Advertisement
ކ. މާލެ
|
6 ޑިސެންބަރ 2025 | ހޮނިހިރު 12:20
ފަލަސުރުހީ ޕްރޮގްރާމްގައި ވ.އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ ވާހަކަ ދައްކަވަނީ
ފަލަސުރުހީ ޕްރޮގްރާމްގައި ވ.އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
ލާމަރުކަޒީ ނިޒާމު
މިސަރުކާރުން ލާމަރުކަޒީ ނިޒާމަށް ގެނެސްފައިވާ ބަދަލާއެކު ހިންގުމުގެ ނިޒާމު އޮޅުން ބޮޅުން ގަނޑެއްގެ ތެރެއަށް ވައްޓާލާނެ: ވ.އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު
ލާމަރުކަޒީ ނިޒާމަށް ގެނެސްފައިވާ ބަދަލަކީ ދިރާސާ ކުރުމެއް ނެތި ގެނެސްފައިވާ ބަދަލު ތަކެއް
އަތޮޅު ފެންވަރުގައި ރައްޔިތުންނަށް ފޯރުކޮށްދެމުން ދިޔަ ހުރިހާ ޚިދުމަތްތައް ހުއްޓި ހުރިހާ ޚިދުމަތްތަކެއް ރަށްމެދު ވެގެންދާނެ
އަތޮޅުތެރޭގެ ރަށްތައް ހިންގުމުގައި ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާނެ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ގެނެސްފައިވާ ބަދަލާއެކު މުޅި ރާއްޖޭގެ ހިންގުމުގެ މުޅި ނިޒާމު އޮޅުން ބޮޅުން ގަނޑެއްގެ ތެރެއަށް ވައްޓާލާނެ ކަމަށް ވ.އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ ވިދާޅުވެއްޖެ އެވެ.

ފަލަސުރުހީ ޕްރޮގްރާމްގައި ވ.އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު ވަނީ ލާމަރުކަޒީ ގާނޫނަށް ރައީސް މުއިއްޒުގެ ސަރުކާރުން ގެނެސްފައިވާ ބަދަލުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. މި ނިޒާމު އެއްކޮށް ހަލާކުކޮށް، ރައްޔިތުންނަށް ދަތިކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ މިސަރުކާރުން ލާމަރުކަޒީ ނިޒާމަށް ގެނެސްފައިވާ ބަދަލަކީ އެއްވެސް ވަރަކަށް ދިރާސާ ކުރުމެއް ނެތި، ކަމާގުޅުންހުރި ފަންނީ އެއްވެސް ބޭފުޅެއްގެ ލަފާއެއް އިރުޝާދެއް ވެސް ހޯދުމެއް ނެތި ގެނެސްފައިވާ ބަދަލު ތަކެއް ކަމަށެވެ. އަދި މި ބަދަލުތަކަކީ ހަމައެކަނި ރައީސް މުއިއްޒު ބޭނުންފުޅު ވުމުން ގެނެސްފައިވާ ބަދަލުތަކެއް ކަމަށެވެ.

ރާއްޖެ އުފެދިފައިވާ ގޮތަށް އިޝާރާތް ކުރައްވައި ޝުޖާއު ވިދާޅުވީ ޒަމާނުއްސުރެ ރާއްޖޭގެ ރަށްރަށް ހިންގަމުން އައިސްފައިވާ ގޮތް މި ސަރުކާރުން ބަދަލު ކޮށްފައިވާ ކަމަށާއި، މިކަމުގެ ދަތި އުދަނގޫތައް ރައްޔިތުންނަށް ކުރާނެ ކަމަށެވެ. ޝުޖާއު ވިދާޅުވީ އަބަދުވެސް އަތޮޅެއް އޮވެ އަތޮޅު ފެންވަރުގައި ކަންތައްތަކެއް ކުރާ ކަމަށާއި، އެއަށް ބެލުމަށްފަހު ރަށްރަށުގެ ކަންކަން ވެސް ތަރުތީބު ކުރާ ކަމަށެވެ.

