ހެލްތް ސެޓްފިކެޓާ ނުލައި ދިވެހިރާއްޖެ އަށް ކާބޯތަކެތި އެތެރެ ކުރަން ހުއްދަ ދިން 2 މުވައްޒަފެއްގެ މައްޗަށް ދަޢުވާކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުުން ބުނީ 2025 ވަަނަ އަހަރުގެ މާރޗު މަހުގެ ތެރޭގައި ޕޯޓް ކްލިއަރަންސްގައި މަސައްކަތްކުރާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ފީލްޑް އޮފިސަރުންތަކެއް، ދިވެހިރާއްޖެ އަށް ކާބޯތަކެތި އެތެރެކުރުމަށް ބޭނުންވާ ހެލްތް ސެޓްފިކެޓާ ނުލައި، ކަނޑުމަގުންނާއި، ވައިގެ މަގުން ދިވެހިރާއްޖެ އަށް އެތެރެކޮށްފައިވާ ޝިޕްމަންޓްތަކެއް އެތެރެ ކުރުމަށް ކްލިއަރެންސް ދީފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދަޢުވާތައް ކުރުމަށް 3 ޑިސެންބަރު 2025 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
ދަފްތަރު ރސ 9244، އަޙްމަދު ހާޝިމްގެ މައްޗަށް:
ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 512 ވަނަ މާއްދާގެ (ހ) ގެ ދަށުން، ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ ޢަމަލެއް ހިންގުމުގެ ކުށުގެ 03 ދަޢުވާ.
ގދ. ތިނަދޫ، ޢަރަފާތު، އަޙްމަދު ޒާހިިރުގެ މައްޗަށް:
ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 512 ވަނަ މާއްދާގެ (ހ) ގެ ދަށުން، ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ ޢަމަލެއް ހިންގުމުގެ ކުށުގެ 03 ދަޢުވާ.
އަދަބު: 4 މަހާއި 24 ދުވަސް (ކޮންމެ ދަޢުވާއަކަށް)
ދަޢުވާލިބޭ މީހުންގެ ފަރާތުން ޕީޖީ އޮފީހާއެކު ނަސޭހަތުގެ އެއްބަސްވުމެއް ވުމަށް އެދި ހުށަހަޅާފައިވެ އެވެ. ނަމަވެސް މި ކުށަކީ ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ސަލާމަތާއި ރައްކާތެރިކަމާ ސީދާ ގުޅުންހުރި ކުށަކަށްވެފައި، ކާބޯތަކެތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހެދިފައިވާ ޤާނޫނުތަކާ އުޞޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވާތީ، ޢާންމު މަސްލަޙަތު ވަޒަން ކުރުމަށްފަހު ނަސޭހަތުގެ އެއްބަސްވުމެއް ނުހެދުމަށް ޕީޖީ އޮފީހުން ވަނީ ނިންމާފަ އެވެ.