ކ. މާލެ
|
23 ނޮވެންބަރ 2017 | ބުރާސްފަތި 05:00
ސްރީލަންކަން އެއަރލައިންސް
ސްރީލަންކަން އެއަރލައިންސް
ސްރީލަންކަން އެއަރލައިންސް
ސްރީލަންކަން އެއަރލައިންސް
ސްރީލަންކަން އެއަރލައިންސް: އޭޝިއާ ސަރަހައްދުގެ ވައިގެ ދަތުރުފަތުރުގެ ގަދަ ބާރަކަށް ވަނީ
އޮސްޓްރޭލިއާގެ ސިޓީތަކަށް ކުރާ ދަތުރުތަކަށް ލަންކާގެ އިތުރުން އިންޑިއާގެ ފަތުރުވެރިންގހެ ތަރުހީބު އަންނަނީ ލިބެމުން

އަވަށްޓެރި ސްރީލަންކާގެ ޤައުމީ އެއަރލައިން، ސްރީލަންކަން އެއަރލައިންސް މިހާރު މިސްރާބު ޖަހާފައި އެވަނީ މިސަރަހައްދުގެ އެންމެ ބޮޑު އެއަރލައިނަށްވުމަށެވެ. ދެކުނު އޭޝިއާ ސަރަހައްދުގައި މިހާރުވެސް އެންމެ ފުޅާ ދާއިރާއެއްގައި ޚިދުމަތްދޭ އެއް އެއަރލައިނަކީ ސްރީލަންކަން އެއަރލައިންސްއެވެ.

ރާއްޖެއަށް  މިހާރުވެސް އެންމެ ގިނަ ފްލައިޓް ދަތުރުކުރާ ބައިނަލްއަޤްވާމީ އެއަރލައިނަކީ ސްރީލަންކަން އެއަރލައިންސްއެވެ. އަދި އިންޑިއާގެ މާކެޓުގައި މިހާރުވެސް ސްރީލަންކަން އެއަރލައިންސް ރަނގަޅަށް ފައި ހަރުކޮށްލާފައިވާއިރު، ބައެއް މަންޒިލްތަކަށް އިންޑިއާގެ ފަތުރުވެރިން ގެންދިޔުމަށް އެއަރ އިންޑިއާއާއި ދަނީ ވާދަކުރަމުންނެވެ. އެގޮތުން ރާއްޖެއަށް އަންނަ އިންޑިއާގެ ފަތުރުވެރިންގެ ކޮންމެވެސް މިންވަރެއް ލަންކާ މަގުން އުފުލުމަށް މިހާރުވެސް ސްރީލަންކަން އެއަރލައިންސްއަށް ޑިމާންޑް އެބައޮތެވެ. މާލޭގެ އިތުރުން އައްޑޫ ގަމަށްވެސް ޝެޑިއުލް ދަތުރުކުރާ ފުރަތަމަ އެއަރލައިނަށް ސްރީލަންކަން ވަނީ ވެފައެވެ. ގަމާއި ކޮޅުނބާއި ދެމެދު ދަތުރުކުރަން ފެށުމުން އައްޑޫ އާއި ފުވައްމުލަކުން ކޮޅުނބަށް ދަތުރުކުރާ މީހުންގެ ޚަރަދު ވަރަށް ބޮޑުތަނުން ވަނީ ކުޑަވެފައެވެ. އިންޑިއާގެ ވެރިރަށް ދިއްލީއާއި ކޮލޮމްބޯއާއި ދެމެދު ކުރިން ދަތުރުކުރަނީ ދުވާލަކު އެންމެ ފްލައިޓެއްކަމުން މި ސެކްޓަރގެ ކޮންޓްރޯލް ސްރީލަންކަން އެއަރލައިންސްއަށް ނެގޭ ގޮތް ނުވިނަމަވެސް، މިހާރު ދުވާލަކު 2 ފްލައިޓަށް ބަދަލުވުމުން އެކަމުގެ ފައިސާ ސްރީލަންކަން އެއަރލައިންސްއަށް ކުރާނެއެވެ.

