އިޒްރޭލު ގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާދިއްތަ ދުވަހު ވިދާޅުވީ، އޭނާ ގެ މައްޗަށް ދިގު މުއްދަތަކަށް ހިނގަމުންދާ ކޮރަޕްޝަން ގެ މައްސަލައިގައި، އެ ޤައުމުގެ ރައީސްގެ ފަރާތުން މާފު ލިބިއްޖެ ނަމަ، ސިޔާސީ ހަޔާތުން ދުރައް ވަޑައިނުގަންނަވާނެ ކަމަށެވެ.
މާފު ލިބިއްޖެ ނަމަ ސިޔާސީ މަސައްކަތުން ދުރައްދާނެތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ނަތަންޔާހޫ ޖަވާބު ދެއްވީ "ނޫނެކޭ" އެވެ.
ނަތަންޔާހޫ ވަނީ މިދިޔަ މަހު ރައީސް އައިޒެކް ހާޒޮގް ގެ އަރިހުން މާފު ދެއްވުމަށް އެދިފަ އެވެ. ބޮޑުވަޒީރު ގެ ވަކީލުން ބުނެފައި ވަނީ، ގިނަ ފަހަރުތަކެއްގެ މަތިން ކޯޓަށް ހާޒިރުވުމުގެ ސަބަބުން ނަތަންޔާހޫ އަށް ސަރުކާރު ހިންގުމަށް ހުރަސް އެޅޭ ކަމަށާއި، މާފު ލިބުމަކީ އެ ޤައުމަށް ފައިދާހުރި ކަމެއް ކަމަށެވެ.
އިޒްރޭލު ގައި އާންމު ކޮށް މާފު ދެވެނީ ޤާނޫނީ އިޖުރާއަތްތައް ނިމި، ދައުވާ ލިބޭ ފަރާތް ކުށްވެރިވުމުންނެވެ. މައްސަލަ ހިނގަމުންދާ ދަނޑިވަޅެއްގައި މާފު ދިނުމުގެ އެއްވެސް ކަމެއް މީގެ ކުރިން ހިނގާފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ނަތަންޔާހޫ ވަނީ ރިޝްވަތު ދިނުމާއި، މަކަރާއި، އިތުބާރު ނަގާލުމުގެ ދައުވާތަކަށް ތަކުރާރުކޮށް އިންކާރު ކޮށްފައެވެ. އަދި އޭނާގެ ވަކީލުން ބުނެފައި ވަނީ، ޤާނޫނީ ކަންކަން ނިމޭއިރު، ބޮޑުވަޒީރަށް އެއްކޮށް ކުށުން ބަރީއަވެވޭނެ ކަމަށް އަދިވެސް ގަބޫލު ކުރާ ކަމަށެވެ.
ނަތަންޔާހޫ މާފަށް އެދުމުގެ ކުރިން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިޒްރޭލުގެ ރައީސަށް ސިޓީއެއް ފޮނުއްވައި، ބޮޑުވަޒީރަށް މާފު ދިނުމާ މެދު ވިސްނުމަށް ބާރުއަޅުއްވާފައެވެ.
އިޒްރޭލުގެ އިދިކޮޅު ބައެއް ސިޔާސީ ފަރާތްތަކުން ބުނެފައި ވަނީ، މާފު ދިނަސް ދޭން ވާނީ ނަތަންޔާހޫ ސިޔާސީ ހަޔާތުން އެކަހެރިވެ، ކުށް ގަބޫލުކުރުމުގެ ޝަރުތުގެ މަތިން ކަމަށެވެ.
ބެލެވޭ ގޮތުގައި އިޒްރޭލުގެ އާންމު އިންތިޚާބު 2026 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އޮންނާނެ އެވެ.