Advertisement
ކ. މާލެ
|
4 ޑިސެންބަރ 2025 | ބުރާސްފަތި 19:17
ޖަޕާނުން ހަދިޔާކުރި ޕެޓްރޯލް ވެސެލް ކައިރީގައި ކުރީގެ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޢަބްދުﷲ ޝަރީފު އަދި ކަސްޓަމްސްގެ މިހާރުގެ ޑެޕިއުޓީ ކޮމިޝަނަރު އިބްރާހިމް މަފާޒް
ޖަޕާނުން ހަދިޔާކުރި ޕެޓްރޯލް ވެސެލް ކައިރީގައި ކުރީގެ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޢަބްދުﷲ ޝަރީފު އަދި ކަސްޓަމްސްގެ މިހާރުގެ ޑެޕިއުޓީ ކޮމިޝަނަރު އިބްރާހިމް މަފާޒް
ރާއްޖެއެމްވީ
ޖަޕާނުން ހަދިޔާކުރި ޕެޓްރޯލް ވެސަލް
ބުރާސްފަތި ދުވަހު މި ސަރުކާރުން ހަވާލުވި ޕެޓްރޯލް ވެސަލް އަކީ، އެމްޑީޕީ ވެރިކަމުގައި ޖަޕާނުން ހަދިޔާކުރި އުޅަނދެއް
ނިމިދިޔަ އެމްޑީޕީ ވެރިކަމުގައި ކަސްޓަމްސްގެ ވެރިން ޖަޕާނަށް ދަތުރުކޮށް އުޅަނދުގެ ހާލަތު ބަލައި މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވޭ
ކުރީ ސަރުކާރުގެ މަސައްކަތުން ހަމަޖެހިފައިވާ އެހީތަކަކީ މިހާރުގެ ސަރުކާރުގެ މަސައްކަތްކަމަށް ދެއްކުމަށް މި ސަރުކާރުން މަސައްކަތް ކުރާކަމަށް ގިނަ ބަޔަކު ތުހުމަތުކުރޭ

ނިމިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު މި ސަރުކާރުން ރަސްމީކޮށް ހަވާލުވި ޕެޓްރޯލް ވެސަލް އަކީ، ކުރީގެ އެމްޑީޕީ ސަރުކާރުގެ ވެރިކަމުގައި ޖަޕާން ސަރުކާރުން ދިވެހި ސަރުކާރަށް ހަދިޔާކުރުމަށް ނިންމި އުޅަނދެއް ކަން ހާމަވެއްޖެ އެވެ.

މި އުޅަނދު ހަދިޔާ ކުރުމުގެ މަސައްކަތްތައް ފަށާފައިވަނީ ކުރީ ސަރުކާރު ގެ ވެރިކަމުގައި ކަމަށާއި، އެ ސަރުކާރު ގެ މަސައްކަތުން ހަމަޖެހިފައިވާ އެހީއެއް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ނިމިދިޔަ އެމްޑީޕީ ވެރިކަމުގައި އޭރު ގެ ކަސްޓަމްސް ގެ ވެރިން ވަނީ ޖަޕާނަށް ދަތުރުކޮށް މި އުޅަނދުގެ ހާލަތު ބަލާ، އެކަމާ ގުޅޭ މަސައްކަތްތައް ކުރިއަށް ގެންގޮސްފައެވެ. މި ދަތުރުގައި އޭރުގެ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޢަބްދުﷲ ޝަރީފު ގެ އިތުރުން ކަސްޓަމްސް ގެ މިހާރުގެ ޑެޕިއުޓީ ކޮމިޝަނަރު އިބްރާހިމް މަފާޒް ވެސް ބައިވެރިވެފައިވާކަން ފާހަގަކުރެވެ އެވެ.

