ކޮންމެ އާއިލާއެއްގައިވެސް މަސްތުވާތަކެތީގެ ޝިކާރައަކަށްވެ އޭގެ އަވާގައި ޖެހިފައިވާ މީހަކު ހުންނާނެ ކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. މަސްތުވާތަކެތީގެ ސަބަބުން އެތައް ބަޔެއްގެ ދިރިއުޅުން ހަލާކުވެ އެއްބައި މީހުން މަސްތުވާތަކެތި ބޭނުންކޮށް އޯވަރ ޑޯޒްވެގެން ދުނިޔެ ދޫކޮށްފައި ވެއެވެ.
މިގެނެސްދެނީ އެފަދަ ހިތްދަތިކަމުގެ ހަޤީޤީ ވާހަކައެވެ.
އުމުރުން 12 އަހަރުގެ މޭންޑީ ސިވިލާނާގެ މަންމަ އަކީ މަސްތުވާތަކެތީގެ މައްސަލާގައި ، ޖަލުގައި ދުވަސްތައް ވޭތުކުރަމުންދާ މީހެކެވެ. މޭންޑީގެ މަންމަ މަސްތުވާތަކެތީގެ އަވާގައި ޖެހުމުން އޭނާގެ ބައްޕަ އެމީހުން ދޫކޮށް ގޮސް އެހެން މީހަކާ ކައިވެނި ކުރިއެވެ.
އާއިލާގެ ކުޑައަށް ތިބި ކުދިން ބަލާނެ މީހަކު ނެތުމުން ކުދިންގެ "މަންމަ އަދި ބައްޕަގެ" ޒިންމާ އުފުލީ މޭންޑީ އެވެ.
އުމުރުން އެންމެ 12 އަހަރުގެ މޭންޑީ ކޮންމެ ދުވަހަކުވެސް ސުކޫލަށް ދިއުމުގެ ކުރިން ދަނީ ކޮންކޮމެންނަށާއި ގޭތެރޭގައި ކުރަންޖެހޭ ހުރިހާ ކަމެއް ކޮށްފައެވެ. މިގޮތުން ގޭތެރެ ފޮޅާ ސާފުކޮށް، ކާއެއްޗެހި ކައްކާ، ތަށިތައް ދޮވެ، ކުޑަ ފިރިހެން ކޮއްކޮގެ ނެޕީވެސް ބަދަލުކޮށް ހަދައެވެ. މީގެ އިތުރުން ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި މޭންޑީ މިނާފުކުން ވޮލެޓް ހަދައިގެން ސުކޫލް ކުދިންނަށް ވިއްކައިގެން ފައިސާ ހޯދައެވެ. ލަވަ މުބާރާތްތަކުގައި ލަވަކިޔައިގެން އިތުރަށް ފައިސާ ހޯދައެވެ.
މޭންޑީ ބުނި ގޮތުގައި މިހާރު އޭނާއަށް މަންމައެއްގެ ހުރިހާ އިހްސާސްތަކެއް އެނގިއްޖެއެވެ. ސަބަބަކީ މަންމައެއްގެ ހުރިހާ ޒިންމާތަކެއް އަދާ ކުރަމުންދާތީ އެވެ.
މޭންޑީ ބުނީ އުމުރުން އެންމެ 12 އަހަރުގައި އޭނާއަށް އުޅެން ޖެހޭނީ ކުޅުމާއި މަޖަލުގެ ތެރޭގައެވެ.
"އަސްލު އަހަރެންގެ މަންމަ ހުންނަން ޖެހޭނެ އަހަންނަށް އަޅާލައި ހުރިހާ ކަމެއް ކޮށްދޭން. އަދި ބައްޕަ އަހަރެން ސުކޫލަށް ގެންދަންވެސް ހުންނަން ޖެހޭނެ. އަހަންނަށް ވަރަށް އުނދަގޫވޭ މިހެން އުޅެން. އަހަރެން ބޭނުންވޭ މައިންބަފައިންގެ ލޯތްބާއި އަޅާލުން" މޭންޑީ ބުންޏެވެ.
މޭންޑީ ބުނި ގޮތުގައި އޭނާގެ އުންމީދަކީ އާއިލާ ފުރިހަމަވުން ކަމުގައެވެ. އަދި އެންމެން އެއްކޮށް އުފަލުގައި އުޅޭނެ ދުވަހެއް ދެކެން ބޭނުންވާ ކަމަށްވެސް އޭނާ ބުންޏެވެ.
މޭންޑީގެ ބައްޕަ އެމީހުން "ބިކަ" ކުރި ނަމަވެސް އޭނާގެ ހިތުގައި ބައްޕައާމެދު އެއްވެސް ރުޅިވެރިކަމެއް ނެތެވެ. އޭނާ ދެކޭ ހުވަފެނަކީ ބައްޕަ ފެނި، ބައްޕަ ގައިގައި އޮޅުލައިގެން ވާހަކަ ދައްކާލެވޭނެ ދުވަހަކެވެ.
ހުރިހާ އެންމެންވެސް ވިސްނަންވީ ކަމަކީ މަސްތުވާތަކެތި ބޭނުންކުރުމުގެ ކުރިން ތިމާ ދެކެ ލޯބިވާ ތިމާ އާއި މެދު ވިސްނާ ބަޔަކު ދުނިޔޭގައިވެސް ތިބިކަމެވެ. ތިމާ އަމިއްލައަށް ކުރެވޭ އެންމެ ގޯސް އަމަލަކުން ތިމާ ލޯބިވާ އަދި ތިމާ ދެކެ ލޯބިވާ މީހުންނަށް ހިތަށް ވެސް ނުގެނެވޭނެ ފަދަ ހިތްދަތިކަމާ ކުރިމަތިލާން ޖެހޭނެ ކަމެވެ.