ނޫރާނީއާގެއަކީ ދުވަހަކުވެސް ކުއްޔަށް ބަޔަކު އުޅުނު ގެއެއް ނޫންކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިޙުގެ ކޮއްކޯފުޅު އައިޝަތު މުހައްމަދު ސާލިޙު ވިދާޅުވެއްޖެއެެވެ.
އައިޝަތު މުހައްމަދު ސާލިހް މިހެން ވިދާޅުވެފައިވަނީ ހޮނިހިރު ދުވަހު ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއަކާއި ގުޅިގެންނެވެ.
އާންމުވި ވީޑިއޯގައި އަންހެނަކު ބުނެފައިވަނީ، އޭނާ އަކީ ހިންނަވަރުގެ ރައްޔިތެއް ނަމަވެސް ދިރިއުޅެމުންދިޔައީ މާލޭގައި ކަަމަށެވެ. އަދި ހިންނަވަރަށް ދިޔަ ދިޔުމުގައި އޭނާ ކުއްޔަށް އުޅެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިޙުގެ ގެކޮޅު ކަމަށްވާ ނޫރާނީއާގޭގައި ކަމަށެވެ.
މިކަމާ ގުޅިގެން އާދިއްތަ ދުވަހު އައިޝަތު މުހައްމަދު ސާލިޙު ވަނީ ރައްދު ދެއްވާފައެވެ.
އައިޝަތު މުހައްމަދު ސާލިހް ވިދާޅުވެފައިވަނީ، ނޫރާނީ އާގެއަކީ ދުވަހަކުވެސް ކުއްޔަށް ދިން ގެއެއް ނޫންކަމަށެވެ. އެހެންކަމުން، އާންމުވި ވިޑީއޯގައި ވާހަކަދައްކާ އަންހެން މީހާގެ ވާހަކަތަކަކީ ދޮގު ވާހަކަތަކެއްކަމަށެވެ.
އާއިޝަތު މުހައްމަދު ސާލިހް އިތުރަށް ވިދާޅުވީ، އެ ފަދަ ޕޯސްޓްތަކަށް އާންމުގޮތެއްގައި ރައްދު ނުދެއްވާކަމަށާއި، އެހެންނަމަވެސް ގިނަ ބައެއްގެ ސުވާލުތަކެއް އަމާޒުވަމުންދާތީވެ ޖަވާބު އެރުއްވީކަމަށެވެ. އަދި މިފަދަ ދޮގު ހަދައިގެން ވާހަކަ ނުދެއްކުމަށްވެސް އޭނާ ވަނީ އެފަދަ މީހުންގެ ކިބައިން އެދިވަޑައިގެންފައެވެ.
މީގެއިތުރުން މި ވީޑިއޯ އާއި ގުޅިގެން ރައްޔިތުން މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒްވެސް ވަނީ ރައްދު ދެއްވާފައެވެ. އެގޮތުން، ނިޔާޒު ވިދާޅުވެފައިވަނީ، ނޫރާނީއާގެއަކީ އެ ބޭފުޅާވެސް އުފަން ގެކަމަށާއި، އެއީ ދުވަހަކުވެސް ބަޔަކަށް ކުއްޔަށް ދިން ގެއެއް ނޫންކަމަށެވެ. އަދި ދުވަހަކުވެސް ބަޔަކު އެ ގޭގައި ކުއްޔަށް ނޫޅޭ ކަމަށް ވިދާޅުވެ ނިޔާޒުވެސް ވަނީ މި ވީޑިއޯގައި ވާހަކަދައްކާ އަންހެން މީހާގެ ވާހަކަތައް ދޮގުކުރައްވާފައެވެ.