ނަމަވެސް މި ސަރުކާރުން މި ގެނެސްފައިވާ ބަދަލާއެކު އަތޮޅު ފެންވަރުގައި ރައްޔިތުންނަށް ފޯރުކޮށްދެމުން ދިޔަ ހުރިހާ ޚިދުމަތްތައް ހުއްޓި، ހުރިހާ ޚިދުމަތްތަކެއް ރަށްމެދު ވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ޝުޖާއު ވިދާޅުވީ ކުރިއަށް އޮތްތަނުގައި ބޮޑެތި ގޮންޖެހުންތައް އަންނާނެ ކަމަށާއި، ރައްޔިތުން ތިބޭނީ ވާނުވާ ގައި ކަމަށެވެ. އަދި އަންދާޒާ ކޮށްލަން ނޭނގޭ މިންވަރަށް ހިންގުމުގެ ހުރިހާ ކަމެއް ދަތިވެ، މުޅި ނިޒާމު އޮޅުންބޮޅުންގަނޑެއްގެ ތެރެއަށް ވައްޓާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަޅުގަނޑުމެންނަށް މިފެންނަީ ގާނޫނު އަސާސީއެއް ނެތް ދުވަސްވަރު ވެސް ރާއްޖޭގެ ހިންގުމުގެ ނިޒާމު އޮތީ ރާއްޖޭގެ ގުދުރަތީ އުފެދުމާ ވަރަށް އެއްގޮތް ކޮށް އުފެދިފައި އޮތް ހިންގުމުގެ ވައްޓަފާޅިއަކަށް. އަޅުގަނޑުމެންނަށް މިފެންނަނީ ތާރީހުގެ ތެރެއިން ފުރަތަމަ ކާރުދަވެރިންގެ ގޮތުގައި މި އަތޮޅުތައް ހިންގަން ބަޔަކު ތިއްބެވި. ދެން އެއާ ބަދަލާއެކު ވާރުވަވެރިންނަށް އެބޭފުޅުން ބަދަލުވެގެން ދިޔަ. ހަމައެއާއެކު އަތޮޅުތައް ހިންގުން ލާމަރުކަޒީ ގާނޫނު އައުމުގެ ކުރިން އަތޮޅުވެރިން އައްޔަން ކުރައްވައިގެން އަތޮޅުތައް ހިންގަވާފައި. އެހެންވީމަ މިއިން އެއްވެސް ޒަމާނެއްގައި ނެތް ރާއްޖޭގެ އުފެދުމާ ބީރައްޓެހި ގޮތަކަށް ރާއްޖޭގެ ހިންގުން ބަދަލު ކުރައްވާފައި މި ނޫނިއްޔާ. މިއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރާއްޖެއާ ވެސް ވަރަށް ބީރަށްޓެރި ބޭފުޅުންތަކެއް ނިންމާ ނިންމުމެއް އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑުމެންގެ ސަރުކާރުން މިއަދު ނިންމަވާފައި މިއޮތީ.

ވ.އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ

އަތޮޅު ކައުންސިލްތައް އުވާލައި ދެން އޮންނަ ކައުންސިލް އިންތިޚާބުން ފެށިގެން އަތޮޅު ކައުންސިލަރުން އިންތިޚާބު ކުރަން ނުޖެހޭ ގޮތަށް ސަރުކާރުގެ ފަރާތުން ގާނޫނު އަސާސީ އަށް ހުށަހެޅި އިސްލާހު ރައީސް މުއިއްޒު ތަސްދީގު ކުރެއްވީ 1 ޑިސެންބަރު 2025 ގަ އެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ، 27 ނޮވެންބަރު 2025 ވީ ބުރާސްފަތި ދުވަހު ބޭއްވި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 26 ވަނަ ޖަލްސާގަ އެވެ. ސަރުކާރުން ހުށަހެޅި އިސްލާހު ފާސް ކޮށްފައިވަނީ 75 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އަތޮޅު ކައުންސިލް އުވާލަން ނުފެންނަ ކަމަށް 12 މެންބަރުން ވޯޓު ދެއްވި އެވެ.

މި އިސްލާހާއެކު، ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ފަހު އަތޮޅު ކައުންސިލުތައް އުވިގެންދާނެ އެވެ. ދިވެހިރާއްޖޭގެ 21 އިދާރީ ދާއިރާގެ ތެރެއިން ސިޓީ ކައުންސިލްގެ ޝަރުތު ހަމަވާ އިދާރީ ދާއިރާތައް ފިޔަވައި، އެހެން ކޮންމެ އިދާރީ ދާއިރާއެއްގައި ހިމެނޭ މީހުން ދިރިއުޅޭ ކޮންމެ ރަށެއް ހިންގާނީ ރަށު ކައުންސިލް ތަކުންނެވެ. އަދި ރަށު ކައުންސިލް ތަކުން ޖަވާބުދާރީ ވާނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) އަށާއި އެ ކައުންސިލެއް ހިމެނޭ ރަށެއްގެ ރައްޔިތުންނަށެވެ.

މި ސަރުކާރުން އިސްތާހު ތަސްތީގު ކޮށްފައިވަނީ ގިނަ ކައުންސިލަރުން މި ކަމަށް ދެކޮޅު ހަދާފައިވަނިކޮށެވެ.

- ކޮމެންޓް