އެޕަލް ކުންފުނީގެ އެންމެ ފަހުގެ އުފެއްދުންތަކުގެ ތެރޭގައި ހިމެނޭ އެޕަލް އައިފޯން 8 އަދި އެޕަލް އައިފޯން 8 ޕްލަސްއަށް ޕްރީ އޯޑަރު ކުރުމުގެ ފުރުޞަތު ދިރާގުން ހުޅުވާލައިފިއެވެ.
ހުކުރު ދުވަހު، ދިރާގުގެ ވެބްސައިޓް މެދުވެރިކޮށް މި ފުރުޞަތު ހުޅުވާލިއިރު، ދިރާގުން ބުނީ އެ ކުންފުނި މެދުވެރިކޮށް ދެގޮތަކަށް ފޯނު ގަނެވޭނެ ކަމަށެވެ. އެގޮތުން، ފުރިހަމަ އަގު އެއްފަހަރާ ދެއްކުމަށްފަހު ފޯނު ގަތުމަށާއި، އެއް އަހަރުދުވަހުން، އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދައްކާގޮތަށް ފޯނު ގަތުމުގެ ފުރުޞަތު ދިރާގުން ވަނީ ހުޅުވާލާފައެވެ.
އެއްފަހަރާ އަގު ދައްކާފައި ފޯނު ގަންނަ ނަމަ، ފޯނުގެ ޖުމްލަ އަގަށް ހެޔޮ ބަދަލެއް އަންނައިރު، އައިފޯން 8 ގެ 64 ޖީބީގެ ފޯނެއް ވިއްކުމަށް ދިރާގުން ނިންމާފައިވަނީ 14،899 ރުފިޔާ އަށެވެ. އަދި އައިފޯން 8 ގެ 256 ޖީބީގެ ފޯނެއް ވިއްކުމަށް އެ ކުންފުނިން ނިންމާފައި ވަނީ 18،199 ރުފިޔާއަށެވެ. އައިފޯން 8 ޕްލަސްގެ 64 ޖީބީގެ ފޯނެއް 16،999 ރުފިޔާއަށް ވިއްކަން ނިންމާފައިވާއިރު، އައިފޯން 8 ޕްލަސްގެ 256 ޖީބީގެ ފޯނެއް ދިރާގުން ވިއްކަން ނިންމާފައި ވަނީ 19،999 ރުފިޔާއަށެވެ.
އައިފޯން 8 އަދި އައިފޯން 8 ޕްލަސްގެ ކޮންމެ ވަރޝަންއެއް ނަމަވެސް، އިންސްޓޯލްމަންޓް އުސޫލުން ވިއްކާއިރު، ޑައުންޕޭމަންޓެއްގެ ގޮތުގައި ދިރާގުން ނެގުމަށް ނިންމާފައިވަނީ 2،999 ރުފިޔާގެ އަގެކެވެ. އިންސްޓޯލްމަންޓްގެ އަގު 12 މަސްދުވަހަށް ބަހާލާއިރު، އައިފޯން 8 ގެ 64 ޖީބީގެ ފޯނަކަށް މަހަކު ދައްކަން ޖެހެނީ 999 ރުފިޔާއެވެ. އަދި އައިފޯން 8 ގެ 256 ޖީބީގެ ވަރޝަންގެ ފޯނަކަށް މަހެއްގެ މައްޗަށް ދައްކަން ޖެހެނީ 1،279 ރުފިޔާއެވެ. މި އުސޫލުން ފޯނު ގަންނައިރު، އައިފޯން 8 ޕްލަސްގެ 64 ޖީބީ ފޯނަށް މަހަކު ދައްކަން ޖެހެނީ 1،179 ރުފިޔާއެވެ. އަދި އައިފޯން 8 ޕްލަސްގެ 256 ޖީބީ ފޯނަށް މަހެއްގެ މައްޗަށް ދައްކަންޖެހެނީ 1،449 ރުފިޔާއެވެ.
އެކުގައި ފައިސާދައްކާފައި ފޯނު ގަތަސް، ނުވަތަ އިންސްޓޯލްމަންޓް އުސޫލުން ފޯނު ގަތް ނަމަވެސް، ފޯނު ގަންނަ ހުރިހާ ފަރާތްތަކަށް ވެސް ހަ މަސްދުވަސް ވަންދެން ކޮންމެ މަހަކު ފަސް ޖީބީގެ ޑޭޓާ ޕެކޭޖެއް ހިލޭ ދިނުމަށް ދިރާގުން ވަނީ ނިންމާފައެވެ.
ތިން ކުލައެއްގައި ބާޒާރަށް ނެރޭ މި ފޯނުގައި އައިފޯނުގެ ކުރީގެ ފީޗަރތައް އިތުރަށް ފުރިހަމަކޮށްގެން ހިމަނާފައިވާއިރު، އެހެން ބްރޭންޑްތަކުގެ ފޯނުތަކުން މީގެ އަހަރުތަކެއް ކުރިން ތަޢާރުފު ކޮށްފައިވާ ފީޗަރތައް ވެސް އިތުރަށް ފުރިހަމަކޮށްގެން އައިފޯންގެ ފަހުގެ މޮޑެލްގައި ވަނީ ހިމަނާފައެވެ.
މި އަހަރު ބޭއްވި އެޕަލް އިވެންޓްގައި މި ދެ ފޯނާއި އެކު، އެޕަލް އައިފޯން 10 ވެސް ނެރެފައިވާއިރު، އެ ފޯނު ބާޒާރަށް ނެރުމަށް އެޕަލް ކުންފުނިން ނިންމާފައިވަނީ މި އަހަރުގެ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހުއެވެ.