Advertisement
ކ. މާލެ
|
19 ނޮވެންބަރ 2025 | ބުދަ 18:51
އަބްދުއްރަހުމާނުގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި 3 މީހުން ކަމުގައިވާ ވިޝާމް (ކ) ފާރިސް (މ) އަދި އާޝިދު (ވ)
އަބްދުއްރަހުމާނުގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި 3 މީހުން ކަމުގައިވާ ވިޝާމް (ކ) ފާރިސް (މ) އަދި އާޝިދު (ވ)
ރާއްޖެއެމްވީ
އަބްދުއްރަހްމާންގެ މަރު
މާޅޮހު އަބްދުއްރަހްމާން މަރާލި މައްސަލައިގައި ހައްޔަރު ކުރި ތިން މީހުންގެ މައްޗަށް ދައުވާކޮށްފި
މައްސަލައިގެ ތުޙުމަތުގައި ހައްޔަރުކުރި ތިން މީހުންނަށް ދަޢުވާކޮށްދިނުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅީ ނޮވެމްބަރު 18 ވަނަ ދުވަހު
ހައްޔަރުކުރި ތިން މީހުންނަކީ ސަރުކާރުގެ ވަޒީފާތަކުގައި އުޅޭ މީހުން

އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރާލި އުމުރުން 65 އަހަރުގެ އަބްދުއްރަހުމާން އާދަމްގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި ތިން މީހުންގެ މައްޗަށް ދަޢުވާތައް ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

ޕީޖީ އޮފީހުން ބުދަ ދުވަހު މީޑިއާތަކާ ޙިއްޞާކުރި މަޢުލޫމާތުގައި ބުނީ، މައްސަލައިގެ ތުޙުމަތުގައި ހައްޔަރުކުރި ތިން މީހުންނަށް ދަޢުވާކޮށްދިނުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅީ ނޮވެމްބަރު 18 ވަނަ ދުވަހު ކަމަށެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކުރީ އަހުމަދު އާޝިދު، ފިޔަ، އއ. މާޅޮސް އާއި މުހައްމަދު ވިސާމް، ލިލީފެހި، އއ. މާޅޮސް އަދި އަހުމަދު ފާރިސް، ފިނިވާގެ، އއ. މާޅޮސް އެވެ. ވިސާމް އާއި ފާރިސް ހައްޔަރު ކުރީ މާޅޮހުންނެވެ. އެއީ އެ ރަށުގައި ވަޒީފާ އަދާކުރަމުންދިޔަ ދެ މީހުންނެވެ. އަދި އާޝިދު ހައްޔަރު ކުރީ ވެރި ރަށް މާލެއިންނެވެ.

ތިން މީހުންގެ ތެރެއިން އާޝިދަށް ކުރަނީ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ ދަށުން، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ އެވެ. އަދި ވިސާމްއާއި ފާރިސްގެ މައްޗަށް ކުރަނީ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ ދަށުން، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ އެވެ.

ގޭގައި ނިދާފައި އޮއްވާ އަނިޔާވެރި ގޮތަކަށް އަބްދުއްރަހުމާނު މަރާލީ މިދިޔަ ޖުލައި މަހުގެ 13 ގަ އެވެ. އަބްދުއްރަހްމާން މަރުވީ އޭނާގެ ބޮލަށް ލިބުނު އަނިޔާގެ ސަބަބުންކަން އޮޓޮޕްސީ ވަގުތީ ރިޕޯޓުން އެނގިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. މައުލޫމާތު ލިިބިފައިވާގޮތުން އޭނާގެ ބޮލުގައި އެއްޗަކުން ޖަހާ ބޯ އޮތީ ޗަސްކޮށްލާފަ އެވެ.

އެ މައްސަލައިގައި އެ ރަށު ތިން ޒުވާނުން ހައްޔަރުކުރީ އޮގަސްޓު މަހު 21 ގަ އެވެ. ހައްޔަރުކުރި ތިން މީހުންނަކީ ވެސް އަބްދުއްރަހްމާނާ މައްސަލައެއް ޖެހިފައިވާ ބައެއް ނޫން ކަމަށާއި އެ ތިން މީހުންނަކީ ވެސް ރަށުން ފެންނައިރު ވާހަކަދައްކާ އުޅޭ ބައެއް ކަމަށް ޢަބްދުއްރަޙްމާންގެ އާއިލާއިން މީގެ ކުރިން ބުނެފައިވެ އެވެ. މި މައްސަލައިގައި ހައްޔަރުކުރި 3 މީހުންނަކީ ވެސް ސަރުކާރުގެ ވަޒީފާތަކުގައި އުޅޭ 3 މީހުންނެވެ.

އޭގެ ތެރެއިން ވިސާމަކީ ރައީސުލްޖުމްޙޫރިއްޔާ އައްޔަނުކުރައްވާފައިވާ ސިޔާސީ މަގާމެއް ކަމަށްވާ ޔޫތު އެސޯސިއޭޓްގެ މަގާމުގައި ހުރި ޒުވާނެކެވެ. އަދި، ފާރިސަކީ މާޅޮހުގެ ސްޓެލްކޯ ގޮފީގައި މަސައްކަތްކުރާ ޒުވާނެކެވެ. އާޝިދަކީ މާލޭގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ވަޒީފާއެއްގައި އުޅޭ ޒުވާނެކެވެ.

މިމައްސަލައިގެ ތަހުގީގުގައި ފުލުހުން ވަނީ، މާޅޮހު އަތިރިމައްޗާއި ގޮނޑުދޮށް އަދި ރަށުގެ ފަޅުތެރެއިން ބައެއް ބަލައި ފާސްކޮށްފައެވެ. އެއީ އަބްދުއްރަހުމާނަށް ހަމަލާދޭން ބޭނުންކުރި އެތި ނުވަތަ ތަކެތި ހޯދަން ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.

މީގެ އިތުރުން ފުލުހުން ވަނީ އެރަށުގައި ހުންނަ ދެ ސީސީޓީވީ ކެމާރާއެއްގެ ފޫޓޭޖުވެސް ހޯދާފައެވެ. އަދި އަބްދުއްރަހުމާން ޒަހަމްވެފައި ވަނިކޮށް އެތަނުގެ ތެރެއަށް ވަދެއުޅުނު މީހުންގެ ބޮޑީ ސާމްޕަލާއި ފިންގަރ ޕްރިންޓްވެސް ފުލުހުން ވަނީ ނަގާފައެވެ.

- ކޮމެންޓް