ކ. މާލެ
|
18 ސެޕްޓެންބަރ 2017 | ހޯމަ 21:31
ސްރީލަންކާގެ ހަންބަންތޯޓާގައި ޗައިނާ އިން ހެދި މައްތަލަ ރާޖަޕަކްސަ އިންޓަރނޭޝަނަލް އެއަރޕޯޓް - މުޅި މަޝްރޫއުވީ ފެއިލް
ސްރީލަންކާގެ ހަންބަންތޯޓާގައި ޗައިނާ އިން ހެދި މައްތަލަ ރާޖަޕަކްސަ އިންޓަރނޭޝަނަލް އެއަރޕޯޓް - މުޅި މަޝްރޫއުވީ ފެއިލް
ޑެއިލީނިއުސް
ޗައިނާގެ ނުފޫޒް
ހަންބަންތޯޓާ އެއަރޕޯރޓް: ޗައިނާގެ ނުފޫޒާއި، ބެލްޓް އެންޑް ރޯޑްގެ ހީލަތްތެރި ކަމުގެ އަލިގަދަ ހެއްކެއް
ހަމްބަންތޯޓާ އެއަރޕޯޓު މަޝްެރޫއު ފޭލްވީ ކީއްވެ؟
ޗައިނާގެ ނުފޫޒުން އެއްކިބާވާނެ ކަމަށް ވިދާޅުވި ރައީސް ސިރިސޭނާއަށް އެކަން ކާމިޔާބު ނުވީ ކީއްވެ؟
ޗައިނާއިން ގައުމުތަކަށް މިވާ އެހީގެ ފަހަތުގައި ވަނީ ކޮން ސިއްރެއް؟

އަވަށްޓެރި ސްރީލަންކާގެ ހަންބަންތޯޓާގެ އެއަރޕޯރޓާއި އެތަނުގައި ޗައިނާއިން ހެދި ޕޯޓްގެ ވާހަކަޔަކީ ދިވެހިންނަށް އައު ވާހަކަޔަކަށް ނުވާނެއެވެ. އަދި ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ސަރުކާރަށް ފާޑުކިޔާ އެޤައުމުގެ މިހާރުގެ ސަރުކާރުން ދައްކާ ވާހަކަތަކުގައި އެތަންތަނުގެ ބޭކާރުގެ ވާހަކަޔާއި، އެތަންތަނުން ލަންކާ ސަރުކާރަށް ލިބޭ ގެއްލުންތަކުގެ ވާހަކަތަކީ ދިވެހިން އަހާ ފޫހިވެފައިވާ ވާހަކަތަކެވެ. އެހެން ނަމަވެސް ހަންބަންތޯޓާގައި ޤާއިމްކުރި ބަނދަރާއި އެއަރޕޯރޓްގެ ވާހަކަޔަކީ ރައީސް މަހިންދަ ރާޖަޕަކްސައާއި ހަމައިން ނިމޭ ވާހަކައެއް ނޫނެވެ. މިއީ އެއަށްވުރެ ބޮޑު ވާހަކައެކެވެ. ދިވެހިންނާއިއިވެސް ގުޅިފައިވާ ވާހަކައެކެވެ.

ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި ދިވެހިރާއްޖެ މިވަނީ މިއިން ޒަމާނަކު ޤައުމާއި ގުޅުން ބަދަހިނުކުރާ މިންވަރަށް ޗައިނާއާއި ގުޅުން ބަދަހިކޮށްފައެވެ. ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން މިއީ ރައީސް ޔާމިންގެ މޮޅުކަމުންނާއި ހިކުމްތަތްތެރިކަމުން ކުރައްވާ ކަމެއްކަމަށާއި، ޗައިނާއާއި ދިވެހި ރާއްޖެއާއި ދެމެދު އޮންނަ ގުޅުމަކީ ހަޤީގަތުގައި ރައީސް ޔާމީނާއި ޗައިނާގެ ވެރިންނާއި ދެމެދު އޮންނަ ގުޅުމެއްކަމަށް ބުނެ، އެކަން ޤަބޫލުކުރެއެވެ. އެހެންނަމަވެސް އެކަން އޮތީ އެހެނެއް ނޫނެވެ. ޗައިނާއިން ދިވެހިރާއްޖެއަށް ކަންތައް ކޮށްދެނީ ޗައިނާގެ އަމިއްލަ އެދުމަކަށެވެ. ސަރުކާރުން އަބަދު އެކިޔާ ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގައި ރާއްޖެ ހިމެނޭތީއެވެ. އިންޑިއާކަނޑުގެ ސަރަހައްދަށް ޗައިނާ އިން ނުފޫޒް ފޮރުވުމަށް ސްރީލަންކާއާއި ރާއްޖެއާ އާދަޔާ ޚިލާފް ގާތް ގުޅުމެއް ބޭއްވުމަކީ، އެ ފުރުސަތު ޗައިނާއަށް ފަސޭހަވެގެންދާނެ ކަމެއް ކަމަށް ޗައިނާ އަށް ގަބޫލު ކުރެވޭތީއެވެ. ޗައިނާއިން އިހު ޒަމާނުގައި އެޤައުމުގެ ވިޔަފާރިވެރިންނަށް ހުޅަނގަށް ދަތުރުކޮށް އުޅުނު މަގުތަކުން އަނެއްކާވެސް ވިޔަފާރީގެ ދޮރުތައް ހުޅުވާލައި، ދުނިޔޭގެ އިޤްތިޞާދުގެ ބޮޑު ބާރަކަށް ކުރަމުންދާ މިމަސައްކަތުގައި ރާއްޖެއަށް ކޮށްދެނީ އާދައިގެ ދެތިންކަމެކެވެ. ކުރިން މި ދަންނަވާލެވުނު ހަންބަންތޯޓާ އެއަރޕޯރޓާއި ބަނދަރަކީ މިދެންނެވި ބެލެޓް އެންޑް ރޯޑް އިނީޝީއޭޓިވްގެ ދަށުން ލަންކާގައި އަތްގަދަކުރުމަށް ޗައިނާއިން ކުރުވި ކަންތައްތަކެވެ. ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްއަކީ ހަމައެކަނި ޗައިނާގެ ފައިދާއަށް، އެހެން ޤައުމުތައް ދަރަނިވެރިކުރުމަށްފަހު ޗައިނާއިން ކުރިއަށްގެންދާ މަސައްކަތެއްކަމަށް ގިނަ ބަޔަކު ބުނާ ސަބަބުގެ މިސާލަކަށް ހަންބަންތޯޓާ އެއަރޕޯރޓް ފުދެއެވެ. އެވާހަކަޔަށް ޖެހިލާނަމެވެ.

