Advertisement
ކ. މާލެ
|
5 ޑިސެންބަރ 2025 | ހުކުރު 10:59
ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ
ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ
ރޮއިޓަރސް
އެމެރިކާ-ވެނެޒުއެލާ
ޓްރަމްޕް އާއެކު ކުރެއްވީ އިޙުތިރާމްގެ ފޯނު ކޯލެއް ކަމަށް މަދޫރޯ ވިދާޅުވެއްޖެ
ރޮއިޓާސް އިން ހޯމަ ދުވަހު ވަނީ ޓްރަމްޕް އާއި މަދޫރޯގެ ފޯނު ކޯލުގައި ދައްކާފައިވާ ވާހަކަތައް ރިޕޯޓު ކޮށްފަ އެވެ. އެގޮތުން ހަތަރު މަސްދަރަކާ ހަވާލާދީ ބުނެފައި ވަނީ، އޭނާ އާއި އޭނާގެ އާއިލާ އަށް ފުރިހަމަ ޤާނޫނީ އަމާންކަމާއި ރައްކާތެރިކަން ލިބިއްޖެ ނަމަ، ވެނެޒުއެލާ ދޫކޮށްލުމަށް ތައްޔާރަށް ހުންނެވި ކަމަށް މަދޫރޯ ޓްރަމްޕް އަށް ދަންނަވާފައިވާ ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވާފައިވާކަން، ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ކަށަވަރު ކޮށްދެއްވައިފި އެވެ.

މަދޫރޯ ވިދާޅުވެފައި ވަނީ ފާއިތުވި 10 ދުވަހުގެ ތެރޭގައި ޓްރަމްޕްއާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި އެއީ އިޙުތިރާމް އާއި އަޚުވަންތަ ކަމުގެ ފޯނު ކޯލެއް ކަމަށް ވެސް މަދޫރޯ ވިދާޅުވި އެވެ. މަދޫރޯ އެ ފޯނު ކޯލު ސިފަ ކުރައްވާފައި ވަނީ، ދެ ޤައުމުގެ ދެ މެދުގައި ޑިޕްލޮމަސީގެ ދޮރު ހުޅުވިގެން ދާނެ ފުރުސަތެއްގެ ގޮތުގަ އެވެ.

ޓެލެވިޝަން ކޮށްފައިވާ ޙަރަކާތެއްގައި ވާހަކަ ދައްކަވަމުން މަދޫރޯ އެކަން ކަށަވަރު ކޮށްދެއްވާފައިވާއިރު، އޭނާ ވަނީ ޑިޕްލޮމަސީ އަށް އަބަދު ވެސް މަރުޙަބާ ކިޔާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެއީ ކުރިއަށް ދިޔުމަށް އެޅުނު ފިޔަވަޅެއް ނަމަ، ވާހަކަ ދެއްކުމަށް މަރުޙަބާ ކިޔާ ކަމަށް ވެސް މަދޫރޯ ވިދާޅުވެފައިވެ އެވެ.

ރޮއިޓާސް އިން ހޯމަ ދުވަހު ވަނީ ޓްރަމްޕް އާއި މަދޫރޯގެ ފޯނު ކޯލުގައި ދައްކާފައިވާ ވާހަކަތައް ރިޕޯޓު ކޮށްފަ އެވެ. އެގޮތުން ހަތަރު މަސްދަރަކާ ހަވާލާދީ ބުނެފައި ވަނީ، އޭނާ އާއި އޭނާގެ އާއިލާ އަށް ފުރިހަމަ ޤާނޫނީ އަމާންކަމާއި ރައްކާތެރިކަން ލިބިއްޖެ ނަމަ، ވެނެޒުއެލާ ދޫކޮށްލުމަށް ތައްޔާރަށް ހުންނެވި ކަމަށް މަދޫރޯ ޓްރަމްޕް އަށް ދަންނަވާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި އެމެރިކާ އިން މަދޫރޯ އާއި އޭނާގެ އާއިލާއާ ދެކޮޅަށް އަޅާފައިވާ އެންމެހާ ފިޔަވަޅުތައް އުވާލުމާއި، އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގައި ހިނގަމުން އަންނަ މައިގަނޑު މައްސަލަތައް ނިމުމަކަށް ގެނައުން ހިމެނޭ ކަމަށް ވަނީ ބުނެފަ އެވެ.

