ޖޫރިމަނާކުރި ހަޤީޤީ ސަބަބެއް ނޭނގި 5 ލައްކަ ރުފިޔާއިން ރާއްޖެ ޓީވީ ޖޫރިމަނާކުރިއިރު، ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންޑޭޓްގައި ހިމެނެނީ ހަމައެކަނި މިނިވަންކަމާ އެކު ނޫސްވެރިކަން ކުރާ ޓީވީ ޗެނަލްތައް ޖޫރިމަނާކުރުންތޯ ކޮމިޝަނުގެ މެމްބަރުންނާއި ސުވާލުކޮށްލަން ޖެހެއެވެ. ބްރޯޑްކާސްޓަރުންގެ ހައްޤުތައް ހިމާޔަތްކުރުމަކީ ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބަށް އެނގިވަޑައިނުގަންނަވަނީތޯއެވެ؟ ބްރޯޑްކާސްޓިންގެ ދާއިރާގެ ތަޖުރިބާ ނެތުމުން އެކަން އެނގިވަޑައި ނުގަތުން އެކަށީގެންވެއެވެ. އެހެން ނަމަވެސް ބްރޯޑްކާސްޓަރުން ރެގިއުލޭޓްކުރާ މުއައްސަސާއެއްގެ ވެރިޔަކަށް ވަޑައިގަންނަވާއިރު، އެވަރު އެނގިވަޑައިނުގަތުމަކީ މައްސަލައެކެވެ.
ބްރޯޑްކާސްޓިންގ ކޮމިޝަނުން، ޚާއްސަކޮށް އެތަނުގެ ރައީސް ޝަހީބް، ޒާތީގޮތުން ރާއްޖެ ޓީވީއާއި ޖައްސާލަނީތޯ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ސުވާލު އުފައްދަނީ ސަބަބެއް ނެތިއެއް ނޫނެވެ. ބްރޯޑްކާސްޓިންގ ކޮމިޝަން 2011ވަނަ އަހަރު އުފެދިގެން އެންމެ ފުރަތަމަ އެކޮމިޝަންގެ ރައީސްކަމުގައި ބަދުރުއްނަސީރު ހުންނެވި ނަމަވެސް، ނައިބު ރައީސްކަމުގައި ހުންނަވައިގެން ޝަހީބު ވަނީ ކޮމިޝަންގެ ނަމުގައި ބަޔާންތައް ނެރުއްވައި، ބަދުރުގެ ބާރުކަނޑުވާލެއްވުމަށް މަސައްކަތްކުރައްވާފައެވެ. އަދި ޝަހީބުގެ ޕްރެޝަރުގެ ސަބަބުން ބަދުރު އިސްތިއުފާ ދެއްވުމުން، ދެން ކޮމިޝަންގެ ރައީސްކަމާއި ހަވާލުވެވަޑައިގަތީ ޝަހީބެވެ.
ރައީސް ނަޝީދު ވެރިކަން 2012ވަނަ އަހަރު ބަދަލުވެ، ރާއްޖޭގައި ހިނގަމުން ދިޔަ ކަންކަމުގެ އެންމެހާ މައުލޫމާތު އެންމެ ތާޒާކޮށް، ސައްހަކޮށް ގެނެސްދޭ ޓީވީ ޗެނަލަކީ ރާއްޖެ ޓީވީކަމަށް ވުމުން، ރާއްޖޭގައި އެންމެ މަޤްބޫލު ޗެނަލަކީ ރާއްޖެ ޓީވީއަށް ވެގެންދިޔައެވެ. އަދި އޭރުއްސުރެ، ބްރޯޑްކާސްޓިންގ ކޮމިޝަންގެ ޓާގެޓެއްގެ ގޮތުގައި ރާއްޖެ ޓީވީވެ، ޝަހީބު ބެއްލެވުމުގެ ދަށުން އެހެން އެއްވެސް ފަރާތަކަށް ވުރެ ބޮޑަށް ބްރޯޑްކޮމްގެ އުނދަގޫ ރާއްޖެ ޓީވީއަށް ކުރިމަތިވިއެވެ.