ހަންބަންތޯޓާގައި ޤާއިމްކޮށްފައިވާ މައްތަލަ ރާޖަޕަކްސަ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ޗައިނާގެ ނުފޫޒު މިސަރަހައްދުގެ ޤައުމުތަކަށް ފޯރާފައިވާކަމުގެ އެންމެ އަލިގަދަ އެއް ހެއްކެވެ. ރާޖަޕަކްސަގެ ވެރިކަމުގައި ލަންކާގެ ދާޚިލީ ހަނގުރާމަ ނިމުނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ މެރިޓައިމް ސިލްކް ރޯޑް ވިސްނުންވެސް ތަންފީޒްކުރައްވަން ފެށި ދުވަސްވަރުއެވެ. ލަންކާއަކީ ސަރަހައްދީ ބާރަކަށް ހެއްދެވުމަށް ރާޖަޕަކްސަ ދެކެވަޑައިގަތް ހުވަފެނުގެ ނާޖާއިޒް ފައިދާ ޗައިނާއިން ނެގިއެވެ. ހަންބަންތޯޓާގައި އެކެއް ޕޮއިންޓް ފަހެއް ބިލިއަން އެމެރިކާ ޑޮލަރުގެ ކަނޑުގެ ބަނދަރަކާއި، ދުއިސައްތަ ނުވަ މިލިއަން އެމެރިކާ ޑޮލަރުގެ އެއަރޕޯރޓެއްގެ އިތުރުން ތިރީސް ފަސް ހާސް މީހުންގެ ޖާގައިގެ ކްރިކެޓް ސްޓޭޑިއަމެއް ރާޖަޕަކްސަ ބިނާކުރެއްވިއެވެ. މިއިން ކޮންމެ މަސައްކަތެއްގެ ތެރޭގައި ޗައިނާގެ ބާރާއި ނުފޫޒު އިންތިހާއަށް އޮތެވެ. ބޮޑެތި އިންވެސްޓްމަންޓްތައް އަންނަނާކަމަށް ބަލާ، މާ ސިންގާ ބައިނަލްއަޤްވާމީ އެއަރޕޯރޓަކާއި ބަނދަރެއް ހެދި ނަމަވެސް، ކަން ހިނގީ އުއްމީދުކުރި ގޮތަކަށް ނޫނެވެ. އަހަރަކު މިލިއަނަކަށްވުރެ ގިނަ ފަސިންޖަރުންނަށް ޚިދުމަތް ދިނުމަށް ޤާއިމްކުރި އެއަރޕޯރޓް ބޭނުންކުރަނީ އެވްރެޖްކޮށް ދުވާލަކު ދިހަ ވަރަކަށް މީހުންނެވެ. އެއަރޕޯރޓުން ފައިދާއެއް ނުވެ ގެއްލުންވާން ފެށުމުން ލަންކާ ސަރުކާރަށް އެންމެ ފަހުން ޖެހުނީ އެތަނުގެ ކާރގޯ ޓަރމިނަލްތައް ހަނޑޫ ރައްކާކުރާ ގުދަންތަކެއްގެ ގޮތުގައި ކުއްޔަށް ދޫކުރަންށެވެ. ލަންކާގެ ހަންބަންތޯޓާ އެއަރޕޯތާއި ބަނދަރުގެ އިތުރުންވެސް ޗައިނާއިން އެމީހުންގެ ބެލްޓް އެންޑް ރޯޑް އިނީޝީއޭޓިވްގައި އެކި ޤައުމުތަކުގައި ޤާއިމްކުރާ އިންފްރާސްޓްރަކްޗަރ އަކީ އެއިން އެއްވެސް ޤައުމެއްގެ ލޯކަލް އިކޮނޮމީއަށް ބިނާކޮށް ޤާއިމްކުރާ ތަންތަނެއް ނޫނެވެ. އެ މަޝްރޫއުތައް ރޭވިފައި އޮންނަނީ ޗައިނާ އިން އިންވެސްޓް ކުރާ ފައިސާ އެނބުރި ޗައިނާއަށް އިސާހިތަކު ވަންނަ ގޮތަށް ވަރަށް ހީލަތްތެރިކަމާއެކު ރޭވިފައެވެ. އެންމެ ކުޑަމިނުން މަޝްރޫއުގައި އެގައުމެއްގެ މީހަކަށްވެސް މަސައްކަތް ކޮށްލާ ތަޖުރިބާ ހޯދުމުގެ ފުރުސަތެއް ނުދެއެވެ. މަސައްކަތު މީހުން ޗައިނާ އިން ގެނެސް އެހިސާބުން ނިމެނީއެއް ނޫނެވެ. އެމީހުން ދަތް އުނގުޅާ ބުރުހުން ފެށިގެން ހިކި މިރުހަށް ދަންދެން ގެންނަނީ ޗައިނާއިންނެވެ. ގައުމުގެ ނަމުގައި މިލިއަނުން ލޯނު ނެގިއެއް ކަމަކު، ލޯކަލް އިކޮނޮމީއަށް އެންމެ ސެންޓެއްވެސް ނުވަންނާނެ ގޮތައް މަޝްރޫއު އޮންނަނީ މޮޅަށް ޕެކިން ކޮށްފައެވެ. އެކަމުގެ ސަބަބުން ގިނަ ޕްރޮޖެކްޓްތަކެއް ފެއިލްވެ، ޤައުމުތައް ދަރަނިވެރި ވަނީއެވެ. މައްތަލަ އެއަރޕޯރޓުން ފައިދާއެއް ނުވާތަނުގައި ލަންކާ ސަރުކާރަށް ޖެހެނީ އެޕްރޮޖެކްޓަށް ނެގި ލޯނު އަނބުރާ ދެއްކުމަށް އަހަރަކު ތޭވީސް ޕޮއިންޓް ހައެއް މިލިއަން އެމެރިކާ ޑޮލަރު ކޮންމެ އަހަރަކު ޗައިނާއަށް ދޭށެވެ. މިއީ ހަމައެކަނި އެއަރޕޯރޓަށް ދައްކަން ޖެހޭ ދަރަނި ފައިސާއެވެ. އަދި ފެއިލްވި އެހެން ޕްރޮޖެކްތްތަކުގެ ފައިސާ ކޮބައިތޯއެވެ؟ ލަންކާ ސަރުކާރަށް ވަންނަ ފައިސާގެ ބޮޑުބައެއް ކޮންމެ އަހަރަކު ޚަރަދުކުރަން ޖެހެނީ ޗައިނާގެ ލޯނުތައް ދައްކާށެވެ.

ލަންކާގެ ރައީސްކަމަށް މައިތިރިޕާލާ ސިރިސޭނާ ވަޑައިގެންނެވީ ޗައިނާގެ ނުފޫޒުން ލަންކާ ސަލާމަތްކުރައްވާނެކަމުގެ ވައުދާއާއިއެކުގައެވެ. ލަންކާގެ ރައްޔިތުން އެކަމަށް ކިތަންމެ ތާއީދު ކުރިނަމަވެސް، ސިރިސޭނާ ލަންކާގެ ހުންގާނުގައި ހިއްޕެއިރު، ލަންކާ އޮތީ ޗައިނާގެ މުށުތެރެއިން ނުނުކުމެވޭވަރަށް އަތްދަށުކޮށް ފިއްތާލާފައެވެ. ޗައިނާގެ ނުފޫޒު އޮތް މިންވަރުންނާއި ޗައިނާގެ އުނގަށް ވެއްޓިފައިވާލެއް ބޮޑުކަމުން، އެމަނިކުފާނުގެ އެވައުދު ފުއްދޭކަށް ނެތެވެ. ޗައިނާގެ އެހީގައި އެޅި ބަނދަރުވެސް ޗައިނާއަށް ވިއްކާލަން ޖެހުނީ ލަންކާގެ ދަރަނިން އެކެއް ޕޮއިންޓް އެކެއް ބިލިއަން ޑޮލަރު މަޢާފުކޮށްދިނުމުގެ ބަދަލެއްގެ ގޮތުގައެވެ. މިއީ ޗައިނާގެ ނުފޫޒުގެ ދަށަށް ވެއްޓުމުން ޤައުމުތަކުން އުޅެން ޖެހޭ ހާލުގެ ވަރަށް ކުޑަ އަދި ވަރަށް ކައިރިން ފެންނަން އޮތް މިސާލެކެވެ. އިންޑިއާ ކަނޑުގައި ލަންކާގެ ހަންބަންތޯޓާއެކޭ ރާއްޖެއެކޭ ސްޓްރެޓީޖިކަލީ ޗައިނާއަށް މާބޮޑު ތަފާތެއް ނެތެވެ. އެތައް މިލިއަން ބައެއްގެ މައްޗަށް ވެރިކަންކުރައްވާ މައިތިރިޕާލާ ސިރިސޭނާއަށް ނުވި މޮޅެއް، މަދު މީސްކޮޅެއްގެ މައްޗަށް ވެރިކަންކުރައްވާ އަބްދުﷲ ޔާމީންއަށް ޗައިނާގެ ފަރާތުން ވެދާނެޔޭ ހީކުރުމަކީ ބުއްދިވެރި ކަމެއްތޯއެވެ؟

ޗައިނާއިން ގެންގުޅޭ ވިސްނުމަކީ ސީދާ ޤައުމުތައް އަޅުވެތިކުރުމުގެ ވިސްނުމެވެ. ދަރަނިވެރި ކުރުވުމުގެ ވިސްނުމެވެ. އަބަދުގެ އަބަދަށް ޗައިނާއަށް ބަރޯސާކުރުވާފައި ބޭއްވުމުގެ ވިސްނުމެވެ. ލަންކާއިން ފެންނަން އޮތް މިސާލުތަކުން މިކަން ނިމުނީކީ ނޫނެވެ. ޕާކިސްތާންވެސް އޮތީ ޗައިނާގެ އަތް ދަށުން އަވަހަކަށް ސަލާމަތްވެވޭނެ ގޮތަކަށް ނޫނެވެ. ދާދި މިދާކަށް ދުވަހުވެސް ޗައިނާގެ ބޭންކަކުން ޕާކިސްތާނަށް އެކެއް ޕޮއިންޓް ދޭއް ބިލިއަން ޑޮލަރުގެ ލޯނެއްވަނީ ދީފައެވެ. ދިރާސާކުރާ ފަރާތްތަކުން ދެކޭ ގޮތުގައި ޗައިނާއިން ދައްކާ ހުވަފެންތައް ބޮޑުކަމުން ކުދި އަދި ފަޤީރު ޤައުމުތަކުން ހެއްލެނީއެވެ. އަދި ޗައިނާގެ ލޯނުތަކަށް ދެވި ހިފަނީއެވެ. ހޭލެވޭއިރު އޮންނަނީ ޗައިނާގެ އެހީއަށް އަޅުދާސްތުވެފައެވެ. ވިސްނޭއިރު އޮންނަނީ ސަލާމަތް ނުވެވޭވަރަށް ޗައިނާ އަތްދަށުވެ، މުށުން ދެމި ނުގަނެވޭ ވަރަށް ފިތިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް
19 ސެޕްޓެންބަރ 2017 | އަންގާރަ 14:39
ހުސޭން
އެދުމެއް ނެތި ވެދުމެއް ނުކުރާނޭ އެއީ މާކުރިންވެސް ބުނެ އުޅޭ މުސްކުޅި ބަހެއް...މިކަން ކަމެއް ދޮގެއް ނުވާނެ ޒަމާން ބަދަލު ވިޔަސް.
19 ސެޕްޓެންބަރ 2017 | އަންގާރަ 12:58
ހަސަންބެ
ތިހެން ހަމަ ކޮންމެ ގައުމަކުންވެސް ލޯނެއް ދެންޏާ ދެނީ...މައްސަލަޔަކީ ލޯނު ނަގާފައި ކޮންމެ ވެރިޔަކުވެސް އމީހެއްގެ ޖީބަށް ލާބައި ބޮޑީ!!!...
19 ސެޕްޓެންބަރ 2017 | އަންގާރަ 12:18
އެދުރުބެ
.މި ލިޔުމަކީ އެއވެސް އަސާސް އެއްނެތި ސިޔާސީ ގޮތުން ލިޔެފައިވާ ލިޔުމެއް
18 ސެޕްޓެންބަރ 2017 | ހޯމަ 23:53
ހީޗުލް
އިންޑިޔާ ދަށު ވުމަށްވުރެ އެގޮތްވެސް މާ ރަނގަޅު. ހެޔޮ ދުއާ ސަލާން