ކ. މާލެ
|
27 އޮކްޓޯބަރ 2017 | ހުކުރު 14:23
މިނިސްޓަރ އާސިމް ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަނީ
މިނިސްޓަރ އާސިމް ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަނީ
ފޮރިން މިނިސްޓްރީ
މިނިސްޓަރ އާސިމް
ފޮރިން މިނިސްޓަރ އާސިމް ލުބްނާނަށް ވަޑައިގަތީ އާފަލު ހޯއްދަވަން؟
އޮއްޓަރެއް ހުރި މަޝްރޫޢެއް ނުވަތަ އިންވެސްޓްމަންޓަކާ ބެހޭ ގޮތުން ވާހަކައެއް ނުދެކެވޭ
ސަރުކާރުން މަސައްކަތްކުރަނީ އަރަބި ޤައުމުތަކާ އެކު އޮންނަ ގުޅުން ބަދަހިކޮށްގެން ފައިދާތަކެއް ހޯދަން
ސަރުކާރުގެ ޚާރިޖީ ސިޔާސަތު އަރަބި ޤައުމުތަކާ ދިމާއަށް އަނބުރާލުމުގެ ފައިދާއެއް އަދި ނުފެނޭ

މި ދުވަސްވަރަކީ ޗައިނާ ސަރުކާރުން ރާއްޖެއަށް ލިބޭނެ ކަމަށް ރައީސް ޔާމިންގެ ސަރުކާރުން ހީކުރި ވަރުގެ އެހީތަކެއް ނުލިބޭތީ، އަރަބިން ކައިރިއަށް ސަރުކާރުން ސަލާންޖަހާ ފަށާފައިވާ ދުވަސްވަރެވެ. ތެލުގެ މުއްސަނދިކަން ލިބިފައިވާ މެދުއިރުމައްޗާއި ގަލްފުގެ ޤައުމުތަކުން މާ ބައިވަރުތަކެއް ލިބިދާނެ ކަމަށް ހީކޮށް ސަރުކާރުން މިހާރު މަސައްކަތްކުރަނީ އެޤައުމުތަކާ ގުޅުން ބަދަހިކުރުމަށެވެ.

ސައޫދީ އާއި ޔޫއޭއީއާ އެކު އޮންނަ ގުޅުން ސަރުކާރުން ބަދަހިކުރުމަށް މަސައްކަތްކުރާއިރު، އެޤައުމުތަކުގެ ސަރުކާރުތަކުން މިހާރު އެހީތައް ދެނީ ވަރަށް ބަލައިގެންނެވެ. ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި ވެއްޓި، ތެލަށް ބަރޯސާވެފައިވާ އިޤްތިޞާދެއް އޮންނަ މި ދެ ޤައުމުން ވެސް ތެޔޮ ނޫން އެހެން ވަޞީލަތަކުން އާމްދަނީ ހޯދުމަށް ދަނީ މަސައްކަތްކުރަމުންނެވެ. ޔޫއޭއީއިން ވިޔަފާރި އާއި ފަތުރުވެރިކަމާއި ދިމާއަށް މިސްރާބު ޖަހާފައިވާއިރު، ސައޫދީން ވެސް ތެޔޮ ނޫން ސިނާޢަތަކުން ފައިސާ ހޯދުމުގެ މަސައްކަތް، ވަލީޢަޙުދު މުހައްމަދު ބިން ސަލްމާންގެ ބެއްލެވުމުގެ ދަށުން ގެންދަނީ ކުރަމުންނެވެ. އެހެން ކަމުން މިޤައުމުތަކުން ވެސް ހަމަތިބެފައި ބޭރު ޤައުމެއްގައި އިންވެސްޓްކުރުމުގެ ބަދަލުގައި މިހާރު ބަލަނީ ރިޓާރން އޮފް އިންވެސްޓްމަންޓް ރަނގަޅު ދިމަދިމާލުގައި އިންވެސްޓްކުރުމަށެވެ.

ސައޫދީއާއި ޔުއޭއީ އިންވެސް ބޭނުންހާ އަދަދަކަށް ފައިސާ ނުލިބޭތީ ސަރުކާރުން މިހާރު މަސައްކަތްކުރަނީ ސައޫދީ އާއި ގާތް ގުޅުމެއް އޮންނަ އެހެން އަރަބި ޤައުމުތަކުން ފައިސާ އާއި އިންވެސްޓްމަންޓް ގެނައުމަށެވެ. އެގޮތުން ވަޒީރުންގެ ބޭފުޅުން ބަހްރައިންއަށާއި ލުބްނާނަށް މިހާރު ވަޑައިގެން އުޅުއްވާ ކަމަށް ޚަބަރުތައް ލިބެއެވެ.