ބޮޑެތި އަދަދުތަކުން ރާއްޖެ ޓީވީ ޖޫރިމަނާކުރަން ބްރޯޑްކޮމް ފޫގަޅާލާފައި އޮތް އިރު، ރާއްޖެ ޓީވީގެ ހިމާޔަތުގައި އެކޮމިޝަނަށް ކުރެވުނީ ކީއްތޯ؟ ބްރޯޑްކާސްޓަރުންގެ ހިމާޔަތުގައި ކަންކަން ކުރަންޖެހޭ ކަމާއި ބްރޯޑްކާސްޓިން ދާއިރާ ތަރައްގީކުރުމަށް މަސައްކަތްކުރަންޖެހޭނެ ކަމަށް ގާނޫނުގައި ވަރަށް ސާފުކޮށް އެބަ އޮތެވެ. ނަމަވެސް މިހާތަނާ ޖެހެންދެން ވެސް ބްރޯޑްކާސްޓިން ދާއިރާ ތަރައްގީކުރަން ކުރެވުނީ ކޮން ކަމެއް ހެއްޔެވެ؟
ރާއްޖެ ޓީވީގެ ސްޓޭޝަންގައި ހުރި ކޭބަލްތަކެއް ބުރިކޮށް، ޓްރާންސްމިޝަން މެދުކަނޑާލަން ޖެހުނުއިރު ބްރޯޑްކޮމް ކޮބައިތޯވެ؟ ރާއްޖެޓީވީގެ ނޫސްވެރިއަކަށް މަރުގެ ހަމަލާއެއް ދިން އިރު ބްރޯޑްކޮމް ކޮބައިތޯއެވެ؟ ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ސަރުކާރުގެ އިދާރާތަކާއި ފުލުހުންނާއި ސަރުކާރަށް ތާޢީދުކުރާ އެކްޓިވިސްޓުންގެ ފަރާތުން ލިބެމުންދާ އަނިޔާ އާއި ފުރައްސާރައިގެ ތެރޭގައި ނޫސްވެރިން ތިބިއިރު، ބްރޯޑްކޮމް ކޮބައިތޯއެވެ؟
ބޮޑެތި އަދަދުތަކުން ސްޓޭޝަން ޖޫރިމަނާކުރަމުންދާއިރު، މިޒަމާނުގެ ނޫސްވެރިކަމުގެ މިނިވަންކަމަކީ ހަމައެކަނި "ރައީސުލްޖުމްހުރިއްޔާ ރައީސް އޮފީހުން ހިލާލީގެއަށް ވަޑައިގެންނެވުމުން އެކަން އެހެން ހިނގައިފިޔޭ" ބުނުމެއް ނޫނެވެ. މިޒަމާނުގެ ނޫސްވެރިކަމުގެ މިނިވަންކަމަކީ ނޫސްވެރިޔާއަށް މާދަމާ ހަމަޖެހިލައިގެން އޮފީހަށް އާދެވޭނެކަމުގެ ޔަޤީންކަން ލިބުމެވެ. މިޒަމާނުގެ ނޫސްވެރިކަމުގެ މިނިވަންކަމަކީ ސްޕޮންސަރުންނަށް އެމީހުންނަށް ލިބެން ޖެހޭ ރައްކާތެރިކަން ލިބުމެވެ. ސްޓޭޝަން ޖޫރިމަނާކޮށް ބަންދުކުރަން ބްރޯޑްކޮމް މަސައްކަތްކުރާއިރު ރާއްޖެ ޓީވީއަށް ސްޕޮންސަރދޭ ވިޔަފާރިޔަކުގެ ހައްޤުތައް ކޮބައިތޯ އެވެ؟ އެމީހުންނަށް ލިބޭ ވިޔަފާރީގެ ގެއްލުމުގެ ބަދަލުދެނީ ޝަހީބަށް މުސާރައ އާއި އިނާތަތުގެ ގޮތުގައި ލިބިވަޑައިގަންނަވާ ބައި ލައްކައެއްހާ ރުފިޔާއިންތޯއެވެ؟
ވަކިބައެއްގެ އެންގުމަށް ނުވަތަ ވަކި ބަޔަކު ހިތްހަމަޖެއްސުމަށް މުޅި ރާއްޖޭގައި އޮތް އެންމެ މަޤްބޫލު ޓީވީ ޗެނަލް ޖޫރިމަނާކޮށް، އެތަނުގެ މުވައްޒަފުންނާއި ސްޕޮންސަރުންގެ ހައްޤުތަކަށް ބްރޯޑްކޮމްއިން އަރައިގަންނައިރު، އެކަމަށް ޖަވާބުދާރީވާން ޖެހޭނެ ދުވަހެއް އަންނާނެކަން ޝަހީބަށް އެނގިވަޑައިނުގަންނަވަނީތޯއެވެ؟ ދާއިމަށް އެ މަގާމުގައި ހުރެވިދާނެ ކަމަށް ހީފުޅުވަނީތޯއެވެ؟ ރާއްޖޭގައި ވައި ބަދަލުވާ އުސޫލުން ކަންކަން ބަދަލުވެގެންދާ އިރު އިއްޔެ އިއްޒަތާއި އަރާމުގައި ތިއްބެވި އެތައް ބޭފުޅުންނެއް މިއަދު ކުޑަ ގޮޅީގައި ދުވަސްތައް ގުނަމުން ދާކަން ޝަހީބަށް އެނގިވަޑައިނުގަންނަވަނީތޯއެވެ؟