މިސަރުކާރު ގެ އެންމެ ބޮޑު އެއް އަމާޒަކީ މަސްވެރިކަމުގެ ސިނާއަތު އިތުރަށް ފުޅާކޮށް މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މަސްވެރިންގެ ދުވަހުގެ މުނާސަބަތާ ގުޅިގެން ބުދަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖޭގައި މީހުން ދިރިއުޅޭން ފެށީއްސުރެ މަސްވެރިކަމާ ދިވެހީންނާ ގުޅި ލާމެހިފައިވާ ކަމަށެވެ.
އެ ދުވަހުއްސުރެ މިއަދާ ހަމަޔަށްވެސް ދިވެހީންގެ މައިގަނޑު ކާނާ އަކީ ކަނޑުރޯދިކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ދިވެހީންގެ މުރާލިކަމާއި ހުނަރާއި ދިވެހި އާދަކާދަ އާއި ސަގާފަތާ ގުޅިފައިވާ އެންމެ ފަޚުރުވެރި، ދިވެހިވަންތަ މަސައްކަތަކީ މަސްވެރިކަން ކަމަށެވެ.
މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ މަސްވެރިކަމުގެ ސިނާއަތު އިތުރަށް ފުޅާކޮށް އުފެއްދުންތައް އިތުރުކޮށް، މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރުކުރުން ކަމަށެވެ. އަދި ގައުމުގެ އިގްތިސާދަށް މަސްވެރިކަމުން ލިބޭ މަންފާތައް ގިނަކުރުން ކަމަށާއި، މަސްވެރިކަން އިތުރަށް ޒަމާނީކޮށް، މަސްވެރިންނަށް ފުރުސަތުތައް ފަހިކޮށްދިނުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވަނީ މަސްވެރިންގެ ދުވަހުގެ ތަހުނިޔާ، އެ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަށާއި އާއިލާތަކަށް އަރިސްކޮށްފަ އެވެ. އަދި ވިދާޅުވީ މާތްﷲގެ ތަނަވަސް ރަހްމަތާއި މަދަދާއި ބަރަކާތް ދިވެހި ލޮބުވެތި މަސްވެރިންނަށް އަބަދުމެ މިންވަރުކޮށް ދެއްވުން އެދި ދުއާކުރައްވާ ކަމަށެވެ.
ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭން ފެށީއްސުރެ، މަސްވެރިކަމާ ދިވެހީންނާ ވަނީ ލާމެހިފައި. އެ ދުވަހުއްސުރެ މިއަދާ ހަމަޔަށްވެސް ދިވެހީންގެ މައިގަނޑު ކާނާއަކީ ކަނޑުރޯދި. ދިވެހީންގެ މުރާލިކަމާއި ހުނަރާއި ދިވެހި އާދަކާދައާއި ސަގާފަތާ ގުޅިފައިވާ އެންމެ ފަޚުރުވެރި، ދިވެހިވަންތަ… pic.twitter.com/DsadYtr2VJ
— Dr Mohamed Muizzu (@MMuizzu) December 10, 2025
ރައީސް މުއިއްޒު މިމޭރުމުން ވާހަކަފުޅު ދެއްކެވިއިރު، މިސަރުކާރުގެ ވައުދުތައް ނުފުއްދި ބޮޑު ކަންނެލި މަސްވެރިން އިހުތިޖާޖަށް ނުކުންނަން ވަނީ ނިންމާފަ އެވެ. މީގެ ކުރިން ވެސް އެޔޫނިއަންގެ ފަރާތުން މިސަރުކާރުން މަސްވެރިންނަށް ދަތި ކުރަމުންދާތީ އިހުތިޖާޖު ކޮށްފައިވެ އެވެ.
މި ސަރުކާރުގެ މެނިފެސްޓޯގައި ކަންނެލި މަސްވެރިންނަށް ކޮށްދެއްވާނެ ކަމަށް ހިމަނާފައިވާ ކަންކަން ހިއްސާކޮށް އެ ޔޫނިއަން އިން ބުނީ، ސަރުކާރުގެ މަސް ކުންފުނި މިފްކޯއަށް ބޮޑު ކަންނެލި ގަންނަން ފެށުމާއި، ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 80 ރުފިޔާ އަދި 100 ރުފިޔާ ކަމަށް ހެދުން އަދި މަސްވެރިންނަށް ބޭސް ރޭޓުގައި ތެޔޮ ފޯރުކޮށް ދިނުމަށާއި، ފަސޭހައިން އައިސް ލިބޭނޭ އިންތިޒާމު ހަމަޖެއްސުން ހިމެނޭ ކަމަށެވެ.
އެ ވައުދުތައް ފުއްދުމަށް އެދި މި ސަރުކާރުގެ ދައުރު ފެށުނީއްސުރެ އެކި ސިފަސިފައިގައި އެ ޔޫނިއަންއިން ގޮވާލަމުން ދިޔަ ނަމަވެސް މިއަދާ ހަމައަށް ވެސް ކަމެއް ކޮށްދީފައިނުވާ ކަމަށް އެޔޫނިއަން އިން ބުނެފައިވެ އެވެ.
މީގެ އިތުރުން މަސްވެރިކަން ކުރަމުން އައި ރަށްރަށުގެ މަސްވެރިން މިހާރު މަހަށް މިހާރު ނުދާ ކަމަށާއި، މަސްވެރިކަން ކުރި ނަމަވެސް ލިބޭ ގެއްލުން ބޮޑު ކަމަށް އެމަސްވެރިން ދަނީ ބުނަމުންނެވެ. އަދި އައިސް ލިބުމުގައި ދަތިވެ، ހަރަދު އިންތިހާއަށް ބޮޑުވެފައިވާ ކަަމަށް އެމީހުން ބުނެފައިވެ އެވެ.