ ލީޑު ފުޅާކޮށްފަ އެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ވިލިއަމްސް އެވެ. މި ލަނޑުތަކަށް ފަހު ވެސް އެތުލެޓިކް އިން ދިޔައީ ބާސާގެ ހާފަށް ބާރުބޮޑުކުރަމުންނެވެ.
ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއިން ބާސާގެ މައްޗަށް އެތުލެޓިކް ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފްގައި ފެށިގެން ބާސާ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށްފަ އެވެ. އެގޮތުން އެޓީމުން ވަނީ ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ދެވަނަ ހާފްގައި ތަނަވަސްކޮށްފަ އެވެ.
އެގޮތުން 52 ވަނަ މިނެޓުގައި ބާސާ އިން ވަނީ މެޗުގެ ލީޑު ނަގާފަ އެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލިއޮނެލް މެސީ އެވެ. މި ލަނޑަށް ފަހު ވެސް ބާސާ އިން ދިޔައީ އެތުލެޓިކްގެ ގޯލަށް ނުރައްކާކުރަމުންނެވެ.
މި މެޗުގެ ފަހު 20 މިނެޓު ތެރޭގައި އެތުލެޓިކްގެ ރައުލް ގާސިއާ އަދި އެންޑްރޭ އަށް ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ. އެގޮތުން މެޗުގެ ފަހު 10 ވަރަކަށް މިނެޓު އެޓީމު ކުޅުނީ ނުވަ ކުޅުންތެރިންނާއެކުގައެވެ.
މި ދެޓީމު ބައްދަލު ކުރާ ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 12 ވަނަ ދުވަހު އެވެ. އެ މެޗު ބާސާ އިން އެއް ލަނޑުގެ ލީޑަކުން ކާމިޔާބުކޮށްގެން ނޫންގޮތަކަށް ދެވަނަ ބުރަށް ނުދެވޭނެ އެވެ.