އެކިކަހަލަ ލުއިތަކާއި އިސްތިސްނާތައް ދީގެން ޓޫރިސްޓު ރިސޯޓުތައް މަދު އަތޮޅުތަކުގައި ފަތުރުވެރިކަން އިތުރަށް ތަރައްގީކުރުމަށް މަސައްކަތް ފަށަން ނިންމައިފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއުލާނުކުރައްވައިފިއެވެ.
އެމަނިކުފާނު އެކަން ހާމަކުރައްވާފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ރައީސް ވިދާޅުވީ، އެ މަނިކުފާނުގެ މެނިފެސްޓޯގައާއި މި އަހަރުގެ ރިޔާސީ ބަޔާނުގައި ފާހަގަކުރައްވައިފައިވާ ގޮތަށް، ރިސޯޓުތައް މަދު އަތޮޅުތަކުގައި ފަތުރުވެރިކަން އިތުރަށް ތަރައްގީކުރަން ނިންމަވައިފައިވާ ކަމަށެވެ.
އެގޮތުން ހއ، ހދ، ށ، ތ، ލ، އަދި އައްޑޫ ސިޓީގައި ފަތުރުވެރިކަން އިތުރަށް ތަރައްގީކުރުމުގެ މަސައްކަތް ކުރަން ނިންމަވައިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން މި މަޝްރޫޢު ކުރިއަށް ގެންދާނީ ގިނަ ދާއިރާތަކެއް ހިމެނޭ ގޮތަށް، އޭގެ ތެރޭގައި އެކިކަހަލަ ލުއިތަކާއި، އިސްތިސްނާތައް ދީގެން، އިންވެސްޓްކުރުމާއި، އަދި މާކެޓިންގެ މަސައްކަތްތައްވެސް ހިމެނޭ ގޮތަށް ކަމަށާއި މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ އިންވެސްޓްމަންޓް އިތުރުކޮށް، ސަރަޙައްދީ އަދި އިޤުތިޞާދީ ޙަރަކާތްތައް ކުރިއެރުވުން ކަމަށް ވިދާޅުވިއެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވެފައި މިވަނީ، މި ސަރުކާރަށް ފާހަގަކޮށްލެވޭ ވަރުގެ އިންވެސްޓްމަންޓުތަކެއް ނުގެނެވޭ ކަމަށް ބުނެ އިދިކޮޅު ސިޔާސީ ފަރާތްތަކުން ސަރުކާރަށާއި ރައީސަށް ފާޑުކިޔަމުން ދަނިކޮށެވެ. ސަރުކާރުން ފެށި ގިނަ މަޝްރޫއުތަކެއް މަޑުޖެހި، ގެންނަ އިންވެސްޓަރުންގެ ސައްހަކަމާމެދު އެ ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.
އަދި މި ސަރުކާރުން އެކި ގައުމުތަކުގައި ބާއްވަމުންދާ އިންވެސްޓްމަންޓު ފޯރަމްތަކުން މިހާތަނަށް ރަނގަޅު އިންވެސްޓްމަންޓެއް ނުގެނެވޭކަން ވިޔަފާރިވެރިން ވެސް ވަނީ ފާހަގަކޮށްފަ އެވެ.