ޖަޕާނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރަކަށް އަހްމަދު މަހުލޫފް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.
ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަހުލޫފް އެ މަގާމަށް އައްޔަނު ކުރަން ރުހުން ދީފައިވަނީ 60 މެންބަރުންގެ އިއްތިފާގުންނެވެ.
ޖަޕާނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރު ހަމަޖެއްސެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާ ކޮށްފައިވަނީ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ އިންނެވެ.
މައްސަލަ ދިރާސާ ކުރި ކޮމިޓީ އިން ބުނީ މި މައްސަލަ ދިރާސާ ކުރުމަށްޓަކައި ރައީސް އޮފީސް، ފޮރިން މިނިސްޓްރީ، އިލެކްޝަންސް ކޮމިޝަން، ކަރެކްޝަނަލް ސަރވިސް ގެ އިތުރުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މައުލޫމާތު ހޯދާފައިވާ ކަމަށެވެ. އަދި މަހުލޫފް އަކީ ދިވެހި ދައުލަތް ތަމްސީލު ކޮށް، ސަފީރުކަމުގެ ވަޒީފާގެ ވާޖިބުތަކާ މަސްއޫލިއްޔަތުތައް އަދާ ކުރެވޭ ފެންވަރުގެ މީހެއްތޯ ބެލުމަށް އޭނާ އާ އިންޓަރވިއު ކޮށްފައިވާ ކަމަށެވެ.
ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ އިން މި މައްސަލަ ދިރާސާ ކުރުމަށްފަހު އެ ކޮމިޓީ އިން ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ނިންމާފައި ވަނީ މަހުލޫފް އެ މަގާމަށް އައްޔަނު ކުރުމަށް މަޖިލީހުން ރުހުން ދިނުމަށް ފެންނަ ކަމަށެވެ.
މަހުލޫފް ވެރިކަން ކުރާ ޕީއެންސީއާ ގުޅިވަޑައިގަތީ މި އަހަރުގެ 14 ނޮވެންބަރު 2025 ވަނަ ދުވަހު އެ ޕާޓީން މާލޭގައި ބޭއްވި ބޮޑު އެއްވުމުގަ އެވެ. އޭގެ ކުރިން ދައުލަތުގެ މަގާމެއްގައި ޚިދުމަތްކުރަން ކަމަށް ވިދާޅުވެ، އޭނާ ވަނީ އެމްޑީޕީން ވަކިވެފަ އެވެ. އެ ނިންމުމާ ގުޅިގެން އެމްޑީޕީއަށް ނިސްބަތްވާ ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވި އެވެ. ޕާޓީއަށް ވަފާތެރިކަން ނެތް ކަމަށާއި، ސިޔާސީ މަންފާއަށް ޓަކައި ޕާޓީ ބަދަލުކުރައްވާ ކަމަށް ވެސް ގިނަ ބަޔަކު ވަނީ ތުހުމަތުކޮށްފަ އެވެ.
މަހުލޫފް އެންމެ ފުރަތަމަ ސިޔާސީ މައިދާނުން ފެނުނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިންނެވެ. މިހާރުގެ ގާނޫނުއަސާސީގެ ދަށުން އިންތިހާބުކުރި ފުރަތަމަ ރައްޔިތުންގެ މަޖިލީހަށް ގަލޮޅު ދެކުނު ދާއިރާއިން މަހްލޫފް އިންތިހާބުވީ ވެސް ޑީއާރުޕީގެ ޓިކެޓުގަ އެވެ.
ޑީއާރުޕީގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރެއިން 2011 ގައި އުފެއްދި ޕީޕީއެމްއާ މަހްލޫފް ގުޅުނެވެ. އެ ޕާޓީގައި އޭނާ ވަނީ މުހިންމު މަގާމުތަކެއް ފުރުއްވާފަ އެވެ. ނަމަވެސް އޭނާ ޕީޕީއެމްއާ ދުރަށް ޖެހުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ދެމެދު ހިޔާލުތަފާތުވުން އުފެދުމުންނެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ވެސް އޭނާ ދިޔައީ އެމްޑީޕީއާއެކު މަސައްކަތް ކުރައްވަމުންނެވެ.
މަހުލޫފް އެމްޑީޕީއަށް ސޮއިކުރެއްވީ 2018 ގެ ރިޔާސީ އިންތިހާބަށްފަހު އިންތިގާލީ މަރުހަލާގަ އެވެ. އެމްޑީޕީގެ ސަރުކާރުގައި އޭނާ ވަނީ ޔޫތު މިނިސްޓަރުކަމުގެ މަގާމު ފުރުއްވާފަ އެވެ. އެމްޑީޕީގެ ސަރުކާރު ނިމުމަށް ފަހު އެ ޕާޓީގެ ހަރަކާތްތަކާ ދުރުގައި ހުންނެވުމަށް ފަހު ދެން މަހުލޫފް ސޮއިކުރީ ޕީއެންސީއަށެވެ. ރައީސް މުއިއްޒުގެ ޕީއެންސީ އަކީ މަހުލޫފް ގުޅުނު ހަތަރުވަނަ ސިޔާސީ ޕާޓީ އެވެ.