Advertisement
ކ. މާލެ
|
4 ޑިސެންބަރ 2025 | ބުރާސްފަތި 18:36
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު
ރައީސް އޮފީސް
ޑރ. މުހައްމަދު މުއިއްޒު
ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި
މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ މި ޤާނޫނު ފާސްވެ ތަސްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެން 90 (ނުވަދިހަ) ދުވަސް ހަމަވާ ތާރީޚުން ފެށިގެން

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، "ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލު" ތަސްދީޤު ކުރައްވައިފި އެވެ.

މި ބިލަކީ، 19 ނޮވެންބަރު 2025 ވީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 22 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

11 ބާބުގެ މައްޗަށް އެކުލެވިގެންވާ މި ބިލުގައި، ދިވެހިރާއްޖޭ ގައި ރައްކާތެރިކަމާއެކު ޖަނަވާރު ގެންގުޅުމާއި، ވިއްސައި އާލާކުރުމާއި، ވިޔަފާރި ކުރުމުގެ ކަންކަން ކުރުމަށް މަގުފަހި ކުރުމަށްޓަކައި، ޖަނަވާރު ގެންގުޅުމުގަ އާއި ބެލެހެއްޓުމުގައާއި ޖަނަވާރުގެ ޞިއްޙަތާގުޅޭ ކަންކަމުގައި ޢަމަލުކުރަންވީ ގޮތާއި، ޖަނަވާރަށާއި ޖަނަވާރުގެ ޛަރީއާއިން އިންސާނުނަށް ޖެހޭ ބަލިތަކުން ރައްކާތެރިވުމާއި ގުޅޭ އުސޫލުތަކާއި، ދިވެހިރާއްޖެއަށް ޖަނަވާރު އެތެރެކުރުމާއި އެއްތަނުން އަނެއްތަނަށް އުފުލުމާއި ދިވެހިރާއްޖެ އިން ބޭރަށް ޖަނަވާރު ގެންދިޔުމުގެ އުސޫލުތަކާއި، އެނޫންވެސް ކަމާގުޅޭ އުސޫލުތައް ބަޔާންކުރައްވައިފައިވެ އެވެ.

މި ޤާނޫނު އެ މައްޗަށް ހިނގާ ޖަނަވާރުގެ ދުޅަހެޔޮކަމާއި ރައްކާތެރިކަމާ ގުޅޭ ސިޔާސަތުތައް ކަނޑައަޅައި، މި ޤާނޫނު ތަންފީޛު ކުރުމުގެ މައިގަނޑު މަސްއޫލިއްޔަތު ޙަވާލުވެގެންވާ ފަރާތަކީ، ޖަނަވާރުގެ ޞިއްޙަތާ ގުޅޭ ސިޔާސަތުތައް ތަންފީޛު ކުރުމުގެ މަސްއޫލިއްޔަތު، އެއިރެއްގައި ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާ އެވެ. މިގޮތުން މި ޤާނޫނު ތަންފީޛުކުރުމުގެ ގޮތުން މިނިސްޓްރީގެ މަސްއޫލިއްޔަތުތަކާއި، ކައުންސިލްތަކުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ތަފްޞީލީ ގޮތެއްގައި، މި ބިލުގައި ބަޔާންކުރައްވާފައިވެ އެވެ.

މި ބިލުގައި، މިޤާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެ ކުށްތަކާއި، ޤާނޫނާ ޚިލާފުވާ ފަރާތްތަކާ މެދު އަޅާނެ ފިޔަވަޅުތައް ބަޔާންކުރައްވާފައިވެ އެވެ. އަދި އެޅޭ ފިޔަވަޅަކާ މެދު ހިތްހަމަނުޖެހޭ ހިނދެއްގައި ޝަކުވާ ހުށަހެޅުމުގެ ފުރުޞަތާއި އުސޫލުތައްވެސް މި ބިލުގައި ބަޔާންކުރައްވާފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ، މި ބިލު ތަސްދީޤުކުރެއްވުމާއި ގުޅިގެން މި ބިލު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފަ އެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ މި ޤާނޫނު ފާސްވެ ތަސްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެން 90 (ނުވަދިހަ) ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.

- ކޮމެންޓް