ކ. މާލެ
|
9 ނޮވެންބަރ 2017 | ބުރާސްފަތި 00:21
މ. ކުނޫޒްގައި ރައީސް މައުމޫން ވާހަކަ ދައްކަވަނީ
މ. ކުނޫޒްގައި ރައީސް މައުމޫން ވާހަކަ ދައްކަވަނީ
ޓްވިޓަރ
ގުޅިފައިވާ ސިޔާސީ ޕާޓީތައް
މިސަރުކާރު ދަނީ ސައިޒްވަމުން: ރައީސް މައުމޫނު
ރައްޔިތުންނާ އިދިކޮޅު ފަރާތްތަކަކީ ސަރުކާރުގައި ތިބި ފަރާތްތައް
މިނިވަން އިންސާފުވެރި އިންތިޚާބެއް ނޫނިއްޔާ ބައިވެރިވެގެން ނުވާނެ
މަޖިލީހުގެ މެޖޯރިޓީ ބޭނުން ކޮށްގެން ޤައުމު އިސްލާހު ކުރާނަން

މިހާރު މިއޮތް ސަރުކާރު ދަނީ ސައިޒްވަމުން ކަމަށާއި ސަރުކާރުގެ ބޭއިންސާފާއި ދޯހަޅިކަން ދަނީ ފެންނަމުން ކަމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

މ. ކުނޫޒްގައި ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ މަސައްކަތްތަކަށް ކާމިޔާބު ލިބެމުންދާ ކަމަށާއި ސަރުކާރު ދަނީ ސައިޒް ވަމުން ކަމަށެވެ. އަދި ސަރުކާރުން ކުރާ ކަންކަމުގެ ދޯހަޅިކަމާއި ސަރުކާރުގެ ބޭއިންސުފް ދަނީ ފެންނަމުން ކަމަށެވެ.

އިސްލާހަށް މަސައްކަތްކުރާ ޕާޓީތަކުގެ ލީޑަރުންނަށް ޝުކުރު އަދާކުރައްވަމުން ރައީސް މައުމޫން ވިދާޅުވީ އެބޭފުޅުން އެކުރެއްވީ ވަރަށް ބުރަ މަސައްކަތެއް ކަމަށާއި އެކަންކަމުގެ ސަބަބުން ދިމާވެފައިވާ ދެރަ ގޮތްތަކަށް ހިތާމަ ކުރައްވާ ކަމަށެވެ.

ރައީސް މައުމޫން ވިދާޅުވީ ޤާނޫނީ ދައުލަތެއްގެ އަސާސަކީ އެދައުލަތުން ޤާނޫނު އަސާސީ އާއި ޤާނޫނުތަކަށް ކިޔަމަންވުން ކަމަށެވެ. އެނޫން ގޮތަކަށް އެކަމެއް ނުކުރެއްވޭނެ ކަމަށާއި  އެކަން ޤާނޫނު އަސާސީގެ 8  ވަނަ މާއްދާގައި އަދި 260 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންކަމުން ޤާނޫނީ ދައުލަތަކުން ޤާނޫނު އަސާސީ އާއި ޤާނޫންތަކާ ޚިލާފަށް އެއްވެސްކަމެއް ނުކުރާނެ ކަމަށް ވިދާޅުވިއެވެ. 

ރައީސް މައުމޫން ވިދާޅުވީ ކޮންމެ ދުވަހަކު ވެސް ފެންނަނީ ސަރުކާރުން ޤާނޫނުއަސާސީއާ ޚިލާފަށް ކުރާ ކަންކަން ކަމަށާއި އެއީ ބާތިލް ކަންތައްތަކެއް ކަމަށެވެ. އަދި  ރައީސުލް ޖުމްހޫރިއްޔާ ވެސް ކަންކަން ކުރައްވަންވާނީ ގާނޫނުއަސާސީގެ 106 ވަނަ މާއްދާގައި ބުނާ ޤާނޫނީ ހަމަތަކުގެ މަތިން ކަމަށެވެ.

