2025 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި އިމާރާތް ކުރުމުގެ ދާއިރާގެ އަގު ވަރަށް ބޮޑަށް އުފުލިއްޖެ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އެންމެ ފަހުން ނެރެފައިވާ ޕްރޮޑިއުސަރ ޕްރައިސް އިންޑެކްސް (ޕީ.ޕީ.އައި) ރިޕޯޓުން ދައްކައިފި އެވެ.
ނޮވެންބަރު 30 ގައި ނެރެފައިވާ މި މައުލޫމާތުތަކުން ފާހަގަކުރެވޭ ގޮތުގައި، އިމާރާތްކުރުމުގެ ހަރަދުތައް ހުއްޓުމެއްނެތި ބޮޑުވަމުންދާކަން ފާހަގަ ކުރެވެ އެވެ.
2025 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރ ގައި، ކޮންސްޓްރަކްޝަން ސެކްޓަރގެ ޕީ.ޕީ.އައި މަހުން މަހަށް އަންނަ ބަދަލަށް ބަލާ އިރު، އެ ކުއަރޓަރ ގައި ހިމެނޭ 3 މަސް ދުވަހު ވެސް ވަނީ އަގުތައް މައްޗަށް ގޮސްފަ އެވެ.
އަހަރުން އަހަރަށް އައިސްފައިވާ ބަދަލަށް ބަލާއިރު، 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހާ 2025 ވަނަ އަހަރުގެ ސެޕްޓެންބަރު މަހާ ދެމެދު 11.80% އަށް މައްޗަށް ގޮސްފައި ވެއެވެ. މީގެ ސަބަބެއް ކަމަށް ބުނެފައި ވަނީ މި މުއްދަތުގެ ތެރޭގައި މަސައްކަތްތެރިންގެ އުޖޫރަ ބޮޑުވުމާއި، ބޭރުން މުދާ އެތެރެކުރުމުގެ ޚަރަދު އިތުރުވުމާއި، ބޭރު ފައިސާގެ ރޭޓު މަތިވުން ފަދަ ކަންކަމެވެ.
ޖުމްލަ ގޮތެއްގައި ބަލާއިރު، އިމާރާތް ކުރުމުގެ ދާއިރާގެ އަގުތައް ދަނީ މަތިވަމުން ކަމަށް ޕީ.ޕީ.އައި ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ. އެއީ މަހުން މަހަށް ބެލިޔަސް އަދި އަހަރުން އަހަރަށް ބެލިޔަސް ޓްރެންޑް ހުރި ގޮތް ކަމަށް ވެސް ބުނެފައިވެއެވެ.
ފާއިތުވި ބާރަ މަސްދުވަހަށް ބަލާއިރު، ޖުމްލަ ކޮންސްޓްރަކްޝަން ދާއިރާގެ ޕީޕީ.އައި 11.8% އިތުރުވެފައިވާއިރު، ބިލްޑިން ކޮންސްޓްރަކްޝަން ގެ ޕީ.ޕީ.އައި 13.62% އިތުރުވެ، ރޯޑް ކޮންސްޓްރަކްޝަން ސެކްޓަރގެ އަގުތައް 6.91% އިތުރުވެފައިވެއެވެ.