ކ. މާލެ
|
13 އޮކްޓޯބަރ 2017 | ހުކުރު 13:03
ރާއްޖެއަށް އެތެރެކުރާ މުދާ
ރާއްޖެއަށް އެތެރެކުރާ މުދާ
މުހައްމަދު ޝަރުހާން
ކަސްޓަމްސް ތަފާސް ހިސާބު
އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި 216 މިލިއަން ރުފިޔާ ލިބިއްޖެ
އިމްޕޯޓު ޑިއުޓީ %6 އިތުރު
އެކްސްޕޯޓު ކުރި މިންވަރު %13 އިތުރު
• ސެޕްޓެމްބަރ މަހު އިމްޕޯޓު ކުރި މިންވަރު %10 އިތުރު

މިއަހަރު ސެޕްޓެމްބަރުމަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް 216 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

 

ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2016 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހު ލިބިފައިވަނީ 203 މިލިއަން ރުފިޔާ އެވެ.

 

އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީ ގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާއި އަޅާބަލާއިރު ހުސްވި ސެޕްޓެމްބަރ މަހު ހަޔެއް އިންސައްތަ އިތުރުވެފައެވެ.

 

ފާއިތުވި ސެޕްޓެމްބަރުމަހު ރާއްޖެއަށް އިމްޕޯޓު ކުރެވުނު މުދަލުގެ ސީއައިއެފް އަގު 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު 10 އިންސައްތަ ވަނީ އިތުރުވެފައެވެ.

 

މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު ދިވެހިރާއްޖެއަށް 2.7 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މިއަހަރުގެ ސެޕްޓެމްބަރު މި ޢަދަދުވަނީ 3.0 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އިމްޕޯޓްކުރި މުދަލުގެ އަގުގެގޮތުން 23 އިންސައްތަ ޔޫ.އޭ.އީ އިން އިމްޕޯޓްކޮށްފައިވާއިރު، އިންޑިއާއިން 13 އިންސައްތަ، ސިންގަޕޫރާއި ޗައިނާއިން ކޮންމެ ޤައުމަކުންވެސް 11 އިންސައްތަ އަދި މެލޭޝިއާއިން އަށެއް އިންސައްތަ  އެތެރެކޮށްފައިވެއެވެ.

 

ފާއިތުވި ސެޕްޓެމްބަރުމަހު ދިވެހިރާއްޖެއިން އެކްސްޕޯޓު ކުރެވުނު މިންވަރު ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހާ އަޅާބަލާއިރު 13 އިންސައްތަ އިތުރުވެފައެވެ.

 

 2016 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހު 141 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވާއިރު 2017 ވަނައަހަރުގެ މިމުއްދަތުގައި  މިޢަދަދު ވަނީ 160 މިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައިއެވެ.

 

ދިވެހިރާއްޖެއިން މައިގަނޑުގޮތެއްގައި އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތައްކަމަށްވާއިރު މިދިޔަ ޖުލައިމަހު އެކްސްޕޯޓްކުރި މުދަލުގެ 31 އިންސައްތަ ތައިލެންޑަށް އެކްސްޕޯޓްކޮށްފައިވާއިރު، 11 އިންސައްތަ އެކްސްޕޯޓްކޮށްފައިވާ ޖަރުމަނުވިލާތަށެވެ.

 

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް