ކ. މާލެ
|
25 އޮކްޓޯބަރ 2017 | ބުދަ 12:33
"އެންޓަބެކްސް" ކެމްޕޭނުން ލިބުނު ފާއިސާ ފިޔަވަތިހިޔާއާ ހަވާލުކުރުން
"އެންޓަބެކްސް" ކެމްޕޭނުން ލިބުނު ފާއިސާ ފިޔަވަތިހިޔާއާ ހަވާލުކުރުން
ރިޒްނާ ޒަރީރު
"އެންޓަބެކްސް" ކެމްޕޭން
"އެންޓަބެކްސް" ކެމްޕޭނުން ލިބުނު ފައިސާ ފިޔަވަތިހިޔާއާ ހަވާލުކޮށްފި
މިކެމްޕެއިން އިން ޖުމްލަ 263،952ރ. ލިބިފައިވޭ

"ގިވް ހޯޕް، ރިސީވް ހެލްތް"ގެ ނަމުގައި ލޮޓަސްއިން އިސްނަގައިގެން ރާއްޖޭގެ ފެންވަރުގައި ކުރިއަށްގެންދިޔަ "އެންޓަބެކްސް" ބޮޑު ކެމްޕޭނުން ލިބުނު ފައިސާ ފިޔަވަތިހިޔާއާ ހަވާލުކޮށްފިއެވެ.  

ޗަންޕާ ހޮޓެލްގައި މި ކެމްޕެއިން ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ފިޔަވަތިހިޔާއަށް ޗެކް ހަވާލުކޮށްދެއްވީ ލޮޓަސް ފިހާރައިގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒައިނަލްއެވެ. އަދި ޗެކާ ހަވާލުވެވަޑައިގެންނެވީ ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މަރިޔަމް ޖަބީން އެވެ. 

މިކެމްޕެއިން އިން ޖުމްލަ 263،952ރ. (ދެލައްކަ ފަސްދޮޅަސް ތިން ހާސް، ނުވަސަތޭކަ ފަންސާސް ދެ ރުފިޔާ) ލިބިފައިވެއެވެ.

މިރަސްމިއްޔާތެގައި ލޮޓަސް ފިހާރައިގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒައިނަލް ވިދާޅުވީ މިއީ މެލޭޝިއާގެ ލަމް ސޫން ކުންފުނީގެ އެންޓަބެކްސް އާއި ރާއްޖޭގެ ލޮޓަސް ފިހާރަ އާއި ޖެންޑާ މިނިސްޓްރީ ގުޅިގެން ހުޅުމާލޭގައި ހުންނަ ފިޔަވަތި ހިޔާ އަށް އެހީވުމުގެ ގޮތުން ކުރިއަށްގެންދިޔަ ކެމްޕޭނެއް ކަމަށެވެ. 

މި ކެމްޕޭނުގެ ދަށުން ކަސްޓަމަރުން ގަތް، ކޮންމެ އެންޓަބެކްސް ޝަވާ ޖެލް ފުޅިއަކުން ދެ ރުފިޔާ ފިޔަވަތިހިޔާ އަށް އެހީވާން ހުޅުވާފައިވާ ފަންޑަށް ލިބޭ ގޮތަށް ވަނީ ހަދާފައެވެ. މި ކެމްޕޭނު ކުރިއަށް ގެންގޮސްފައި ވަނީ 15 މެއި 2017 ފެށިގެން އޮގަސްޓް މަހުގެ 15 އާ ހަމައަށެވެ.

އިބްރާހިމް ޒައިނަލް ވިދާޅުވީ މިކެމްޕެއިންއިން ދެ ލައްކަ ރުފިޔާ ފަންޑްރައިޒް ކުރުމަށް ބޭނުންވިއިރު އެކަން ވަރަށް ބޮޑަށް ހާސިލްވެފައިވާ ކަމަށެވެ. އެހެންކަމުން މިފަންޑަށް އެހީތެރިވި ހުރިހާ ކަސްޓަމަރުންނަށް ޝުކުރުއަދާކުރާ ކަމަށެވެ.

މި ކެމްޕޭނު ކުރިއަށްގެންގޮސްފައި ވަނީ އެންޓަބެކްސްގެ އަގަކަށް ވަކި ބަދަލެއް ނުގެންގޮސް ކަމަށް ލޮޓަސްއިން ބުންޏެވެ. މިކެމްޕެއިންއަކީ ކާމިޔާބު ކަމާ އެކު ކުރިއަށް ގެންދިޔަ ކެމްޕެއިނެއް ކަމަށް ލޮޓަސްއިން ފާހަގަކުރިއެވެ.

މި ރަސްމިއްޔާތުގައި ޖެންޑާ މިނިސްޓްރީގެ ފަރާތުން ސްޓޭޓް މިނިސްޓަރ ޖަބީން ވާހަކަދައްކަވަމުން ވިދާޅުވީ އެންޓަބެކްސްގެ ކެމްޕޭނުގެ ސަބަބުން ފިޔަވަތި ހިޔާގައި މިހާރު ގާއިމް ކުރަން ފަށާފައިވާ އާލީ ޗައިލްޑްހުޑް އިންސްޓިޓިއުޝަން ބިނާ ކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ. މިސެންޓަރުން ތައުލީމް އުނގަންނައިދޭނީ މެލޭޝިޔާގެ ކަރިކިއުލަމަށް ކަމަށާއި އަދި ތަމްރީން ލިބިފައި ތިބި މުދައްރިސުން މިހާރު ވެސް އެބަތިބި ކަމަށެވެ. 

އެހެން މިވަގުތު ބޭނުންވަނީ މި ސެންޓަރ ބޭނުންވާ މެޓީރިއަލް ހޯދުމަށް ކަމަށްވާއިރު މި ކެމްޕެއިންގެ ދަށުން ލިބުނު ފާއިސާ ހަރަދު ކުރާނީ އެކަމަށެވެ. މިސެންޓަރުގައި ތައުލީމް އުނގަންނައިދޭނީ ދެ އަހަރާއި ފަސް އަހަރުގެ ކުދިންނަށެވެ. މިވަގުތު ވެސް ފިޔަވަތި ހިޔާގައި 12 އަހަރުން ދަށުގެ 94 ކުދިން އެބަތިއްބެވެ. 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް