Advertisement
ކ. މާލެ
|
15 އޮކްޓޯބަރ 2025 | ބުދަ 19:11
އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުއްޓާ 13 މިލިއަން ސިނގިރެޓް ވަގަށް ނެގި މައްސަލައިގައި 6 މުވައްޒަފަކު ސަސްޕެންޑްކޮށް ސެކިއުރިޓީ ހަރުދަނާކުރަން ނިންމާފައިވޭ
އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުއްޓާ 13 މިލިއަން ސިނގިރެޓް ވަގަށް ނެގި މައްސަލައިގައި 6 މުވައްޒަފަކު ސަސްޕެންޑްކޮށް ސެކިއުރިޓީ ހަރުދަނާކުރަން ނިންމާފައިވޭ
އެމްޕީއެލް
އެމްޕީއެލް
13 މިލިއަން ސިނގިރެޓް ވަގަށް ނެގި މައްސަލައިގައި އެމްޕީއެލްގެ 6 މުވައްޒަފަކު ސަސްޕެންޑް ކޮށްފި
ސެކިއުރިޓީ އިތުރަށް ވަރުގަަދަކުރާނެ ކަމަށް ވަނީ ބުނެފައި

13 މިލިއަން ސިނގިރެޓް ވަގަށް ނެގި މައްސަލައިގައި އެމްޕީއެލްގެ 6 މުވައްޒަފަކު ސަސްޕެންޑް ކޮށްފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ހުޅުމާލޭ އިންޓަރނޭޝަނަލް ޕޯޓުގައި ހުއްޓާ 40 ފޫޓުގެ ދެ ކޮންޓެއިނަރ ގައި ހުރި 13 މިލިއަނަށްވުރެ ގިނަ ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި މިހާތަނަށް ސަރުކާރުން ވެސް އެމްޕީއެލްއިން ވެސް ބަހެއް ބުނެފައި ނުވެއެވެ. ސިނގިރޭޓް ވަގައް ނެގުމުގެ ހާދިސާ ހިނގާފައިވަނީ 26 އޭޕްރިލް 2025 ގައެވެ.

މިކަމާއި ގުޅިގެން އެމްޕީއެލް އިން ބުނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ހިފަހައްޓައި، އެ ކުންފުނީގެ ބެލުމުގައި ދަށުގައި ބަހައްޓާފައި ހުރި ދެ ކޮންޓޭނަރުގެ މުދާ ހުޅުމާލެ އިންނޭޝަނަލް ޓަރމިނަލް އިން ގެއްލުނުކަން 8 އޮކްޓޯބަރ 2025 ވަނަ ދުވަހުގެ ރޭ ފާހަގަވި ވަގުތުން ފެށިގެން، އެ ކުންފުނިން އެތެރޭގެ ތަޙުޤީޤެއް ފަށާފައިވާ ކަމަށެވެ.

އަދި އެ ކުންފުނީގެ ތަޙުޤީޤުން މިހާތަނަށް ހޯދިފައިވާ މަޢުލޫމާތަށް ރިޢާޔަތްކޮށް، 12 އޮކްޓޯބަރ 2025 ވަނަ ދުވަހުން ފެށިގެން އެ ކުންފުނީގެ 5 މުވައްޒަފުން ވަނީ ވަޒީފާ އިން ސަސްޕެންޑްކޮށްފައި ކަމަށާއި އަދި އިތުރު މުވައްޒަފަކު 15 އޮކްޓޯބަރ 2025 ވަނަ ދުވަހުން ފެށިގެން ވަޒީފާ އިން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އަދި ކުންފުނީގެ ހިންގުމުގައި އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް ދެނެގަތުމަށް އެމްޕީއެލްގެ ތަޙުޤީޤު ކޮމެޓީ، ރިސްކް ޑިޕާޓްމަންޓް އަދި އިންޓަރނަލް އޮޑިޓްއިން މިހާރު ވެސް ދަނީ މި މައްސަލައާ ގުޅޭ ތަޙުޤީޤު އަދި އޮޑިޓްތަކުގެ މަސައްކަތްތައް ކުރިއަށް ގެންދަމުން ކަމަށް ބުނެފައިވެއެވެ.