"ޤާނޫން އަސާސީގެ ބޭރުން ކަމެއް ކުރުމުގެ އިޚްތިޔާރެއް ރައީސަކަށް ނޯންނާނެ. ކުރިމަތިވާ ކޮންމެ ކަމެއްގެ ޙައްލު ހޯދަން ޖެހޭނީ ޤާނޫން އަސާސީންނާއި ޤާނޫނުން. މެންބަރުންގެ ގޮނޑީގެ މައްސަލައިގައިވެސް ގޮތެއް ނިންމަންވާނީ ޤާނޫން އަސާސީގައިވާގޮތަށް. ސުޕްރީމް ކޯޓުން އެއަށް ގޮތެއް ނިންމަން ޖެހޭ. އެ ނޫން ގޮތަކަށް ނުކުރެވޭނެ. ސިޔާސީ ޕާޓީގެ 16 ވަނަ މާއްދާގެ (ބ) ގައި ބުނެފައިވަނީ ޕާޓީގެ މެންބަރަކު ސުލޫކީ މިންގަނޑާ ޚިލާފު ވެގެން ޕާޓީން ކެނޑުނަސް އޭނާ އިންތިޚާބުވި މަޤާމެއްގައި ހުންނާނެ. އެހެންކަމުން މެންބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ބުނާ އެއްވެސް ބުނުމެއްގެ މާނައެއް ނެތް. 10 މެންބަރުންގެ ގޮނޑި ހުރީ ސަލާމަތުން. އެމީހުން ކެނޑެންޏާ އެކަން އެހެން ޤާނޫނެއްގައި ބުނާނެ. މަޖިލީހަކުން އިލެކްޝަނަކަށް އެކަން އެގޮތަކަށް ކަނޑައެއް ނޭޅޭނެ. މުއްދަތު ހަމަވަންދެން އެމީހުން ތިބޭނޭ." ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫން ވިދާޅުވީ ގެންނަން ބޭނުންވާ އިސްލާހު ގެންނާނީ ޤާނޫނުގެ ތެރެއިން ކަމަށާއި  ޗާޓުން ބޭރަކުންނެއް ނޫން ކަމަށެވެ.  އެކަންކަން ކުރާނީ އަޣްލަބިއްޔަތު ލިބިފައިވާ މަޖިލީހުން ކަމަށެވެ.

" އެމަޖިލީހުގެ އަޣްލަބިއްޔަތު ލިބިފައި އެބައޮތް. އެކަން ކުރާނަން. އެކަން އެނގޭތީ ސަރުކާރުން ޤާނޫން އަސާސީއާ ޤާނޫނުގެ ބޭރުން މީހުން ހައްޔަރުކޮށް ޖަލަށްލާ އެހަދަނީ. އެމީހުންގެ ބާރު ކުޑަވީމާ" ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކަކީ އިދިކޮޅު ފަރާތްތައް ނޫން ކަމަށާއި  ރައްޔިތުންނާ އިދިކޮޅު މީހުންނަކީ މިހާރު މިއޮތް ސަރުކާރު ކަމަށެވެ. އަދި މިލިބޭ ކާމިޔާބީގެ ސަބަބުން އިދިކޮޅު ފަރާތްތަކުން އެބަ ކަންބޮޑުވާ ކަމަށެވެ.

ރައީސް މައުމޫން ވިދާޅުވީ މިހާރު މިއޮތް ސަރުކާރުން މިހާރު ކަންކަން ކުރަމުންދާ ގޮތުންނާއި މިހާރު މިއޮތް އިލެކްޝަންސް ކޮމިޝަން އެގޮތުގައި ބާއްވައިގެން މިނިވަން އިންސާފްވެރި އިންތިޚާބެއް ނުބޭއްވޭނެ ކަމަށެވެ.

އަދި މިނިވަންކަމެއް އިންސާފެއް ނެތް އިންތިޚާބެއްގައި ބައިވެރިވުމަކީ ބޭކާރު ކަމެއް ކަމަށާއި އެފަދަ އިންތިޚާބެއްގައި ބައިވެރިވެގެން ނުވާނެ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.  

"ރިޔާސީ އިންތިޚާބެއް އޮންނާނެތޯ މިއީ ވަރަށްބޮޑު ސުވާލެއް. އިދިކޮޅު ފަރާތްތަކުން އެކަން ކޮށްފާނެތޯ އެއީ ސުވާލެއް. ބޭއްވިއަސް ނަތީޖާއަށް ވާނީ ކިހިނެއްތޯ. ރިޔާސީ އިންތިޚާބަކަށް ދެވޭނީ މިނިވަން އިންސާފުވެރި އިންތިޚާބެއް ކަމަށް ޔަޤީންވީމާ. އެނޫނިއްޔާ އެކުރެވެނީ ބޭކާރު މަސައްކަތެއް. އެހެންވެ ރިޔާސީ އިންތިޚާބުގެ ވާހަކަ މިދައްކަނީ ވަރަށް ވިސްނުންތެރިކަމާއެކީގައި. އެއަށްވުރެ ބޮޑެތި ކަންކަން އެބަހުރި ކުރެވެން. އެކަން ކުރާނީ މަޖިލީހުގެ މެޖޯރިޓީން. މިހާރު މިއޮތް ގޮތަށް މި އިލެކްޝަންސް ކޮމިޝަން އޮވެގެން މިސަރުކާރު އޮވެގެން ރަނގަޅު އިންތިޚާބެއް ނުބޭއްވޭނެ." ރައީސް މައުމޫން ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް