ފަލަސްތީނުގެ ހަމާސް ޖަމާޢަތުން ޣައްޒާ ސަރަހައްދުގެ ވެރިކަން ކުރަން ބޭނުމެއް ނުވާ ކަމަށާއި، ދެން އަންނަ ފިޔަވަހީގައި ޣައްޒާ ހިންގުމަށް ޓެކްނޮކްރެޓިކް ކޮމިޓީ އެއް އެކުލަވާލުމަށް އެއްބަސްވެފައިވާ ކަމަށް ބުނެފި އެވެ.
ހަމާސް ގެ އިސް އޮފިޝަލަކު އަލް އަރަބިއްޔާ އާ ވާހަކަ ދައްކަމުން ޓެކްނޮކްރެޓިކް ކޮމިޓީ އަށް ހުށަހަޅާފައިވާ ހުރިހާ ނަންތަކަށް ހަމާސް އިން ތާއީދުކޮށްފައިވާ ކަމަށާއި، މި ލިސްޓާ ގުޅޭގޮތުން ޖަމާޢަތުގެ ތެރޭގައި އެއްބަސްވުމެއް އޮތް ކަމަށް ބުންޏެވެ. މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބިފައިވިޔަސް، އެއްބަސްވެފައިވާ ފިޔަވަޅުތައް ޢަމަލީ ގޮތުން ތަންފީޒުކުރުމަށް އިޒްރޭލުން ހުރަސްއަޅަމުން އަންނަ ކަމަށް އޭނާ އިތުރަށް ބުންޏެވެ.
ހަމާސްގެ އޮފިޝަލް ބުނީ ޣައްޒާ އަށް އަންނަ ބައިނަލްއަގުވާމީ ފައުޖުގެ މައިގަނޑު ރޯލަކަށް ވާނީ ހަނގުރާމަ ހުއްޓާލަން ވީ އެއްބަސްވުން މޮނިޓަރ ކުރުން ކަމުގައެވެ. އެމީހުންނަށް ދާޚިލީ ވެރިކަމުގައި ބައިވެރިވުމަށް ފުރުސަތެއް ނުއޮންނާނެ ކަމަށް ވެސް ބުންޏެވެ.
އެމެރިކާގެ މެދުވެރިވެގެން ޣައްޒާ ގައި އިޒްރޭލާއި ހަމާސް އާ ދެމެދު ހިނގަމުން ދިޔަ ދެ އަހަރު ދުވަހަށް ވުރެ ގިނަ ދުވަސްވީ ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމެއް އޮކްޓޫބަރު 10 ގައި ތަންފީޒުކުރަން ވަނީ ފަށާފަ އެވެ.
އެހެން ނަމަވެސް އިޒްރޭލުން އަދިވެސް ގެންދަނީ ޣައްޒާ އަށް ދޭތެރެ ދޭތެރެއިން އެއްބަސްވުމާ ޚިލާފުވެ ހަމަލާ ދެމުންނެވެ.