ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާ މިސްރުގެ ކުރީގެ ރައީސް މުރްސީ އާމެދު އަމަލު ކުރައްވާ ގޮތުން އޭނާގެ އުމުރު ކުރުވެދާނެ ކަމަށް އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުންނާއި ގާނޫނީ ވަކީލުންތަކެއް ވިދާޅުވެއްޖެ އެވެ.
އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުންނާއި ގާނޫނީ ވަކީލުންތަކެއް ގުޅިގެން އެކުލަވާލާފައިވާ ޑިޓެންޝަން ރިވިއު ޕެނަލް އިން ބުދަ ދުވަހު ނެރުނު ރިޕޯޓުގައި ވަނީ، މުރްސީ އަށް އެކަށޭނަ ސިއްހީ ފަރުވާ ފޯރުކޮށްދެމުން ނުދާ ކަމަށާއި، ހާއްސަކޮށް ހަކުރު ބައްޔާއި، ފުރަމެއަށް ދިމާވެފައިވާ ބައްޔަށް ރަނގަޅު ފަރުވާއެއް ފޯރުކޮށްދެމުން ނުދާ ކަމަށެވެ.
އަދި އެކަމުގެ ސަބަބުން މުރްސީގެ ސިއްހީ ހާލުކޮޅު ދަށްވެ، އޭނާގެ އުމުރު ކުރުވުން އެކަށީގެންވާ ކަމަށް އެރިޕޯޓުގައިވެއެވެ.
މީގެ އިތުރުން މުރްސީ އާމެދު އަމަލު ކުރަމުންދަނީ މިސްރާއި ބައިނަލްއަޤްވާމީ ގާނޫނުތަކާއިވެސް ޚިލާފަށް ކަމަށާއި، ޖަލުގައި މުރްސީ އަށް ލިބެމުންދާ އަނިޔާތަކަށް މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް-ސިސީ ޒިންމާވެވަޑައިގަންނަވަން ޖެހޭނެ ކަމަށް އެރިޕޯޓުގައިވެއެވެ.
އުމުރުފުޅުން 67 އަހަރު ވެފައިވާ މުރްސީ އަކީ މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކްގެ ދިގު ވެރިކަމުގެ ނިމުން ގެނުވި އިންގިލާބަށް ފަހު އެގައުމުގައި ބޭއްވި ފުރަތަމަ ޑިމޮކްރެޓިކް އިންތިޚާބު ކާމިޔާބު ކުރައްވާ ވެރިކަމަށް ވަޑައިގެންނެވި ރައީސް އެވެ. އެހެންނަމަވެސް 2012 ވަނަ އަހަރު ޖޫން މަހު ފެށި މުރްސީގެ ވެރިކަން 2013 ވަނަ އަހަރުގެ ޖުލައި މަހު ގެނައި އަސްކަރީ ބަގާވާތަކުން ވަނީ ވައްޓާލާފައެވެ.
މުރްސީގެ ވެރިކަން ވައްޓާލުމަށްފަހު، މުރްސީ ނިސްބަތްވެވަޑައިގެންނެވި މުސްލިމް ބްރަދަހުޑް ޕާޓީ މިސްރުގައި މަނާކޮށް، މުރްސީގެ މައްޗަށް ދަނީ އެކި ތުހުމަތުތަކުގައި ޝަރީއަތް ހިންގަމުންނެވެ.
އެގޮތުން، 2012 ވަނަ އަހަރު މިސްރުގެ ރިޔާސީ ގަނޑުވަރުގެ ބޭރުގައި މުޒާހަރާކުރި ފަރާތްތައް ހައްޔަރުކޮށް، އަނިޔާ ދިނުމަށް އަމުރު ކުރި ކަމުގެ ކުށުގައި 2015 ވަނަ އަހަރުގެ އޭޕްރީލް މަހު މުރްސީގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ.
މީގެ އިތުރުން، މިސްރުގެ ސިއްރު މައުލޫމާތު ޤަތަރަށް ފޯރުކޮށްދިނުމުގެ ކުށުގައި 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު އިތުރު 25 އަހަރުގެ ޖަލު ހުކުމެއް މުރްސީގެ މައްޗަށް އިއްވާފައިވެއެވެ. އަދި ޝަރުއީ ދާއިރާ އަށް އިހްތިރާމް ކުޑަކުރުމުގެ ކުށުގައި މިދިޔަ ޑިސެމްބަރު މަހު 3 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ.
މުރްސީ މިވަގުތު ހުކުމް ތަންފީޒް ކުރަމުންދަނީ ސްކޯޕިއަން ޕްރިޒަންގެ ގޮތުގައި މަޝްހޫރު ތޯރާ ޖަލުގައެވެ. ތޯރާ ޖަލުގެ އެކަހެރި ބަންދުގައި މުރްސީ ހުންނަވާތާ ތިން އަހަރު ވެފައިވާ ކަމަށް ޑިޓެންޝަން ރިވިއު ޕެނަލް އިން ބުނެއެވެ.
ޑިޓެންޝަން ރިވިއު ޕެނަލްގެ ރިޔާސަތު ބަލަހައްޓަވަނީ އިނގިރޭސިވިލާތުގެ ގާނޫނު ހަދާމަޖިލީހުގެ މެމްބަރު ކްރިސްޕިން ބްލަންޓް އެވެ. އެ ޕެނަލްގެ ރިޕޯޓް އެކުލަވާލުމަށް މައުލޫމާތު ހޯދާފައިވަނީ މުރްސީގެ ދަރިކަލުންގެ ބަޔާންތަކާއި، މުރްސީގެ ސިއްހީ ހާލުކޮޅާއި ބެހޭ މައުލޫމާތު އެނގޭ ސިއްހީ ތަޖުރިބާކާރުން ހިމެނޭ ގޮތަށް ތަފާތު އެކި މަސްދަރުތަކުން ކަމަށް ބްލަންޓް ވިދާޅުވި އެވެ.
އެ ޕެނަލްގެ ރިޕޯޓް އެކުލަވާލުމުގެ ކުރިން މުރްސީގެ ބަންދުގެ ހާލަތު ދެނެގަތުމަށް މުރްސީގެ އަރިހަށް ޒިޔާރަތް ކުރުމުގެ ހުއްދައަކަށް އެ ޕެނަލް އިން އެދުނު ނަމަވެސް، މިސްރުގެ ސަރުކާރުން އެ ހުށަހެޅުމަށް ޖަވާބެއް ދީފައެއްނުވެއެވެ.