ދައުލަތައް ލިބޭ އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑު ވެފައިވާ ކަމާއި، ކުރާ ޚަރަދުތަކުގެ ބޮޑު ބައެއް ހޭދަވަނީ ހިންގުމަށް ކަމާއި ތަރައްގީ އަށް ކުރާ ހޭދަ ދަށްވެފައިވާކަން ފިނޭންސްް މިނިސްޓްރީގެ ހިސާބުތަކުން ހާމަ ވެއްޖެ އެވެ.
މާލީ ހާލަތާ ބެހޭ އެންމެ ފަހުގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި، 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހާ ހަމައަށް ސަރުކާރުން ޖުމްލަ 1.43 ބިލިއަން ރުފިޔާގެ ޑެފިސިޓެއް އުފައްދާފައިވާކަން އެނގެއެވެ.
ފިނޭންސް މިނިސްޓްރީގެ މަޢުލޫމާތުތަކަށް ބަލާއިރު، އަހަރުގެ މިހާތަނަށް ސަރުކާރަށް ޖުމްލަ 34.9 ބިލިއަން ރުފިޔާގެ އާމްދަނީ އާއި އެހީ ލިބިފައިވެއެވެ. އާމްދަނީ އެންމެ ބޮޑަށް ލިބިފައި ވަނީ ފަތުރުވެރިކަމުގެ ޖީ.އެސް.ޓީ އިންނެވެ. މީގެ އިތުރުން، ޓެކްސް ނޫން އާމްދަނީ ވެސް އިތުރުވެފައިވެއެވެ.
މިހާތަނަށް ޖުމްލަ ޚަރަދު 36.4 ބިލިއަން ރުފިޔާ އަށް އަރާފައިވާއިރު، ޚަރަދުތައް އިތުރުވުމުގެ މައިގަނޑު ސަބަބަކީ ރިކަރަންޓް ޚަރަދުގެ ތެރެއިން މުސާރަ އާއި އުޖޫރަ އަށް ކުރެވުނު ޚަރަދުތައް މައްޗަށް ދިއުމުގެ ސަބަބުންކަން ފިނޭންސް މިނިސްޓްރީން ވަނީ ރިޕޯޓުގައި ފާހަގަ ކޮށްފަ އެވެ. ރިކަރަންޓް ޚަރަދު 31.2 ބިލިއަން ރުފިޔާ އަށް އަރާފައިވާއިރު، މީގެ ތެރޭގައި މުވައްޒަފުންނާ ގުޅޭ ޚަރަދުތަކާއި އިދާރީ ޚަރަދުތައް ހިމެނެއެވެ. އެހެން ނަމަވެސް، ކެޕިޓަލް ޚަރަދު 5.2 ބިލިއަން ރުފިޔާ ގައި ހުރި އިރު، އަހަރު ނިމެން މަދު ހަފްތާ ތަކަކަށް ވެފައިވާއިރު، މިއީ އަހަރަށް ފާސްކޮށްފައިވާ ޖުމްލަ ކެޕިޓަލް ޚަރަދުގެ ދެބައިކުޅަ އެއްބައި ވެސް ހަމަ ނުވާ މިންވަރެއްކަން ފާހަގަ ކުރެވެ އެވެ.
ތަރައްގީގެ މަޝްރޫއުތައް ހިމެނޭ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމު (ޕީއެސްއައިޕީ) ގެ ޚަރަދުތައް ވެސް ފާހަގަ ކުރެވޭހާ ދަށުގައި ހުރިކަން ހިސާބުތަކުން ދައްކަ އެވެ. މި ގޮތުން ޕީއެސްއައިޕީ ގައި ހިމެނޭ ބޯހިޔާވަހިކަމާއި، ބިން ހިއްކުމާއި، ތިމާވެށި ރައްކާތެރިކުރުމާއި، ސިއްހީ ހިދުމަތްތަކާއި ތައުލީމީ ދާއިރާތަކަށް ކުރެވުނު ޚަރަދުތައް އަންދާޒާކުރެވުނު މިންވަރަށްވުރެ ދަށްކަން ހާމަވެއެވެ.