ކ. މާލެ
|
24 ޖެނުއަރީ 2018 | ބުދަ 11:13
ފައިނަލްގެ ޖާގައެއް ކަށަވަރުވުމާ އެކު ސިޓީގެ ކުޅުންތެރިން
ފައިނަލްގެ ޖާގައެއް ކަށަވަރުވުމާ އެކު ސިޓީގެ ކުޅުންތެރިން
ގެޓީ އިމޭޖަސް
އިނގިރޭސި ލީގު ކަޕް
އިނގިރޭސި ލީގު ކަޕް: ސިޓީއާ އެކު ގާޑިއޯލާ ފުރަތަމަ ފައިނަލަށް
ރަށުން ބޭރުގައި ކުޅުނު މި މެޗުން ސިޓީ މޮޅުވީ 3-2 ގެ ނަތީޖާއަކުން
އެ ޓީމަށް ފައިނަލުގެ ޖާގައެއް ކަށަވަރުވީ 5-3 ގެ އެގްރިގޭޓް ނަތީޖާއަކުން ބްރިސްޓޮލް ސިޓީ ބަލިކޮށްގެން
މެންޗެސްޓާ ސިޓީ އިން ވަނީ މި މުބާރާތް 2014 ވަނަ އަހަރާއި 2016 ކާމިޔާބުކޮށްފައި

އިނގިރޭސި ލީގު ކަޕްގައި ބްރިސްޓޮލް ސިޓީ ބަލިކޮށް ޕެޕް ގާޑިއޯލާގެ މެންޗެސްޓާ ސިޓީ އިން ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ރަށުން ބޭރުގައި ކުޅުނު މި މެޗުން ސިޓީ މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ. އެ ޓީމަށް ފައިނަލުގެ ޖާގައެއް ކަށަވަރުވީ 5-3 ގެ އެގްރިގޭޓް ނަތީޖާއަކުން ބްރިސްޓޮލް ސިޓީ ބަލިކޮށްގެންނެވެ. މި ދެ ޓީމު އެޓިހާދް ސްޓޭޑިއަމްގައި ކުޅުނު ފުރަތަމަ ލެގު ނިމުނީ 2-1 ގެ ނަތީޖާއަކުން ސިޓީގެ މައްޗަށް ބުރަވެގެންނެވެ. ފުރަތަމަ ލެގުގައި ކުޅުނު ސިޓީގެ ޓީމުގައި ނުހިމެނޭ ފަސް ކުޅުންތެރިޔަކު ދެވަނަ ލެގުގައި ކުޅެފައިވެއެވެ. އޭގެތެރޭގައި ނިކޮލަސް އޮޓަމެންޑީ އަދި ޑޭވިޑް ސިލްވާ ހިމެނެއެވެ.

ފުރަތަމަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ސިޓީ އިންނެވެ. މެޗުގެ 43 ވަނަ މިނެޓުގައި އެ ޓީމަށް މި ލަނޑު ޖަހައިދިނީ މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ޖަރުމަނުގެ ޒުވާން ވިންގަރ ލެރޯއި ސާނޭއެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ސިޓީ އިން ފުރަތަމަ ހާފު ނިންމާލި އިރު އެ ޓީމުން ވަނީ ދެވަނަ ހާފުގައި ކުޅުން ވަރުގަދަކޮށްފައެވެ. ދެވަނަ ހާފު ފެށިގެން ހަތަރު މިނެޓު ނުވަނީސް ސާޖިއޯ އަގުއޭރޯ ވަނީ ލަނޑެއް ޖަހައިދީ ސިޓީއަށް ފައިނަލުގެ އުއްމީދު ބޮޑުކޮށްދީފައެވެ. އެހެން ނަމަވެސް މެޗުގެ 64 ވަނަ މިނެޓުގައި ބްރިސްޓޮލް ސިޓީގެ މާލޮން ޕާކާ ވަނީ ލަނޑެއް ޖަހައިދީ އެ ޓީމަށް ފައިނަލުގެ އުއްމީދު އާކޮށްދީފައެވެ. ބްރިސްޓޮލް ސިޓީ އިން ވަނީ 90 ވަނަ މިނެޓުގައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު ޖެހީ އެޑެން ފްލިންޓްއެވެ. ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ކުޅެން ދެއްކި އިތުރު ވަގުތުގެ ތެރޭގައި ކެވިން ޑެބްރައިނާ ވަނީ ލަނޑެއް ޖަހައިދީ ސިޓީއަށް ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްދީފައެވެ.

މި މުބާރާތުގެ ފައިނަލް ވެގެންދާނީ ޕެޕް ގާޑިއޯލާ މެންޗެސްޓާ ސިޓީގެ ކޯޗުކަމާއި ހަވާލުވި ފަހުން އެ ޓީމުން ބޮޑު މުބާރާތެއްގެ ފައިނަލް އިން ޖާގަ ހޯދި ފުރަތަމަ މުބާރާތަށެވެ. ސިޓީއާ ފައިނަލުގައި ނުކުންނާނީ އާސެނަލްއާ ޗެލްސީއާ ދެ ޓީމު ކުޅޭ ސެމީ ފައިނަލުގެ ދެވަނަ ލެގުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ. މެންޗެސްޓާ ސިޓީ އިން ވަނީ މި މުބާރާތް 2014 ވަނަ އަހަރާއި 2016 ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް