ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައެއްގައ ގ. މާވަނި، ޙުސައިން ސަނީ ޢުމަރު 30 ދުވަހަށް ބަންދުކުރުމަށް ނިންމައިފި އެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި، ގ. މާވަނި، ޙުސައިން ސަނީ ޢުމަރު، ޤާނޫނު ނަންބަރު: 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 30 ވަނަ މާއްދާއާއި، 33 ވަނަ މާއްދާގެ ދަށުން އަދި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރެދެއްވުން އެދި މިއަދު (3 ޑިސެންބަރު 2025) ދުވަހު ކްރިމިނަލް ކޯޓަށް ހުށަހެޅި ކަމަށެވެ.
މި ހުށަހެޅުމާ އެއްގޮތަށް އޭނާ 30 ދުވަހުގެ މުއްދަތަަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.
މައްސަލައިގެ ތަޙުޤީޤަށް ކުރިއެރުން ލިބެމުންދިޔަ ވަރަކުން ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބަންދުގެ މުއްދަތު އިތުރުކުރުމަށް، އަދި ޝަރީޢަތް ނިމެންދެން ބަންދުކުރުމުގެ އަމުރަކަށް އެދި ހުށަހަޅަން ޤަޞްދުކުރާ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެ އެވެ.
މި މައްސަލައިގެ ފަސް ފަހަތަށް ބަލާއިރު ދެވަނަ ފަހަރަށް ފިލައިގެން ފުރަން ގޮސް ހުއްޓާ، ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރި ސަނީ އުމަރު އެއަރޕޯޓުން އަތުލައިގަތް ނަމަވެސް ފުލުހުން އޭނާ ހައްޔަރު ނުކުރާ ކަން ހާމަވި އެވެ.
ފުލުހުން ބުނީ ޖިނާއީ މައްސަލައެއްގެ ތުހުމަތު އޮއްވާ، އަދި ތަހުގީގަށް އެއްބާރުލުން ދޭނެކަމަށް ބުނުމަށްފަހު، ސަނީ އުމަރު ރާއްޖެއިން ފުރައިން ދާން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށް އޭނާ ދޫކޮށްލި ކަމަށެވެ. ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެނައީ ހޯމަ ދުވަހު ރާއްޖެ އައިތަނުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ހޯމަ ދުވަހު އެވެ. އަދި އޭނާއާއި ސުވާލު ކުރުމަށް މާފަންނުގައި ހުންނަ ފެމެލީ އެންޑް ޗައިލޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓަށް ގެންގޮސް ގަޑި އިރެއް ފަހުން ފުލުހުން އޭނާ ދޫކޮށްލި އެވެ.
އެފަހުން ހޯމަ ދުވަހުގެ ރޭ ސިފަ ބަދަލުކޮށްގެން ފުރަން ގޮސް ހުއްޓާ އޭނާ ވެލާނާ އެއަރޕޯޓުން އަނެއްކާ ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނެވެ. މައުލޫމާތު ލިބުނު ގޮތުގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ ފުރަން ވެގެން ބޯޓަށް އަރައި އިންދާ ބަޔަކު ރިޕޯޓް ކުރުމުން ބޯޓު މަޑުކުރުމަށްފަހު އެވެ. އޭނާ އެއަރޕޯޓަށް ފުރަން ގޮސް ހުރީ ތޮތްޕެއް އަޅައިގެން މާސްކް ވެސް އަޅައިގެން ކާކުކަން ނޭނގޭ ގޮތަށެވެ.
ނަމަވެސް ހޯމަ ދުވަހުގެ ރޭ އޭނާ ފިލަން އުޅުމުން ވެސް އޭނާ ހައްޔަރު ނުކުރެ އެވެ. ފުލުންނާއި ސުވާލު ކުރުމުން ފުލުހުން އެކަމަށް ވެސް ޖަވާބެއް ދީފައި ނުވެ އެވެ.
އެންމެ ފަހުން އަންގާރަ ދުވަހުގެ ރޭ 8:18 ހާއިރު ފުލުހުން ފޮނުވި މެސެޖުގައި ބުނެފައިވަނީ ތަހުގީގަށް އެއްބާރުލުން ދޭނެކަމަށް ބުނުމަށްފަހު، ސަނީ އުމަރު ރާއްޖެއިން ފުރައިން ދާން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ދޫކޮށްލުމަށްފަހު، ސަނީ އުމަރުގެ މައްޗަށް ތުހުމަތުކުރެވޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން މިއަދު (އަންގާރަ ދުވަހު) ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ޚަބަރު: ފިލައިގެން ފުރަން ގޮސް ހުއްޓާ ސަނީ އުމަރު އެއަރޕޯޓުން އަތުލައިގަތް ނަމަވެސް ހައްޔަރު ނުކުރާ ކަން ހާމަވެއްޖެ، ހައްޔަރު ކުރީ މިއަދު https://t.co/6kCXBGIOia
— raajje.mv (@raajjemv) December 2, 2025
އެހެންކަމުން ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވި، އަދި ފިލައިގެން ދާން ދެ ފަހަރަށް އުޅުމުންވެސް ފުލުހުން ހުރީ ސަނީ އުމަރު ހައްޔަރު ނުކޮށް ދޫކޮށްލާފަ އެވެ. އަދި އެއީ ކީއްވެގެންތޯ ކުރެވުނު ސުވާލަށް ފުލުހުން ޖަވާބެއް ވެސް ނުދެ އެވެ.
ސަނީ އުމަރު އަށް ކުރެވެނީ އޭނާގެ އަންހެނުންގެ އާއިލާ އަށް ނިސްބަތްވާ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތެވެ. މީގެ އިތުރުން ވެސް އިތުރު ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވޭ އިރު، އޭގެ ތެރޭގައި 2 އަންހެން ކުދިންނާއި ފިރިހެން ކުއްޖަކު ހިމެނެ އެވެ.
ސަނީ ފުރަތަމަ ފިލައިގެން ރާއްޖެއިން ބޭރަށް ދިޔައީ މި މައްސަލަ ފެންމަތިވި ހިސާބުން ހުކުރު ދުވަހު އެވެ. އަދި ރާއްޖެ އެނބުރި އައި ސަބަބެއް މިހާތަނަށް ސާފު ނުވާއިރު އޭނާ ދެވަނަ ފަހަރަށް ފިލަން މަސައްކަތް ކުރީ ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ މުޖްތަމައުއަށް ދޫކޮށްލާފައި ހުއްޓާ އެވެ.