މިކަމާ ގުޅިގެން ރާއްޖެ އެމްވީގެ ފަރާތުން މަފާޒް އާއި ސުވާލު ކުރުމުން އޭނާ ބުނީ ތިކަމުގެ މައުލޫމާތު ހޯދުމަށް ކަސްޓަމްސް ގެ އިންފޮމޭޝަން އޮފިސަރާ ގުޅުމަށެވެ. ނަމަވެސް ރާއްޖެ އެމްވީ އަށް ލިބިފައިވާ ފޮޓޯތަކުން ފެންނަނީ އޭރުގެ ކޮމިޝަނާ އޮފް ކަސްޓަމްސް ޢަބްދުﷲ ޝަރީފު އަދި މަފާޒް، ޖަޕާނުން ހަދިޔާކުރި އުޅަނދުގެ ކައިރީގައި ހުއްޓި ހުރި މަންޒަރެވެ.

އެމްޑީޕީ ވެރިކަމުގައި ޖަޕާން ސަރުކާރުން ރާއްޖެ އަށް ހަދިޔާކުރި ޕެޓްރޯލް ވެސަލް އާއި މިސަރުކާރުގެ ހޯމް މިނިސްޓަރ އަލީ އިހުސާން ރަސްމީކޮށް ހަވާލުވެވަޑައިގަންނަވަނީ

ރާއްޖޭގެ ބައިނަލްއަގުވާމީ ބަނދަރުތައް ބެލެހެއްޓުން ހަރުދަނާ ކުރުމާއި ސަވެއިލެންސްގެ މަސައްކަތަށް 82 ފޫޓްގެ ޕެޓްރޯލް ވެސަލްއެއް ޖަޕާން ސަރުކާރުން މޯލްޑިވްސް ކަސްޓަމްސް ސާވިސް އާއި ރަސްމީކޮށް ހަވާލު ކޮށްފައިވަނީ ނިމިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގަ އެވެ. މި އުޅަނދު ހަދިޔާކުރުމަށް ކަސްޓަމްސް ބިލްޑިންގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ، މިނިސްޓަރު އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަލީ އިހްސާން އެވެ.

މި އުޅަނދު ރަސްމީކޮށް ހަވާލުކޮށްދެއްވީ، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މިސް އިޝިގާމީ ރުމީކޯ އެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އުޅަނދާ ހަވާލުވެ ވަޑައިގެންނެވީ މިނިސްޓަރު އަލީ އިހްސާން އެވެ.

މި އުޅަނދު އޮޕަރޭޓް ކުރުމަށް ރޭވިފައިވަނީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޯސްޓްގާރޑް އާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގުޅިގެންނެވެ. މި އުޅަނދު އޮޕަރޭޓް ކުރުމަށް ބޭނުންވާ ތަމްރީންތައް ޖަޕާނާއި ދިވެހިރާއްޖޭގައި ވަނީ ހިންގާފަ އެވެ. މި ތަމްރީން ޕްރޮގްރާމްތަކުގައި ކަސްޓަމްސްގެ 23 އޮފިސަރުން ބައިވެރިވެފައިވާކަން ފާހަގަކުރެވެ އެވެ.

މި ސަރުކާރުގެ ހާރިޖީ ސިޔާސަތު ފެއިލްވެ ބައިނަލްއަގުވާމީ އެހީ ލިބުން މަދުވެފައިވާ މި ދަނޑިވަޅުގައި، ކުރީ ސަރުކާރުގެ މަސައްކަތުން ހަމަޖެހިފައިވާ އެހީތަކަކީ ވެސް މި ސަރުކާރުގެ މަސައްކަތް ކަމަށް ދެއްކުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރާކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ. މި އުޅަނދު ހަދިޔާކުރުމުގެ މަސައްކަތްތައް ފެށިފައިވަނީ ކުރީގެ ސަރުކާރުގައި ކަމުގައިވިޔަސް، މި ސަރުކާރުން އެކަން ހާމަކުރަން ބޭނުން ނުވާކަން ގިނަ ފަރާތްތަކުން ފާހަގަކުރެ އެވެ.

- ކޮމެންޓް