އަޅުގަނޑުމެންނާ ދުނިޔޭގެ ޑިމޮކްރަސީ ދުވަސް ބައްދަލު ކޮށްފިއެވެ. އެދުވަހަކީ މިމަހުގެ 15 ވަނަ ދުވަހެވެ. އެދުވަހުގެ ރާއްޖޭގައި ޑިމޮކްރަސީ އޮތް މިންވަރާއި ޑިމޮކްރަސީގެ އުސޫލުތައް މުގުރައިލި ވެރިންގެ ނަންތައް އިއްވައިފިއެވެ. ޑިމޮކްރަސީ ގެ އަސާސީ ސިފަތައް މިގައުމުން ގެއްލުވާލުމަށް ބަޔަކު ކުރި ކަންތައްތައް އާއްމު ކުރެވިއްޖެއެވެ. އެކަންކަން އެގޮތަށް ބަޔަކު މީހުންގެ ނުފޫޒުގައި ހިންގަން ފުރުސަތު ލިބުނު ގޮތުގެ ވާހަކަ ކާޅު ގޮވާ އުސޫލުން ގޮވިއްޖެއެވެ. ނަމަވެސް ސަރުކާރަށް އަދި ވެސް އަޑެއް ނީވެއެވެ. އެކަން ޔަގީންވަނީ އަމަލުތައް އިސްލާހު ކުރަން ކުރާ މަސައްކަތެއް ނުފެންނާތީއެވެ.
ރާއްޖެއަށް މައުނަވީ ޑިމޮކްރަސީއެއް ގެނައުމުގެ ވާހަކަތައް އެންމެ ހަރުއަޑުން ދެއްކި ބަޔަކީ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންނެވެ. ރައްޔިތުންގެ ހާއްސަ މަޖިލީހެއް އުފައްދަވައި އެމަޖިލީހުން މުޅިން އައު ގާނޫނު އަސާސީއެއް އެކުލަވާލީ ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށެވެ. އާންމުންގެ ކުރިމަތީގައި ރައީސް މައުމޫނު އިސްލާހީ އެޖެންޑާ އިއުލާން ކުރެއްވީ އެންމެ ތިރީސް ސިކުންތު ހޭދަކުރައްވައިގެންނެވެ.
ރައްޔިތުންގެ ހާއްސަ މަޖިލީހުގައި އޭރު ކުރެވުނު މަސައްކަތަކީ ޒަމާނަށް ފެތޭ ޑިމޮކްރަސީގެ ރޫހު އޮތް ގާނޫނު އަސާސީއެއް އެކުލަވާލުމުގެ މަސައްކަތެވެ. އެކަން ކުރުމަށްޓަކައި އެމަޖިލީހުގެ ޑްރާފްޓިންގ ކޮމެޓީއިން 21 ގައުމެއްގެ ގާނޫނު އަސާސީ ބަލައި މުތާލިޔާ ކޮށްފައިވާ ކަމަށް ހާމަ ކޮށްފައިވެއެވެ. އަދި ގާނޫނު އަސާސީ އެކުލަވައިލި އިރު އެކަމުގައި ފަންނީ އެހީތެރިކަން ދިނުމުގައި ރާއްޖެއިން ބޭރުގެ ފަރާތެއްގެ ބޭނުން ހިފައިފައިވެއެވެ.
ޑިމޮކްރަސީއެއްގައި ރައްޔިތުންގެ ބާރަކީ އެންމެ ގަދަ ބާރެވެ. މެޖޯރިޓީ މީހުންގެ ނިންމުމަށް އިހުތިރާމް ކުރުމަކީ ވެސް ޑިމޮކްރަސީގެ އެންމެ ރީތި ސިފައެވެ. އަނިޔާވެރިކަމާ ދުރަށް ގޮސް އަދުލު އިންސާފު ގާއިމު ކުރުމަކީ ޑިމޮކްރަސީ ފައްކާ ކުރުމަށް އޮތް ހަތިޔާރެވެ. މިނިވަންކަމާއެކު ހިޔާލު ފާޅުކޮށް އެއްވެ އުޅުމަށް ފުރުސަތު ދިނުމަކީ ޑިމޮކްރަޓިކް ގައުމުތަކުގައި ހުއްޓުމެއްނެތި ހިނގަންޖެހޭ ކަންކަމެވެ. ނޫސްވެރިކަމުގެ މިނިވަންކަން އޮބަހައްޓައި ނޫސްވެރިކަމުގެ މިނިވަންކަން ނައްތާލުމަކީ ތިމަންނާމެންނަކީ ޑިމޮކްރަސީ ގަބޫލު ކުރާ ގައުމެކޭ ބުނާ ގައުމުތަކުން ކޮށްއުޅޭ ޒާތުގެ ކަމެއް ނޫނެވެ. އަދި އެފަދަ ކަންކަމަކީ އެޒާތުގެ ގައުމުތައް ނުހަނު ބީރައްޓެހި ކަންކަމެވެ.
