ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ގެ ސަރުކާރުގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު'' ކަމަށް ރައްޔިތުން މަޖިލީހު ގެ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީ ގެ ފަލަސުރުހީ ޕްރޮގްރާމް ގައި މެންބަރު މީކާއީލް ވިދާޅުވީ މިސަރުކާރު ގައި ފަށައި ތަރައްގީގެ މަޝްރޫއުތަކާއި، ރައްޔިތުންނަށް ފަށާ ޚިދުމަތްތަކު ގައި އަބަދުވެސް ރައްޔިތު މީހާއަށް ލިބެމުން ދަނީ އައު މުހުލަތު ކަމަށެވެ. އަދި މިހާތަނަށް އެ ނޫން އެއްޗެއް މި ސަރުކާރުން ދީފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޑޮލަރުގެ އަގު ދަށަށް ދާނެ ކަމަށް ރައީސް މުއިއްޒު ތިން ފަހަރެއްގެ މަތިން ވިދާޅުވިކަން ފާހަގަކުރައްވައި މެންބަރު މީކާއީލް ވިދާޅުވީ، އޭގެފަހުން ޑޮލަރުގެ އަގު ދިޔައީ މައްޗަށް ކަމަށާއި، ތިރިނުވާ ކަމަށެވެ. ޑޮލަރުގެ އަގު ވެއްޓެމުން ނުދާ ކަމަށާއި، ޑޮލަރުގެ އަގާގުޅޭ ގޮތުން ވެސް އެކި ދުވަސްތައް މަތިން މުހުލަތުތައް ދީފައިވާ ކަަމަށް މެންބަރު މީކާއީލް ވިދާޅުވި އެވެ. އަދި ވިދާޅުވީ މިސަރުކާރުން ޑޮލަރު މާރު ކުރުމުގެ ސިޔާސަތަށް ގެނައި ބަދަލާއެކު ވެސް ޑޮލަރުގެ އަގު ދަށް ނުވުމުން މިއަދު މިވާހަކަ ސަރުކާރުގެ ބޭފުޅުން ނުދައްވާ ކަމަށެވެ.
މި ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ރަސްމާލެ އަށް އިޝާރާތް ކުރައްވައި މެންބަރު މީކާއީލް ވިދާޅުވީ ރަސްމާލެ ހިއްކުމުގެ މަޝްރޫއު ރަސްމީކޮށް ދެތިން ފަހަރު ފައްޓަވައި ދެއްވާފައިވާ ކަމަށެވެ. އަދި މިމަޝްރޫއު ނިންމައި ރައްޔިތުންނަށް ބޯހިޔާވަހިކަން ދޭނެ މުހުލަތުތައް ތަކުރާރުކޮށް ދެމުންދާ ކަމަށެވެ.
މީގެ އިތުރުން މެންބަރު މީކާއީލް ވިދާޅުވީ އަމިއްލަ ވިޔަފާރިތަކާއި، ވިޔަފާރިވެރިންނަށް ވެސް ސަރުކާރުން ދޫކުރަން ޖެހޭ ފައިސާ ފަސް ހަފްތާ ތެރޭގައި ދީ ނިންމާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ކަމަށެވެ. ނަމަވެސް ފަސް ހަފްތާއަށް ވީ ގޮތް ނޭނގޭ ކަމަށާއި، އިތުރު މުހުތަލެއް ދީފައިވާ ކަމަށެވެ.
އޭގެފަހުން މިއަދު ޑޮލަރުގެ އަގަކީ 20 ރުފިޔާ 25 ލާރި. މަނީ އެކްސްޗޭންޖު ތަންތަނުން ވެސް ރަސްމީކޮށް މި ހުންނަ ތަންތަނުން ވެސް އެނގޭތޯ 20 ރުފިޔާ 25 ލާރިއަށް ގަންނަން ލިބެނީ. މިއީ ހަގީގަތް. މި ހަގީގަތް ގަބޫލު ނުކޮށް ތިރިވާނެ ކަަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީތީ ތިބޭ އުސޫލު އަޅުގަނޑުމެން އެބަ ދޫކޮށްލަން ޖެހޭ. ރައީސް މުއިއްޒު ފާއިތުވި އަހަރު ވަރަށް ގިނަ ކަންކަން ފައްޓަވައިފި އެނގޭތޯ. އޭގެ ތެރޭގައި ފާހަގަކޮށްލެވޭ ރަސްމާލެ ހިއްކުން. ރަސްމާލެ ހިއްކަން ފެއްޓެވިތާ މިހާރު އަޅުގަނޑަކަށް ނޭނގޭ ފައްޓަވައިފި މިހާރު ގާތްގަނޑަކަށް 3 ވަރަކަށް ފަހަރު. ކޮންމެ ފަހަރަކު ވެސް އައު ފެށުމަކުން މިފަށަނީ. ދެން ކޮންމެ ފަހަރަކު ވެސް ރައްޔިތުންނަށް އެބަ ލިބޭ މުހުލަތެއް. އެއީ އަޅުގަނޑުމެންނަށް ލިބޭ އެއްޗަކީ އެނގޭތޯ. އައު މުހުލަތެއް.
ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހުމަދު ނަސީމް![]()
މެންބަރު މީކާއީލް ވިދާޅުވީ މިސަރުކާރުގެ އާއްމު ސިޔާސަތަކީ ދޮގު ހެދުމުގެ ސިޔާސަތު ކަމަށާއި، އެމަނިކުފާނު ރައްޔިތުނަށް އޮޅުވާލުމަށް ދޮގު ހެއްދެވުން ނޫން ކަމެއް ނުކުރާ ކަމަށެވެ. އަދި މިފަހުން ރައްޔިތުންނާއެކު ބާއްވަވާ ބައްދަލު ކުރެއްވުމަކީ ވެސް މިސަރުކާރުން ޖަހާ ޗައްކަރެއް ކަމަށް އޭނާ ވިދާޅުވި އެވެ.