ޓްރަމްޕް އާއި މަދޫރޯ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވާފައި މި ވަނީ، އެމެރިކާ އިން ވެނެޒުއެލާއާ ދެކޮޅަށް ވަރުގަދަ ޙަރަކާތް ތަކެއް ހިންގަމުން އަންނަ ވަގުތެއްގަ އެވެ. އެގޮތުން މަސްތުވާ ތަކެތި އުފުލާ ކަމަށް ބުނެ އެމެރިކާ އިން ބޯޓު ފަހަރު ތަކަށް ހަމަލާ ދެމުން އަންނައިރު، އަސްކަރީ ފިޔަވަޅުތައް ވަރުގަދަ ކުރާނެ ކަމުގެ އިންޒާރު ވެސް ދީފައިވެ އެވެ.

އެމެރިކާ އާއި ވެނެޒުއެލާއާ ދެމެދު އޮތް ގުޅުން ގޯސްވެފައި އޮންނަތާ އަހަރު ތަކެއް ވެފައިވާއިރު، މިހާރު އެ ގުޅުން ވަނީ އިތުރަށް ގޯސްވެފަ އެވެ. ޚާއްސަކޮށް އެމެރިކާ އިން އަންނަނީ މަދޫރޯގެ ސަރުކާރާ ދެކޮޅަށް ދަތި ކުރުމުގެ އެތައް ފިޔަވަޅު ތަކެއް އަޅަމުންނެވެ. އެގޮތުން އެމެރިކާ އިން ބުނަމުން އަންނަނީ ވެނެޒުއެލާގެ އިންތިޚާބުތައް އިންސާފުވެރިކަމާ އެކު ކުރިއަށް ނުދާ ކަމަށާއި، އެ ޤައުމުން އިންސާނީ ޙައްގުތަކަށް ވެސް އިޙުތިރާމް ނުކުރާ ކަމަށެވެ.

ސިޔާސީ ދާއިރާގެ މާހިރުން ފާހަގަ ކޮށްފައިވާ ގޮތުގައި، ޓްރަމްޕް އާއި މަދޫރޯއާ ދެމެދު ވާހަކަ ދައްކަވައި މަޝްވަރާތައް ކުރިއަށް ގެންދަވާފައި ވުމަކީ، ދެ ޤައުމުގެ ގުޅުން ރަނގަޅު ކުރުމަށް ލިބިގެންދާ މުހިންމު ފުރުސަތެއް ކަމަަށެވެ. އެހެން ނަމަވެސް، ވެނެޒުއެލާގެ ސިޔާސީ ޙާލަތާއި، އިންސާނީ ހައްގުތަކާ ގުޅޭ ކަންބޮޑުންތައް ހައްލު ކުރުމަށް އަދި ވެސް ގިނަ މަސައްކަތް ތަކެއް ކުރަން ޖެހޭނެ ކަމަށް މާހިރުން ފާހަގަ ކޮށްފައިވެ އެވެ.

މި ވާހަކަތައް ދެކެވެމުން އަންނައިރު، ވެނެޒުއެލާގެ ރައްޔިތުން އަންނަނީ އިޤްތިޞާދީ ބޮޑެތި ދަތިތަކާ ކުރިމަތި ލަމުންނެވެ. ޤައުމުގެ އިޤްތިޞާދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާއިރު، މި ޙާލަތުގައި ދެ ޤައުމުގެ ދެ މެދުގައި ޑިިޕްލޮމެޓިކް ގުޅުން ޤާއިމު ކުރުން ނުވަތަ ގުޅުން ރަނގަޅުވުމަކީ ވެނެޒުއެލާގެ ރައްޔިތުންނަށް ލިބިގެން ދާނެ ހިތްހަމަ ޖެހުމެއް ކަމަށް ބެލެވެ އެވެ.

މަސްދަރު: ރޮއިޓާސް
- ކޮމެންޓް