މީގެ އިތުރުން އިންޑިއާއާއި ސްރީލަންކާގެ ގިނަ ބަޔަކު ދިރިއުޅެމުންދާ އޮސްޓްރޭލިއާގެ ސިޓީތަކާއި އިންޑިއާ ގުޅުވައިދިނުމަށްވެސް ސްރީލަންކަން އެއަރލައިންސްއިން ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން އޮސްޓްރޭލިއާގެ ސިޑްނީ، މެލްބަރން، އަދި ޕަރތް އަށް ކޮޅުނބުގައި ޓްރާންސިޓްކުރާ ގޮތަށް އިންޑިއާގެ މުމްބާއީ އަދި ދިއްލީ ފްލައިޓްތައް އިތުރުކުރުމަށް ސްރީލަންކަންއިން ދަނީ މަސައްކަތްކުރަމުންނެވެ. އަދި ގުޖުރާތާއި ޕަންޖާބަށްވެސް ސްރީލަންކަން އެއަރލައިންސްއިން ދަތުރުކުރަމުންދާއިރު، މި ސިޓީތަކާއިވެސް އޮސްޓްރޭލިއާގެ ސިޓީތައް ގުޅުވާލުމަށް ސްރީލަންކަންއަށް ވަނީ މަގުފަހިވެފައެވެ.

ގުޖުރާތާއި ޕަންޖާބުގެ މާކެޓް އިތުރަށް ހޯދުމަށް ސްރީލަންކަން އެއަރލައިންސްއިން މިހާރު ވަނީ އެސަރަހައްދުގައި ދަތުރުކުރާ ބައެއް ލޯކަލް އޮޕަރޭޓަރުންނާއި ގުޅިގެން މަސައްކަތްކުރަން ފަށާފައެވެ. އެގޮތުން ސްރީލަންކަންއިން ދަތުރު ނުކުރާ އިންޑިއާގެ މަންޒިލްތަކާއި އޮސްޓްރޭލިއާގެ ސިޓީތައް ގުޅުވުމަށް ސްރީލަންކަންއިން އެ އެއަރލައިންތަކާއިއެކު ގުޅިގެން ޚާއްސަ ފެއަރތައް މިހާރުވަނީ ފަށާފައެވެ.

ސްރީލަންކަން އެއަރލައިންސްއިން މީގެ ކުރިން މައިގަނޑު ގޮތެއްގައި ދަތުރުކޮށް އުޅުނީ އިންޑިއާގެ ދެކުނުގެ ސަރަހައްދުތަކަށް ކަމަށްވިޔަސް، މިހާރު އިންޑިއާގެ އުތުރުގެ ހިސާބުތަކަށްވެސް ދަނީ ދަތުރުކުރަމުންނެވެ. އަދި އިންޑިއާގެ ޖުމްލަ 14 މަންޒިލަކަށް ކޮޅުނބުން ދަތުރުކުރާއިރު، މި މަންޒިލްތަކަށް ހަފްތާއަކު 125 ފްލައިޓް ބާއްވައެވެ.

ރާއްޖެ އާއި އޮސްޓްރޭލިއާގެ އިތުރުން އެހެން މަންޒިލްތަކަށްވެސް އިންޑިއާގެ ފަތުރުވެރިން އުފުލުމަށް އޮތް މާކެޓް އަތުލުމަށް ސްރީލަންކައިން ދަނީ ވާދަކުރަމުންނެވެ. އެގޮތުން އިންޑޮނީޝިއާ އަދި ޗައިނާއަށް އިންޑިއާގެ އެއަރލައިންތަކުން ބާއްވާ ފްލައިޓްތަކާއި ސްރީލަންކަން އިން ދަނީ ވާދަކުރަމުންނެވެ.  

ސަރަހައްދުގެ އިތުރު މަންޒިލްތަކަށް ސްރީލަންކަން އެއަރލައިންސްއިން ދަތުރު ފަށާފައިވާއިރު، ކުރިއަށް އޮތްތަނުގައި އެ އެއަރލައިން ވެގެންދާނީ މިސަރަހައްދުގެ އެންމެ ވަރުގަދަ އެއް އެއަރލައިނަށެވެ. އަދި ސަރަހައްދީ ހަބަކަށް ކޮޅުނބުގެ އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ލަންކާ ސަރުކާރުން ގެންދަނީ ކުރަމުންނެވެ. އެގޮތުން ދާދި ފަހުން ބަންޑާރަނަޔަކަ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ރަންވޭގެ މަރާމާތުގެ މަސައްކަތްވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް