Advertisement
ކ. މާލެ
|
27 ނޮވެންބަރ 2025 | ބުރާސްފަތި 14:58
ހައުސިންގ މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު މިފްޒަލް (ކ) އަދި ލީގަލް އޮފިސަރު އީމަން އަމުރަށް ނުކިޔަމަންތެރިވި ކަމަށް ބަލާ އައިކޮމް އިން ބަޔާން ނެގި
ހައުސިންގ މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު މިފްޒަލް (ކ) އަދި ލީގަލް އޮފިސަރު އީމަން އަމުރަށް ނުކިޔަމަންތެރިވި ކަމަށް ބަލާ އައިކޮމް އިން ބަޔާން ނެގި
ސްކްރީން އިމޭޖް
ހައުސިންގް މިނިސްޓްރީ
ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އާންމު ރައްޔިތަކު ސަރުކާރުގެ އޮފީހަކަށް މައުލޫމާތެއް ހޯދަން ހުށަހަޅައިގެން، އެކަމަށް ދެކޮޅު ހަދައި، ގާނޫނާ ޚިލާފު ވެގެން މުވައްޒަފުންތަކެއްގެ މައްޗަށް ގާނޫނުގެ ދަށުން ދައުވާ ކުރަން ފޮނުވި މިއީ ފުރަތަމަ ފަހަރު

ފޮރުވާނެ އެއްވެސް އެއްޗެއް ނޯންނާނެ ކަމަށް ބުނެ އައި މުއިއްޒުގެ ސަރުކާރުން ފުލެޓާ ބެހޭ މައުލޫމާތެއް ނުދީގެން އެންމެ ފަހުން ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކަކާ ދެކޮޅަށް ދައުވާ ކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

ދައުވާ ކުރަން ނިންމީ އައިކޮމް ގެ އަމުރަށް ހައުސިންގ މިނިސްޓްރީގެ ކަމާ ބެހޭ މުވައްޒަފުން ނުކިޔަމެންތެރި ވުމުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އައިކޮމް އިން ބުރާސްފަތި ދުވަހު ބުނީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ދައުވާކުރަން ފޮނުވީ، ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގާނޫނާ ޚިލާފުވި ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ނިންމި ނިންމުމާ މެދު، ގާނޫނު ގައިވާ ގޮތުގެ މަތިން އިސްތިއުނާފު ކުރަން ދިން 45 ފަސް ދުވަހުގެ މުއްދަތު ހަމަވި އިރު ވެސް އިސްތިއުނާފު ކުރަން ހުށަހަޅާފައި ނުވާތީ ކަމުގައެވެ.

އައިކޮމް އިން ވަނީ މައްސަލަ ހުށަހެޅުމުގެ ގޮތުން ހައުސިންގ މިނިސްޓްރީގެ ކުރީގެ އިންފޮމޭޝަން އޮފިސަރ ޒަހާނަތު، އަދި މިހާރުގެ އިންފޮމޭޝަން އޮފިސަރު މިފްޒަލް އަދި ލީގަލް އޮފިސަރ އީމަން ގެ ބަޔާން ނަގާފައިވާ ކަމަށް ކުރިން ހާމަ ކޮށްފަ އެވެ.

މައުލޫމާތު ހޯދައި ލިބި ގަތުމުގެ ހައްގުގެ ގާނޫނު ގެ 65 ވަނަ މާއްދާ ގައި ބަޔާން ކޮށްފައި ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމަކާ މެދު އިސްތިއުނާފު ކޮށް އަދި އެ ނިންމުމަށް އަމަލު ވެސް ނުކޮށް ވަނިކޮށް 45 ދުވަސް ފާއިތުވެއްޖެ ނަމަ އެ ފަރާތަކާ މެދު ގާނޫނީ ގޮތުން ކޮށްފައިވާ އަމުރަށް ނުކިޔަމަންތެރިވުމުން އަމަލު ކުރާ އުސޫލުން އަމަލު ކޮށްދިނުމަށް ޓަކައި ޝަރުއީ ކޯޓަށް ފޮނުވައި ދިނުމަށް އެދި ޕީޖީ އޮފީހަށް އައިކޮމް އިން ހުށަހެޅިދާނެ ކަމަށެވެ.

މި މައްސަލަ އަކީ މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގުގެ ގާނޫނު ގެ ދަށުން 04 އޮކްޓޯބަރު 2025 ގައި އައިކޮމް އަށް އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ މައްސަލަ އެކެވެ.

އެ ފަރާތުން އެދިފައިވަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓް ލިބުނު މީހުންނާ ބެހޭ ގޮތުން އެންޓި ކަރަޕްޝަން ކޮމިޝަނުން ހިންގި ތަހުގީގުގައި އޭނާ އަކީ ފްލެޓް ލިބިފައިވާ މީހެއް ތޯ ނުވަތަ ނޫންތޯ ސާފު ކުރުމަށެވެ.

ހައުސިންގ މިނިސްޓްރީން މި މައުލޫމާތު ދޭން ދެކޮޅު ހަދާފައިވާއިރު ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ އެ މަނިކުފާނުގެ ސަރުކާރެއް ގައި ފޮރުވާނެ އެއްވެސް އެއްޗެއް ނޯންނާނެ ކަމަށާއި އާރުޓީއައި ހުށަހަޅަން ނުޖެހޭނެ ކަމަށް ވައުދުވެވަޑައިގަންނަމުންނެވެ.

އެނގިފައިވާ ގޮތުގައި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އާންމު ރައްޔިތަކު ސަރުކާރުގެ އޮފީހަކަށް މައުލޫމާތެއް ހޯދަން ހުށަހަޅައިގެން، އެކަމަށް ދެކޮޅު ހަދައި، ގާނޫނާ ޚިލާފު ވެގެން މުވައްޒަފުންތަކެއްގެ މައްޗަށް ގާނޫނުގެ ދަށުން ދައުވާ ކުރަން ފޮނުވި މިއީ ފުރަތަމަ ފަހަރެވެ.

- ކޮމެންޓް