ކ. މާލެ
|
7 ނޮވެންބަރ 2017 | އަންގާރަ 19:06
ޕީޕީއެމްގެ އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ރައީސް އަބްދުﷲ ޔާމީނާއި ޕާޓީގެ އިސް ބައެއް ބޭފުޅުން
ޕީޕީއެމްގެ އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ރައީސް އަބްދުﷲ ޔާމީނާއި ޕާޓީގެ އިސް ބައެއް ބޭފުޅުން
ޓްވިޓަރ
ކޮރަޕްޝަން ނުހުއްޓުވޭ!
ކޮރަޕްޝަން ހުއްޓުވުމުގެ ނިޔަތެއް ނެތް!
ކޮރަޕްޝަން ހުއްޓުވާނެ ކަމަށް ބުނި ނަމަވެސް އެކަމެއް ނުފެނޭ
އަދީބު މަންޒަރުން ގެއްލުނު ފަހުން ވެސް ކޮރަޕްޝަންގެ އަމަލުތައް ނުހުއްޓޭ
ތަރައްގީގެ މަޝްރޫއުތަކުގައި ކޮރަޕްޝަން

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ މައްޗަށް އެންމެ ބޮޑަށް ކުރެވެނީ ވައްކަމާއި ހިޔާނާތުގެ ތުހުމަތެވެ. ރިޔާސީ ޕްރައިމަރީގައި އެ މަނިކުފާނާ ވާދަކުރެއްވި އުމަރު ނަސީރު ކުރެއްވި ތުހުމަތަކީ ވެރިކަމަށް ރައީސް ޔާމީން ވަޑައިގެންފިނަމަ ސަރުކާރުގެ ތެރޭގައި ވައްކަމާއި ހިޔާނާތް އިންތިހާއަށް އިތުރުވާނެ ކަމެވެ. މި ތުހުމަތު ރައީސް ޔާމީން ދޮގު ކުރެއްވި އެވެ.

ނަމަވެސް، ރައީސް ޔާމީންގެ ވެރިކަން އުފެދިގެން ގާތްގަނޑަކަށް ހަތަރު އަހަރުވެފައިވާއިރު، ކޮރަޕްޝަން ހުއްޓުވަން އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައިވޭތޯ ސުވާލެއް ކޮށްފިނަމަ، ބުނަން އޮތީ ނޫނެކެވެ. ކޮރަޕްޝަން ހުއްޓުވުުމުގެ ގާނޫނުގައި ބުނެފައިވާ ގޮތުން، އެހެން މީހަކަށް މަންފާއެއް ހޯދައި ދިނުމުގެ ގޮތުން ކުރާ ކޮންމެ ކަމަކީ ކޮރަޕްޝަނެވެ. ގާނޫނާއި ގަވާއިދަށާއި އުސޫލްތަކަށް ބަދަލު ގެނަޔަސް، ނުހައްގު މަންފާއެއް ހޯދައި ދިނުމުގެ ނިޔަތުގައި ކުރާ ކަމެއް، ހަމަޔާ އުސޫލަށް ފެއްތޭނެ ހަމައެއް ނޯންނާނެ އެވެ. އެފަދަ އެތައް މިސާލެއްގެ ގޮތުގައި، ބުރިބުރިއަށް އަރައިގެންދާ އެތައް އިމާރާތްތަކާއި ތެޔޮ ސަޕްލައިކުރުމާއި ސިއްހީ ހިދުމަތަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށް ދިނުމާއި ސަރުކާރުގެ މަސައްކަތްތައް ހަވާލުކުރުމާއި ހިންގާ ބައެއް މަޝްރޫއުތައް ހިމެނެ އެވެ.

ނަސަންދުރާ ޕެލަސް ހޮޓެލް ހުރި ބިން، ރައީސް އަބްދުﷲ ޔާމީންގެ ޅިޔަނަކަށް ދިނީ ރަނގަޅަށް ނޫން ކަމަށް އޭސީސީން ނިންމި އެވެ. ޖަލަށް ލާފައި އޮންނެވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާ މި މައްސަލައިގައި ފުލުހުން ސުވާލު ކުރި އެވެ. ކޮރަޕްޝަން ހިމެނުނަސް ނަސަންދުރާ އަކަށް ހުއްޓުމެއް ނެތެވެ. ކުރިން ބޮޑެތި މަޝްރޫއުތައް ހުއްޓުވި އޭސީސީއަށް އެއްވެސް ކަމެއް ނުކުރެވުނެވެ. ކޮރަޕްޝަންގެ ބިންގާ މަތީގައި އިމާރާތް އެހަރަ އަރަނީ އެވެ. ނަމަވެސް ފެންނަ ލޮލެއް ނެތެވެ. އެ މަންޒަރު ފެންނަ ކޮންމެ ފަހަރަކު މި ސަރުކާރުގައި ކޮރަޕްޝަން އޮތް މިންވަރު ރަމްޒުކޮށްދެ އެވެ. ހަމައެކަނި މިކަމެއް ނޫނެވެ. ދަރުމަވަންތަ ހޮސްޕިޓަލްގެ ޓަވަރާއި، ހުޅުމާލޭގައި ބިނާކުރާ ފިނޭންސް މިނިސްޓްރީގެ ބިލްޑިންގ އާއި ބްރިޖާއި އެއާޕޯޓްގެ މަޝްރޫއުގެ އަގަކީ، އެފަދަ މަޝްރޫއަކަށް ހިނގާނެ ހަރަދަށް ވުރެ އިންތިހާއަށް ބޮޑު އަގެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެ އެވެ. އެ މަޝްރޫއުތައް ހަވާލުކޮށްފައި ވަނީ ހާމަކަން ބޮޑު ގޮތެއްގައެއް ނޫނެވެ. އެހެންވެ، މިއީ ކޮރަޕްޝަނުން ފުރިގެންވާ ތަންތަންކަމާއި ބިނާތައްކަން ރަމްޒުކޮށްދެ އެވެ.

މިއީ ތަރައްގީގެ މަޝްރޫއުތައް ހުރި ގޮތެވެ. މުޅި ދައުލަތް ވެސް ވަނީ ހަރާބުކޮށްލައިފަ އެވެ. އެމްއެމްޕީއާރުސީން ވައްކަން ކުރަން ފެށީ އެ ކުންފުނީގެ މެންޑޭޓަށް ރައީސް ޔާމީން ބަދަލު ގެންނަވައި، ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ މަސައްކަތުގެ އިތުރުން ރަށްތަކާއި ފަޅުތައް ވެސް އެ ކުންފުނީގެ ދަށުން ވިއްކޭނެ ގޮތަށް ހެދުމުންނެވެ. އެމްއެމްޕީއާރުސީން ވައްކަން ކުރަމުން ދިޔަކަން އެ މަނިކުފާނުގެ ސަމާލުކަމަށް، އޮޑިޓަ ޖެނެރަލާއި ސިޔާސީ ބައެއް ބޭފުޅުން ގެންނެވުމުން ވެސް އެކަމަށް ބީރު ކަންފަތެއް ނުދެއްވި ނަމަ، ރައްޔިތުންގެ ފައިސާ އެމްއެމްޕީއާރުސީ ތެރެއިން ކައި ހުސްކުރުމަށް ފުރުސަތު ލިބިގެން ނުދާނެ އެވެ.

