ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ޓޫރިސްޓް ރިސޯޓެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ރަށް، ބިން ނުވަތަ ފަޅު ދޫކުރެވޭ ގޮތަށް ދިވެހިރާއްޖޭ ގެ ޓޫރިޒަމާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފި އެވެ.
ބިލު ސަރުކާރު ގެ ފަރާތުން ހުށަހަޅާފައި ވަނީ ދައުލަތުގެ ކުންފުންޏަކަށް ޓޫރިސްޓް ރިސޯޓް ހެދުމަށް ތަންތަން ކުއްޔަށް ދޫކުރުމާއި ޓޫރިޒަމް ޓްރޭނިންގ ރިސޯޓު ހެދުމަށް ތަންތަން ކުއްޔަށް ދޫކުރުމުގެ ނިޒާމެއް ތައާރަފު ކޮށް އެފަދަ ބޭނުން ތަކަށް ތަންތަން ކުއްޔަށް ދިނުމާއި އެ ތަންތަން ހިންގުމުގެ އުސޫލު ގާނޫނުގައި ބަޔާން ކުރުމަށް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ސަރުކާރުން ބުނީ ރިސޯޓު ހެދުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީ ކުރުމަށް ދެވޭ މުއްދަތު އިތުރުކޮށްދިނުމާ ބެހޭ އުސޫލާއި ފަތުރުވެރިކަމު ގެ ބޭނުމަށް ކުއްޔަށް ދޫކުރެވޭ ރަށްރަށުގެ ފަޅުގެ ސަރަހައްދު ކަނޑައެޅުމާ ބެހޭ އުސޫލު ގާނޫނުގައި ހިމެނުމަކީ ވެސް ބިލު ގެ ބޭނުމެއް ކަމަށެވެ.
ބިލުގައި ބުނީ ވަޒީރުން ގެ މަޖިލީހުން ފާސް ކޮށްގެން ޓޫރިސްޓު ރިސޯޓެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިޒަމް ރިސޯޓެއް ތަރައްގީ ކުރުމަށް ދައުލަތުގެ ކުންފުންޏަކަށް ރަށެއް ނުވަތަ ފަޅެއް ދޫކުރެވިދާނެ ކަމަށެވެ. މިފަދަ ތަނެއް ދޫކުރާ ކުންފުންޏަކީ ރިސޯޓެއް ތަރައްގީ ކުރުމުގެ މާލީ އަދި ފަންނީ ގާބިލުކަން ހުރި ކުންފުންޏެއް ކަން ޔަގީން ކުރަން ވާނެ ކަމަށް ވެސް ބިލުގައި ވެއެވެ.
ދައުލަތުގެ ކުންފުންޏަށް ރަށެއް ނުވަތަ ފަޅެއް ދޫކުރެވޭނީ، މި އިސްލާހުގައިވާ ގޮތުގެ މަތިން ސަރުކާރާ އެކު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި އެ ތަނަކަށް ދައްކަން ޖެހޭ އިކުއިޒިޝަން ފީ ސަރުކާރަށް ދައްކަން ޖެހޭނީ އެ ތަނަކާ ހަވާލުވާ ކުންފުނިން ކަމަށް ވެސް ބިލުގައި ބަޔާން ކޮށްފައި ވެއެވެ.
އޭގެ އިތުރުން ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ގެ ގޮތުގައި ޓޫރިޒަމް ޓްރަސްޓު ފަންޑަށް ޖަމާކުރުމަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ތަރައްގީގެ މަޝްރޫއު އަކަށް ޚަރަދު ކުރުމަށް ވެސް މިނިސްޓްރީއަށް ޝަރުތު ކުރެވިދާނެ އެވެ.
ރިސޯޓު ތަރައްގީ ކުރުމަށް ރަށްރަށާއި ފަޅުތަކާއި ބިން ހަވާލުކުރެވޭނީ މަދުވެގެން ސަރުކާރުގެ 45 އިންސައްތަ ހިއްސާ އޮންނަ ކުންފުނިތަކަށް އެކަންޏެވެ.
ރާއްޖޭ ގައި ޓޫރިޒަމާ ގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ޚިދުމަތް ދެވޭނީ، ޓުއަރ އޮޕަރޭޓަރ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް ކަމަށާއި، ރާއްޖެ އިން ބޭރުގައި ރަޖިސްޓަރީ ކޮށްފައިވާ ޓުއަރ އޮޕަރޭޓަރަކަށް ޚިދުމަތް ދެވޭނީ ފޮރިން ޓުއަރ އޮޕަރޭޓަރ ލައިސަންސް އެއް ހޯދުމަށްފަހު ކަމަށް ކަނޑައަޅައި ޓުއަރ އޮޕަރޭޓަރުންނާއި ފޮރިން ޓުއަރ އޮޕަރޭޓަރުންނާ ގުޅޭ ކަންކަން ވެސް މި ބިލުގައި ބަޔާން ކޮށްފައި ވެއެވެ.
ފަތުރުވެރި ކަމުގެ ބޭނުމަށް ތަރައްގީކޮށް ހިންގަމުންދާ ރަށެއް ނުވަތަ ބިމެއް ރީ- ޑިވެލޮޕްކުރުމަށް ބަންދުކުރެވޭ މުއްދަތުގައި ދައްކަންޖެހޭ ކުއްޔާއި ބަންދުކުރުމާ ހަމައަށް ދައްކަން ޖެހިފައިވާ ކުއްޔާއި ޖޫރިމަނާގެ ފައިސާ ގަވާއިދު ގައި ކަނޑައަޅާ ގޮތެއްގެ މަތިން ފަސްކޮށްދިނުމުގެ އިޚުތިޔާރު މިނިސްޓްރީ އަށް ލިބޭނެ އެވެ.
ހުއްދަ ހޯދައިގެން ފޯރުކޮށްދޭން ޖެހޭ ޓޫރިސްޓް ޚިދުމަތެއް އެ ލައިސަންސް ހޯދުމަކާ ނުލައި ފޯރުކޮށްދީފިނަމަ އެ ފަރާތެއް ފޯރުކޮށްދިން ޚިދުމަތުގެ ބާވަތަށާއި ޚިދުމަތް ފޯރުކޮށްދިން މުއްދަތަށް ބިނާކޮށް އެ ފަރާތެއް 1،000،000 (އެއް މިލިއަން) ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައި ވެއެވެ.
ރައީސް މި ބިލު ތަސްދީގުކުރައްވާ ސަރުކާރު ގެޒެޓުގައި ޝާއިއު ކުރެއްވުމާއެކު މިހާރު ވަނީ މި ގާނޫނަށް އަމަލު ކުރަން ފަށާފަ އެވެ.