2008 ވަނަ އަހަރު އަޅުގަނޑުމެންނަށް ލިބުނު އާ ގާނޫނު އަސާސީގެ ސަބަބުން މިގައުމު އިސްލާހީ ބަދަލުތަކެއް އައެވެ. ވެރިކަން ކުރައްވަން އިސްކުރާނެ ވެރިޔަކު ހޮވުމަށް ރައްޔިތުން ދިން ވޯޓުގައިވެސް ބަދަލެއް ބޭނުންވެއްޖެކަން ހާމަވެގެންދިޔައެވެ. ފަހަރުގައި 2008 ގައި އުފެދިގެން އައި އައުވެރިކަމުގައި ހިނގާދިޔަ ކޮންމެ ކަމެއް އެންމެ ރަގަޅުނުވެދާނެއެވެ. އެހެން ނަމަވެސް ހިޔާލުފާޅުކުރުން ތަންމިނަށް ހުޅުވާލެވުނެވެ. ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ޒާތުގެ ކަންކަމަށް ތަރުހީބުދީ އަތްޖަހާ މަންޒަރެއް ނުފެނުނެވެ. ގާނޫނުތަކާ ގާނޫނުއަސާސީގެ ބާރު ނެގެހެއްޓުމަށް ތިއްބެވި ވެރިންނަށް އެކަން ކުރެއްވުމަށް އޮތް ހުރަހެއް އޭރަކު ނެތެވެ. މިނިވަން މުއައްސަސާތަކުގެ ވެރިންނަށް އޮތް ބިރެއް ނެތެވެ. ރައްޔިތުންގެ ގިނަ ބަޔަކު ވޯޓުން ނިންމާ ނިންމުމަކަށް ބޯޖެހުން ނޫން އިތުރު މަންޒަރެއް ނުފެނުނެވެ.
މިއަދު އަޅުގަނޑުމެންގެ ގައުމަށް ވެގެން މިއުޅެނީ ކޮންގޮތެއްހެއްޔެވެ؟ މިގައުމުގެ ވެރިކަމުގެ ނިޒާމު މުޅިން އެކޮޅުކޮޅުން ޖެހުނު ފަދަ އިހްސާސެއް ރައްޔިތުންނަށް ކުރަން ޖެހުނީ ކޮންފަރާތެއްގެ އިހުމާލުން ހެއްޔެވެ؟ ޑިމޮކްރަސީ އާއި ރައްޔިތުންގެ ހައްގުގައި މަތިހަށި ނަގައިގެން ނިކުންނެވި ލީޑަރުންގެ މަސައްކަތްޕުޅު ހުއްޓުވުނު ގޮތަކުން ހުއްޓުވާ މަންޒަރު ފެންނަ ހިސާބަށް ދާންވީ ކިހިނެއް ވެގެންހެއްޔެވެ؟ ރައްޔިތުންގެ ބަސް އިއްވަން އިންތިހާބު ކޮށްފައިވާ މަންދޫބުން ކަމުގައިވާ މަޖިލީހުގެ މެންބަރުންގެ ވަރަ ބިންދައިލައި ގޮތް ހުސްވާ ހިސާބަށް ދުއްވާ ލުމުގެ ބޭނުމެއް އެބައޮތް ހެއްޔެވެ؟ މިއަދު ވެރިކަމުގައި ހުންނެވި ފަރާތް ވެރިކަމަށް ގެންނެވުމަށް ބުރަ މަސައްކަތް ކުރެއްވި ބޭފުޅުން ސިޔާސީ ވާދަވެރިންނަށް ވުމުގެ ބަދަލުގައި ސިޔާސީ ދުސްމަނުންނަށް ބެލޭފަދަ ގޮތަކަށް އެބޭފުޅުންނާމެދު ސަރުކާރުން އަމަލުތައް ބަހައްޓަން ޖެހުނީ ކޮންސަބަބަކާ ހުރެގެންހެއްޔެވެ؟ މި ހުރިހާ ސުވާލެއް ހިތައް އަރާ ފައިބަމުންދާއިރު ސަރުކާރަށް ނިސްބަތްވާ ބޭފުޅުން ބުނާ ގޮތުގައި ގައުމުގައި ޑިމޮކްރަސީ ވެސް އެބައޮތެވެ. ހިޔާލުފާޅުކުރުމާ އެއްވެއުޅުމުގެ މިނިވަންކަން ވެސް އެބައޮތެވެ.
ރަގަޅެވެ. އިރުއަރާ އޮއްސުމާ ، ރޭދުވާ ދައުރުވަމުން ދާ ނަމަ މިގައުމަށް ވެސް ބަދަލުތައް އަންނާނެއެވެ. އެއީ ދުނިޔޭގެ އާދައެވެ. އެހެން ނަމަވެސް މިގޮަތަށް އަންނަ ބަދަލެއް ބޭނުމެއް ނޫނެވެ. އަޅުގަނޑުމެންނަށް މިފެންނަނީ ޑިމޮކްރަސީގެ ހިޔަނީގައި ތިބެ ގައުމެއް އިދިކޮޅަށް ހަންދަމާލެވެނިކޮށެވެ.