އެމްޕީއެލްއިން ބުނީ މިއީ ވަރަށް ސީރިއަސް މައްސަލައަކަށްވާތީ، އެ ކުންފުނީގެ ތަޙުޤީޤު ކުރިއަށް ގެންދަނީ ފުލުހުންގެ ތަޙުޤީޤަށް ހުރަސްނޭޅޭ ގޮތަށް ކަމުގައެވެ. މި މައްސަލައިގައި އެންމެ ފުރަތަަމަ ދުވަހުން ފެށިގެން ފުލުހުންގެ ތަޙުޤީޤަށް މި ކުންފުނިން ދަނީ ފުރިހަމަ އެއްބާރުލުން ދެމުން ކަމަށް ވެސް ބުނެފައިވެއެވެ.

އެމްޕީއެލްއިން ބުނީ މި މައްސަލައާ ގުޅިގެން އެމް.ޕީ.އެލްގެ ސެކިއުރިޓީ އާކިޓެކްޗަރ އިތުރަށް ހަރުދަނާ ކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ދަޢުލަތުގެ ސަލާމަތީ ބާރުތަކާއި ޤާނޫނު ތަންފީޒުކުރާ މުޢައްސަސާތަކާއި ވުޒާރާތަކާއި ގުޅިގެން ކުންފުނިން ފަށާފައިވާކަމަށެވެ. އެގޮތުން މިފަދަ ކަމެއް ތަކުރާރުވެ ނުދިއުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން، މޯލްޑިވްސް ކަސްޓަމްސް ސަރވިސް، މިނިސްޓްރީ އޮފް ޑިފެންސް، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަދި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހާއެކު މަޝްވަރާތައް ފަށާފައިވާ ކަމަށް ވެސް އެމްޕީއެލް އިން ބުނެއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާ މުދާ، ބަނދަރުގައި ބެހެއްޓުމުގައި މިހާރު ޢަމަލު ކުރަމުންދާ ޢުސޫލުތަކާއި ފިޔަވަޅުތައް ހަރުދަނާ ކުރުމަށް އެ މުޢައްސަސާއެކު މަޝްވަރާކުރަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ. އަދި މި ބަދަލުތަކުގެ ތެރޭގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ނިންމާފައި ވަނީ ކަސްޓަމްސްގެ ބޭނުމަށް ހިފަހައްޓާ މުދާ ބެލެހެއްޓުމަށް ބަނދަރުގައި ވަކި ސަރަހައްދެއް ކަނޑަޅައި، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުން ކަމަށެވެ.

މި މައްސަލައާ ގުޅޭގޮތުން އެމްޕީއެލް އިން މަޢުލޫމާތު އާންމު ނުކުރާތީ އާންމުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ބުނެފައި ވަނީ މި މައްސަލައަކީ ފުލުހުންވެސް ތަޙުޤީޤު ކުރަމުންދާ މައްސަލައަކަށްވާތީ، މަޢުލޫމާތު އާންމު ކުރަމުން ދަނީ ފުލުުހުންގެ ލަފަޔާއި މަޝްވަރާގެ މަތިން ކަމުގައެވެ.

މިކަމުގައި ޝާމިލްވާ އެއްވެސް މުވައްޒަފަކާމެދު ފިޔަވަޅު އެޅުމަށް އެ ކުންފުނިން ފަސްނުޖެހޭނެ ކަމަށާއި، އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ކަމެއް ތަކުރާރު ވިޔަ ނުދިއުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒުކޮށް، ބަނދަރުގެ ސެކިއުރިޓީ އާއި ހިންގުމުގެ ނިޒާމް އިތުރަށް ހަރުދަނާކުރާނެ ކަމުގެ ޔަޤީންކަން ދޭ ކަމަށް އެމްޕީއެލް އިން ބުނެއެވެ.

- ކޮމެންޓް