ކ. މާލެ
|
16 އޮކްޓޯބަރ 2017 | ހޯމަ 16:37
ޕާސްޕޯޓު ކާޑު ތަޢާރަފްކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ޕާސްޕޯޓު ކާޑު ތަޢާރަފްކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ރިޒްނާ ޒަރީރު
ޕާސްޕޯޓު ކާޑު
ޕާސްޕޯޓު ކާޑު ދޫކުރަން ފަށާނީ 24 އޮކްޓޯބަރގައި!
މި ކާޑަކީ ގިނަ ހިދުމަތްތަކެއް ހޯދޭ ކާޑެއް
ކާޑު ހެއްދެނީ އަލަށް ޕާސްޕޯޓް ހައްދަވާ ފަރާތްތަކަށް
އިލެކްޓްރޯނިކް ޕާސްޕޯޓް ދޫކޮށްފައިވާ ފަރާތްތަކަށްވެސް މިކާޑު ލިބޭނެ

މޯލްޑިވްސް އިމިގްރޭޝަނުން ތަޢާރަފު ކުރި ޕާސްޕޯޓު ކާޑު ދޫކުރަން ފަށާނީ 2017، 24 އޮކްޓޯބަރ ގައި ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

 

ބީ.އެމް.އެލް ގެ ބައިވެރިވުމާއެކު، އަދި އެލައިންޑް ހެލްތް އިންޝުއަރަންސްގެ އެހީތެރިކަމާއެކު، އިމިގްރޭޝަނުން ތަޢާރަފް ކޮށްފައިވާ މިޕާސްޕޯޓު ކާޑު ހެއްދުމަށްޓަކައި ފީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައި ވަނީ -/450ރ ( ހަތަރު ސަތޭކަ ފަންސާސް) ރުފިޔާ އެވެ.

 

ކާޑު ދޫކުރުމަށް ހަމަޖެހިފައި ވަނީ  24 ޖެނުއަރީ 2016 ގެ ފަހުން އީ-ޕާސްޕޯޓު ހައްދާ ދެވިފައިވާ ފަރާތްތަކާއި އަދި އަލަށް އީ-ޕާސްޕޯޓު ހައްދާ ދެވޭ ކޮންމެ ފަރާތަކަށް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

 

ރާއްޖެއިން ފުރައިގެން ދިއުމާއި އަދި ރާއްޖެއަށް އެތެރެވުމުގައި މި ކާޑު ބޭނުން ކުރެވޭނެއެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބަހައްޓާފައިވާ އޮޓޯ-ގޭޓުން ދިއުމަށް ވެސް މި ކާޑު ބޭނުން ކުރެވޭނެއެވެ.  ޕާސްޕޯޓު ކާޑު ބޭނުން ކޮށްގެން ރާއްޖެއިން ފުރައިގެން ދެވުނު ކަމުގައި ވިއަސް، އެހެން ޤައުމުތަކުގެ ބޯޑަރ އިން މި ކާޑުގެ ބޭނުން ކުރަން ފަށާފައި ނުވާތީވެ، ކާޑުގެ ވެރިފަރާތަށް ދޫކުރެވިފައިވާ ޕާސްޕޯޓު ހިފައިގެން ފުރަން ދިއުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސް ކޮށްފައެވެ.

 

 ސެކަންޑް ޖެނެރޭޝަން ބަޔޮމެޓްރިކް ޕާސްޕޯޓު ދޫކުރިއިރު އެހެން ޤައުމު ތަކުގެ އޮޓޯ-ގޭޓު މެދުވެރިކޮށް ދަތުރު ކުރެވޭނެ ގޮތް ހަމަޖެހިފައި ނެތަސް މިހާރު ވަނީ ބައެއް ޤައުމުތަކުގެ އޮޓޯ-ގޭޓު ބޭނުން ކުރެވޭނެ އިންތިޒާމު ހަމަޖެހިފައެވެ.

 

އެހެންކަމުން ކަމާބެހޭ އިދާރާތަކާއި ގުޅިގެން މި ކާޑު އެހެން ޤައުމުތަކުގެ ބޯޑަރގައި ބޭނުން ކުރެވޭނެ ގޮތް ހެދުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށްވެސް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.

 

މި ކާޑަކީ، ފައިސާގެ މުޢާމަލާތް ކުރެވޭ ކާޑަކަށް ވުމުން، އެހެން ފަރާތްތަކާއި ހަވާލު ނުކުރުމާއި، ޚިދުމަތަކާއި ގުޅިގެން ފޮޓޯ ކޮޕީ ހުށަހަޅަންޖެހޭނަމަ، ވެރިފަރާތުގެ ފޮޓޯ އާއި މަޢުލޫމާތު ހިމަނާފައިވާ ފަރާތުގެ ކޮޕީ ދިނުމަށާއި އަދި އެއްވެސް ހާލަތެއްގައި ކާޑުގެ ފުރަގަހުގައިވާ މަޢުލޫމާތު ހާމަވާ ގޮތަށް ކޮޕީ ނުހެއްދުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ކާޑުގެ ވެރިފަރާތް ފިޔަވާ އެހެން ފަރާތަކާއި ހަވާލު ކުރުމުން އެ ކާޑު ބޭނުންކޮށްގެން އޮންލައިން ވިޔަފާރި ކުރެވޭނެތީވެ، އެހެން ފަރާތަކާއި ކާޑު ހަވާލު ނުކުރުމަށާއި އަދި ކާޑު ގެއްލުނަ ނުދިނުމަށް ޚާއްޞަ ސަމާލުކަން ދިނުން މުހިއްމެވެ.

 

މި ކާޑަކީ، މި ދެންނެވި ކަންކަމުގެ އިތުރުން، ކާޑު ހައްދާ ފަރާތުން ބޭނުންވާނަމަ، ނެޝަނަލް އައިޑީ ކާޑާއި، އެލައިޑް އިންސުއަރަންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް އިން ދޫކުރާ  އިންސުއަރަންސްގެ މަޢުލޫމާތު ވެސް ހިމަނާ ދެވޭ ގޮތަށް ތައްޔާރު ކުރެވިފައިވާ ކާޑެކެވެ.

 

މި ކާޑު ގެއްލިއްޖެނަމަ، އެހެނިހެން ކޭޝް ކާޑު ގެއްލުމުން އަމަލު ކުރުމަށް ހަމަޖެހިފައިވާ އުސޫލުން ބޭންކް އޮފް މޯލްޑިވްސްގެ ކާޑު ސެންޓަރަށާއި މޯލްޑިވްސް އިމިގްރޭޝަނަށް ވީ އެންމެ އަވަހަކަށް އަންގަންވާނެ އެވެ.  

 

އަދި މި ކާޑު ގެއްލުމުން އަލުން ކާޑު ހައްދާ ދޭއިރު ކާޑު ޕްރޮސެސިން ފީގެ އިތުރުން ޖޫރިމަނާގެ ގޮތުގައި ފައިސާ ނެގުމަށް ހަމަޖެހިފައި ނުވާކަމަށް އިމިގްރޭޝަނުން ބުންޏެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް