ކ. މާލެ
|
31 އޮކްޓޯބަރ 2017 | އަންގާރަ 12:04
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
ޓްވިޓަރ
އިންވެސްޓްމެންޓް ފޯރަމް
އިންވެސްޓްމެންޓް ފޯރަމް ބޭއްވުމަށް ނިންމާފައި ވަނީ ޑިސެމްބަރު މަހު: އިކޮނޮމިކް މިނިސްޓްރީ
ކުރިން އިންވެސްޓްމެންޓް ފޯރަމް ބޭއްވުމަށް ނިންމާފައި ވަނީ ގަތަރުގައި
އިންވެސްޓްމެންޓް ފޯރަމް ބޭއްވުމަށް ނިންމާފައި ވަނީ ޑިސެންބަރު 18 ވަނަ ދުވަހު

އިންވެސްޓަރުންނަށް ރާއްޖޭގައި ހުރި ފުރުސަތުތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބާއްވާ އިންވެސްޓްމެންޓް ފޯރަމް މިއަހަރުގެ ޑިސެމްބަރު މަހު ބޭއްވުމަށް ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ. 

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގް ވިދާޅުވީ މިއަހަރުގެ އިންވެސްޓްމެންޓް ފޯރަމް ބޭއްވުމަށް ނިންމާފައި ވަނީ ޑިސެންބަރު މަހުގެ 18 ވަނަ ދުވަހު ދުބާއީގައި ކަމަށެވެ. 

ދުބާއީގައި އިންވެސްޓްމެންޓް ފޯރަމް ބޭއްވުމަށް ނިންމި ސަބަބާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ތައުފީގް ވިދާޅުވީ މި ވަގުތުގެ ހާލަތަށް ބަލާއިރު ވިޔަފާރިވެރިންނަށް ވެސް އަދި ފޯރަމްގައި ބައިވެރިވާ އިންވެސްޓަރުންނަށް އެންމެ ފައިދާ ހުރި ގޮތަކީ ދުބާއީގައި އިންވެސްޓްމެންޓް ފޯރަމް ބޭއްވުން ކަމަށެވެ. އަދި ދުބާއީގައި މިއަހަރުގެ ފޯރަމް ބޭއްވުމުން އޭގެ ފައިދާ މިހާރު ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކަށާއި އަދި ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއުތަކަށް ކުރާނެ ކަމަށެވެ.. 

ތައުފީގް ވިދާޅުވީ ދުބާއީގައި ބާއްވާ އިންވެސްޓްމެންޓް ފޯރަމްގައި ރާއްޖޭގެ ގިނަ އިންވެސްޓަރުން ބައިވެރިވާނެ ކަމަށާއި އޭގެ ތެރޭގައި އެސްޓީއޯ އެޗްޑީސީ އަދި މި ނޫން ވެސް ރާއްޖޭގެ ބޮޑެތި ކުންފުނިތައް ހިމެނޭ ކަމަށް ތައުފީގް ވިދާޅުވިއެވެ. އަދި ވިދާޅުވީ މި ފޯރަމްގައި ބައިވެރިވުމަށް ރާއްޖެއިން ބޭރުގެ ބޮޑެތި އިންވެސްޓަރުން ވެސް ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމަށް ތައުފީގް ވިދާޅުވިއެވެ. 

ތައުފީގް ވިދާޅުވި ގޮތުގައި އިންވެސްޓްމެންޓް ފޯރަމްގައި ބައިވެރިވުމަށް ތިން ކެޓަގަރީއެއް ވަނީ ހުޅުވާލެވިފައެވެ. އެގޮތުން ޕްލެޓިނަމް ކެޓަގަރީ ބައިވެރިވާ ފަރާތްތައް ދައްކަން  ޖެހޭނީ 36,000 ޑޮލަރެވެ. އަދި ގޯލްޑް ކެޓަގަރީން ބަައިވެރިވާ ފަރާތްތަކުން 26,000 ޑޮލަރު ދައްކަން ޖެހޭއިރު ސިލްވާ ކެޓަގަރީން ބައިވެރިވާ ފަރާތްތައް ދައްކަން ޖެހެނީ 15,000 ޑޮލަރެވެ. 

މީގެ އިތުރުން އިންވެސްޓްމެންޓް ފޯރަމްގައި ސްޓޯލްތައް ވެސް ދޫކުރާނެ އަގުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ޕްރިއަމް ސްޓޯލްގެ އަގުގެ ގޮތުގައި ކަނޑައަޅާފައި ވަނީ 69,000 ޑޮލަރެވެ. ސްޓޭންޑް ސްޓޯލްތަކުގެ އަގުގެ ގިތުގައި ކަނޑައަޅާފައި ވަނީ 49,000 ޑޮލަރެވެ. ޑޭކޭސް، ޕްރެޒެންޓޭޝަންގެ ސްޓޯލްގެ އަގުގެ ގޮތުގައި 39,000 ޑޮލަރު ކަނޑައަޅާފައިވާއިރު ވީޑިއޯ ވޯލްސް އަށް ކަނޑައަޅާފައިވާ އަގަކީ 19,000 ޑޮލަރެވެ. 

މި އަހަރުގެ އިންވެސްޓްމެންޓް ފޯރަމް ދުބާއީގައި ބޭއްވުމަށް ނިންމާފައިވާއިރު އެންމެ ފުރަތަމަ މިއަހަރުގެ އިންވެސްޓްމެންޓް ފޯރަމް ބާއްވަން ނިންމީ ގަތަރުގައެވެ. ނަމަވެސް ސައުދީ އިސްވެ އޮވެ ގަލްފްގެ ބައެއް ގައުމުތަކުން ގަތަރާ ގުޅުން ކަނޑާލިކަން އިއުލާންކުރުމާ އެކު ދިވެހި ރާއްޖެއިން ވެސް ވަނީ ގަތަރާ އެކު އޮތް ސިޔާސީ ގުޅުން ކަނޑާލިކަން އިއުލާނުކޮށްފައެވެ. ގަތަރަކީ ރާއްޖެ އަށް އެކި ގޮތްގޮތުން ގިނަ އެހީތަކެއް ފޯރުކޮށްދޭ ގައުމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް