ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުން ޓެކުމާއި ފޭރުން ކަމަށް މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ރަޝީދު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިބްރާހިމް ރަޝީދު ވިދާޅުވީ މި ސަރުކާރުގެ އުސޫލުތަކާ ސިޔާސަތަކީ ޓެކުމާއި ރައްޔިތުން ފޭރުން ކަމަށާއި، ރައްޔިތަކަށް ފައިދާ މަންފާ ވާ ވިޔަފާރިއެއް ކުރެވޭނެ އުސޫލެއް ގޮތެއް ނުދައްކާނެ ކަމަށެވެ.
ރަށްރަށުގައި ދިމާވާ އުދަނގުތާކައި ތަކުލީފުތައް ސަރުކާރުގެ ސަމާލު ކަމަށް ގެނައުމުން އެރަށުގައި ދިރިއުޅޭ މީހުން އެހެން ރަށަކަށް ބަދަލު ކުރުމަށް މިސަރުކާރުން މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މައްސަލަ އަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ނުކުރާ ކަމަށެވެ.
މިހާރު ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތްގޮތުން ބޭރުގެ އެއްވެސް ގައުމަކުން ލޯނު ނުދޭކަން ފާހަގަކުރައްވައި އިބްރާހިމް ރަޝީދު ވިދާޅުވީ މިހާރު ގައުމު ހިންގުމަށް ރައްޔިތުން ފެލުމަށްޓަކައި ވެހިކަލް ޓޯ ކުރުމާއި، ސްޓްކަރ ޖެހުމާއި، ޖޫރިމަނާ ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށެވެ. އަދި އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން އުސޫލާ ހިލާފަށް ރައްޔިތުންގެ އަތުން އެޑްވާންސް ރުފިޔާ ނަގާ ކަމަށާއި، އެ ފްލެޓަށް ވަންނަން ބޭނުންވާ މީހުންނަށް ވާރުތައިން ލިބޭ ބިންކޮޅު ވެސް މިސަރުކާރުން ފޭރެމުންދާ ކަމަށެވެ.
މީގެ އިތުރުން އިބްރާހިމް ރަޝީދު ވިދާޅުވީ ބަޖެޓު ގައި ވެސް ޖޫރިމަނާގެ ގޮތުގައި ލިބޭ ފައިސާ އާމްދަނީގެ ގޮތުގައި ހިމަނާފައިވާ ކަމަށާއި، އެއީ ބޮޑު އޮޅުވާލުމެއް ކަމަށެވެ.
ކޮންމެ އަހަރެއްގެ ބަޖެޓު އަންނައިރު އޭގައި އޮވޭ ޖޫރިމަނާގެ ގޮތުގައި ލިބޭ އާމްދަނީ. އާމްދަނީ އަކަށް ނުކިޔާނެ ޖޫރިމަނާއެއް. އާމްދަނީ ކިޔަނީ ކަމެއް ކޮށްގެން ވިޔަފާރިއެއް ކޮށްގެން އުފައްދައިގެން އޭގެން ނުކުންނަ ނަފާ އަށް ކިޔާ އެއްޗެއް އާމްދަނީ އަކީ. ދައުލަތުން އެ ފޮނުވާ ބަޖެޓުގައި އާމްދަނީގެ ގޮތުގައި ޖޫރިމަނާ ކޮށްގެން ލިބޭ ފައިސާ ލިބޭ ޖަހާ ވެރިކަމެއް ރައްޔިތުންނަށް ދިރިއެއް ނޫޅެވޭނެ. އެއީ ޓެކުން ފޭރުން. ހަގީގަތުގައި ފޭރެން ކުރާ ކަމެއް. ހަގީގަތުގައި އެކޮނޮމީއޭ ކިޔާއިރުގައި ރައްޔިތުން ވިޔަފާރި ކުރާއިރު އެއަށް ކިޔަނީ މާކެޓް އެކޮނޮމީ. މިހާރު ޖޫރިމަނާ ކޮށްގެން ތިކަން ކުރާއިރު ކިޔަނީ މާކެޓް ސޮސައިޓީ. ސޮސައިޓީއަކީ އޭނާގެ ބާޒާރެއްގެ ގޮތަށް އެ ސޮސައިޓީއަކީ މަގު ހިނގާއިރު އެމީހުންނަށް ދަތި ކުރަނީ ޕާކިން ޒޯނު ވެސް ނެތީ. އެމީހުންގެ ގައިގައި ސްޓިކަރ ޖަހަނީ. އެހެންވީމަ އެ ސޮސައިޓީއަށް ދަތި ބޮޑުވީމަ އެ މުޖުތަމައުއަށް ދަތި ބޮޑު ކޮށްގެން އޭގެން އާމްދަނީ ހޯދައިގެން ރައްޔިތުން ފެލައިގެން ޖޫރިމަނާ ކޮށްގެން އެއީ ވެރިކަން ކުރާ ގޮތް. އެއީ ހުދުމުހުތާރުވެރިކަން ހިންގަން.
މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ރަޝީދު![]()
އިބްރާހިމް ރަޝީދު ވިދާޅުވީ މިއީ ރައްޔިތުންނަށް އިހާނެތިކޮށް ކަންތައް ކުރާ ސަރުކާރެއް ކަމަށާއި، ރައްޔިތުންގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ނުކުރާ ކަމަށެވެ. އަދި ދިރިއުޅޭ މުޖުތަމައުއިން ކަންކަން ދަތިކޮށް ރައްޔިތުން ނިކަމެތި ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.