ދައުލަތް ހަރާބުވެގެން ދިޔައީ، ނައިބު ރައީސް އަހްމަދު އަދީބަށް ދައުލަތް ހިބަކޮށް ދެއްވުމުންނެވެ. ފުލުހުންގެ މުއައްސަސާތަކުގެ ތެރެއަށް އަދީބު ބާރު ފޯރުވަމުން ދިޔަކަން އެނގިވަޑައިގަންނަވަން ވާނީ، ފިނިފެންމާ ލޯންޗްގައި އެއްޗެއް ގޮއްވާލި ހިސާބަކުން ނޫނެވެ. ރާއްޖެ ޓީވީ ރޯކޮށްލި އެވެ. ފެންފޯއް ރުއްތައް ކަނޑާލި އެވެ. އެހެން ޖަރީމާތަކުގައި ވެސް ފުލުހުން ބޭނުންކުރި ކަމަށް ގިނަ ބަޔަކު ބުނަމުން ދިޔަ އެވެ. އެކަންކަމުގެ އަޑީގައި ހުންނެވި އެއް ބޭފުޅަކީ އަދީބު ކަމަށް ބުނަމުންދިޔަ އެވެ. ނަމަވެސް މަނިކުފާނު އޭނާއަށް ދިޔައީ ބާރުތައް ދެއްވަމުންނެވެ. ފިނިފެންމާ ލޯންޗްކޮޅުގެ ތަހްގީގަށް ވެސް އަދީބު ނުފޫޒު ފޯރުއްވި ކަމަށް ތުހުމަތު ކުރެއްވި އެވެ. މިހާ ހިސާބަށް ކަންކަން ދިޔައިރު، މިވަރުގެ ނުފޫޒެއް ފޯރުވަން އަދީބަށް ފުރުސަތު ނުދެއްވާ ކަމަށް ރައީސް ޔާމީން ވިދާޅުވިިއިރު، އޮތީ ކަން ހިނގައި ނިމިފަ އެވެ. އެވަރަށް ނުފޫޒު ފޯރުވީ މަނިކުފާނަށް އެނގިވަޑައިގެން ނޫން ކަމަށް ވިދާޅުވި އެވެ. އެއީ އޭރު ފުލުހުންގެ އޮފީސް ހިންގަވަން ތިއްބެވި ބޭފުޅުން ކުރެއްވި ކަމެއް ކަމަށް ވިދާޅުވި އެވެ.

ކަށި ނެތް ދޫފުޅަކުން ރިވެތި ގޮތަކަށް ބަސްތަކެއް އަތުރާލެއްވިޔަސް ނުފުދެ އެވެ. އޭގެ ފަހުން ވެސް ކަން ހިނގައި ދިޔަ ގޮތް ހަނދުމަފުޅަށް ގެންނަވާށެވެ. ނުދެއްވާ ބާރެއް ބޭނުންފުޅު ކުރައްވައިގެން އަދީބާއި އޭރު ފުލުހުންގެ އިސް ބައެއް ވެރިން މުޅި މުއައްސަސާ ހަރާބުކޮށްލިއިރު، ފުލުހުންގެ އިސްވެރިން މަގާމުން ދުރުކޮށް ތަހްގީގެއް ހިންގިތޯ އެވެ؟ އެ ބޭފުޅުންނަށް އެހެން އޮފީސްތަކުން ބޮޑެތިވެގެންވާ މަގާމުތައް ދެއްވީ އަދީބުތޯ އެވެ. ކޮރަޕްޝަން ހުއްޓުވުުމުގެ ހެޔޮ ނިޔަތެއް އޮތް ވެރިޔަކު ނަމަ، މުޅި ދައުލަތް ހަރާބުކޮށްލި މީހުންނަށް ބޮޑެތި މަގާމުތަކެއް ނުދޭނެ އެވެ. ފުލުހުންގެ މުއައްސަސާ ހަލާކުކޮށްލި މީހުންނަށް އިއްޒަތުގައި ދިރިއެއް ނޫޅެވޭނެ އެވެ.

މި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި އެތައް ބޭފުޅުންނަކާއި ރައީސް ޔާމީން އަރިހުގައި ތިއްބެވި މަޖިލީހުގެ އެތައް މެމްބަރުންނެއް ވަނީ ނުހައްގު ގޮތުގައި މުއްސަނދިވެފަ އެވެ. އެކަން ތަހްގީގު ނުކުރެވެނީ އަދީބުގެ ނުފޫޒުން ހެއްޔެވެ؟ ފައިސާ ގޯނި ހިފައިގެން ދިޔަ މީހާގެ މައްސަލަ ނުބެލެނީ އަދީބުގެ ނުފޫޒުން ހެއްޔެވެ؟ މިކަންކަން ނުބަލާ އޮތުމަކީ ވެސް ހިޔާނާތްތެރިވުމެވެ. ކޮރަޕްޝަނެވެ.

އަދީބު މަންޒަރުން ގެއްލުނުތާ ދެ އަހަރު ވެއްޖެ އެވެ. ނަމަވެސް ކަންކުރާ ވައްޓަފާޅިއަކަށް ބަދަލެއް ނާދެ އެވެ. ދާދި ފަހުން ޕީޕީއެމްގެ އޮފީހެއް ހުޅުވިއިރު، އެތަނުގެ މަސައްކަތް ކުރީ ހައުސިން މިނިސްޓްރީގެ މުވައްޒަފުންނެވެ. އެ މަސައްކަތް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާ ހަވާލުކުރީ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ދީދީ ކަމަށް، މުއިއްޒު އިއުތިރާފުވެވަޑައިގެންނެވި އެވެ. ފާތުމަތު އިބްރާހިމް ދީދީއަކީ، ސަރުކާރުގެ މިނިސްޓަރަކާ މަސައްކަތް ހަވާލުކުރެއްވުމުގެ މެންޑޭޓް އޮތް ބޭފުޅެއް ހެއްޔެވެ؟ އެކަމަނާ ވިދާޅުވެގެން، ސަރުކާރުގެ މުވައްޒަފުންނާއި ތަކެތި ބޭނުންކުރައްވައިގެން ޕީޕީއެމްއަށް ކަމެއް ކޮށްދިނުމަކީ ކޮރަޕްޝަނަށް ނުވާނެ އެއްވެސް ގޮތެއް ނެތެވެ.

ހުރިހާ މައްސަލައެއް ގޮސް ނިމެނީ އަދީބާ ހަމައިން ކަމަށް ރައީސް ޔާމީން ވިދާޅުވި ނަމަވެސް، މިހާރު ކަންކުރަމުންދާ ގޮތުން ކަން އޮތީ އެގޮތަކަށް ނޫންކަން އެނގެ އެވެ. އިންސާފުވެރި ތަހްގީގެއް ހިންގައިފި ހުރިހާ ކަމެއް ގޮސް ހުއްޓިފައި ހުރީ އަދީބާ ހަމައިން ނޫންކަން އެނގޭނެކަން ކަށަވަރެވެ. ގަޓެއް ހުރި ނަމަ މިނިވަން ތަހްގީގަކަށް ހުޅުވާލައްވާށެވެ. އޭރުން ރިޝްވަތުގެ އަމަލުތައް ހިންގާފައިވާ ގޮތާއި، އޭގެ ލާބަ އާއި މަންފާ ލިބިގެންދިޔަ ގޮތާއި މީހުންނާއި ފައިސާ ދައުރުވެފައިވާ މަގުތައް އެނގިގެންދާނެ އެވެ. ގަޓް ހުންނެވި ނަމަ މިނިވަން ތަހްގީގެއް ހިންގަވާށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މުޙައްމަދު ޒާހިރު
- ކޮމެންޓް
7 ނޮވެންބަރ 2017 | އަންގާރަ 23:38
އަލީ
ކޮރަޕްޝަން މިލަފްޒް މިހާރު އިދިކޮޅު މީހުންބޭނުން ކުރަނީ ދިވެހިން ގުނބޯ ހައްދަން ތަރައްގީ ފެނި ހަޖަމް ނުވެގެން..ލޮލް
7 ނޮވެންބަރ 2017 | އަންގާރަ 23:37
އަލީ
ކޮރަޕްޝަން މިލަފްޒް މިހާރު އިދިކޮޅު މީހުންބޭނުން ކުރަނީ ދިވެހިން ގުނބޯ ހައްދަން ތަރައްގީ ފެނި ހަޖަމް ނުވެގެން..ލޮލް