މީގެ ތެރެއިން ޚާރިޖީ ވަޒީރު ޑރ. މުހައްމަދު އާސިމް ކުރައްވާ ދަތުރުފުޅު ވަރަށް ފާހަގަކޮށްލެވެއެވެ. ޚާރިޖީ ވުޒާރާގެ ޓްވިޓަރ އެކައުންޓުން އެދަތުރުގެ ބައެއް މައުލޫމާތު ހާމަކޮށްފައިވާއިރު، ލުބްނާނުގެ މީޑިއާއިން ލިބުނު މައުލޫމާތެއް ފިޔަވައި މާބޮޑު އިތުރު މައުލޫމާތެއް ނުލިބުނެވެ. ލުބްނާނުގެ ރަސްމީ ޚަބަރުފަތުރާ ވަޞީލަތްތަކުން ބުނާ ގޮތުގައި ޚާރިޖީ ވަޒީރު އާސިމްގެ މިދަތުރުފުޅުގައި ލުބްނާނުގެ ދަނޑުވެރިކަމާ ބެހޭ ވަޒީރު ގާޒީ ޒޮއިތަރުއާ ބައްދަލުކުރެއްވިއެވެ. އަދި ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖެ އާއި ލުބްނާނުގެ ގުޅުން ބަދަހިކޮށް، ލުބްނާނުގައި ހައްދާ އާފަލު ރާއްޖެއަށް ބޭރުކުރުމާ ގުޅޭ ގޮތުން ލުބްނާނުގެ އޮފިޝަލުންނާ އެކު ބެއިރޫތުގައި މަޝްވަރާކުރެއްވިއެވެ. ޚާރިޖީ ވަޒީރު ދިގު ދަތުރެއް ކުރައްވާފައި މިވަޑައިގަތީ އާފަލު އޮރެންޖު ބައްލަވައިގަންނަވަންތޯއެވެ؟

ދެން އޮތީ ލުބްނާނުގެ ވިޔަފާރިވެރިންނާއެކު މިނިސްޓަރ އާސިމް ބޭއްވި ބައްދަލުވުމެވެ. ހޮޓަލެއްގެ ލޮބީއެއްގައި ޕޯޑިއަމްއަކާއި ގޮނޑި މޭޒު ބަހައްޓައިގެން ހައެއްކަ ބޭފުޅުންނާ އެކު ބައްދަލުކުރެއްވުމަށް ފަހު ޚާރިޖިއްޔާއިން ބުނީ މިނިސްޓަރ އާސިމް ލުބްނާނުގެ ވިޔަފާރިވެރިންނާ ބައްދަލުކުރެއްވީ ކަމަށެވެ. މި ވިޔަފާރިވެރިންގެ ތެރޭގައި ލުބްނާނުގެ މާމަޝްހޫރު ވިޔަފާރިވެރިއެއް ނެތެވެ.

މިނިސްޓަރ އާސިމް ބައްދަލުކުރެއްވި ލުބްނާނުގެ ވިޔަފާރިވެރިން

މިދަތުރުފުޅުގައި މިނިސްޓަރ އާސިމް ވަނީ ލުބްނާނުގެ ބޮޑުވަޒީރު ސާދު ހަރީރީގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. އަދި މި ޒިޔާރަތުގައި ދެޤައުމުގެ ގުޅުމުގެ މައްޗަށް ދެބޭފުޅުން ވާހަކަ ދެއްކެވިއިރު، އިޤްތިޞާދީ ގޮތުން ދެޤައުމުގެ ގުޅުން ބަދަހިކުރެވޭނެ ކަމަށް ސާދު ހަރީރީ ވިދާޅުވިއެވެ. އެހެން ނަމަވެސް މިފަދަ ދަތުރުތަކުގައި ޑިޕްލޮމެޓިކް ލެންގުއޭޖުން ދެކެވޭ ވާހަކަތަކަށް ވުރެ ބޮޑަށް ނަތީޖާ ނިކުންނަނީ އަމަލީ ގޮތުން ކުރެވޭ މަސައްކަތްތަކަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
27 އޮކްޓޯބަރ 2017 | ހުކުރު 17:35
ބަލަގަނޭނގޭތަ؟
އާސިމް ޑިގުރީ ހެދީ އެމެރިކަން ޔުނިވާސިޓި އޮފް ބޭރޫތުންނޭ!!! އޭނާ އެތަނަށް ޖައްސާލީ ކިޔަވަން އުޅުނު ރައްޓެހިންނާ ބައްދަލު ކޮށްލާ، މަޖާކޮށްލާ، ޅަދުވަސް އަލުން ގެނެސްލާ ހަދަން. ނޭނގޭތަ؟