Advertisement
ކ. މާލެ
|
26 ނޮވެންބަރ 2025 | ބުދަ 10:52
ބްރެޒިލްގެ ކުރީގެ ރައީސް ބޮލްސޮނާރޯ
ބްރެޒިލްގެ ކުރީގެ ރައީސް ބޮލްސޮނާރޯ
ރޮއިޓަރސް
ބްރެޒިލް
27 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރުމަށް ބޮލްސޮނާރޯ ޖަލަށް ގެންދިޔުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި
ބްރެޒިލްގެ ސުޕްރީމް ކޯޓުން އަންގާރަ ދުވަހު ނެރެފައިވާ އަމުރުގައި، އެ ކޯޓުގެ ފަނޑިޔާރު އެލެގްޒެންޑާ ޑި މޮރައިސް ވިދާޅުވެފަައި ވަނީ، އެ މައްސަލައިގެ ފައިނަލް ޙުކުމް އިއްވާފައިވާތީ އިތުރަށް އިސްތިއުނާފު ކުރުމުގެ ފުރުސަތެއް ނެތް ކަމަށެވެ. އެ އަމުރާ އެކު، އުމުރުން މިހާރު 70 އަހަރުވެފައިވާ ބޮލްސޮނާރޯ ޖަލު ޙުކުމް ތަންފީޒު ކުރަން ފަށާނީ ބްރެޒިލްގެ ވެރި ރަށުގައި ހުންނަ ފެޑަރަލް ފުލުހުންގެ ޖަލުގަ އެވެ.

ބްރެޒިލްގެ ކުރީގެ ރައީސް ޖައިރް ބޮލްސޮނާރޯގެ މައްޗަށް އިއްވާފައިވާ 27 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރުމަށް އޭނާ ޖަލަށް ގެންދިޔުމަށް އެ ޤައުމުގެ ސުޕްރީމް ކޯޓުން ޙުކުމް ކޮށްފި އެވެ.

ބްރެޒިލްގެ ސަރުކާރާ ދެކޮޅަށް ބަޣާވާތް ހިންގުމަށް ރޭވުމެއް ރާވައި، އެކަމުގައި ބައިވެރި ވެފައި ވާތީ ބޮލްސޮނާރޯގެ މައްޗަށް ވަނީ 27 އަހަރާއި ތިން މަސް ދުވަހުގެ ޖަލު ޙުކުމެއް އިއްވައިފަ އެވެ. މިއީ 2022 ވަނަ އަހަރު އޮތް ބްރެޒިލްގެ ރިޔާސީ އިންތިޚާބުގައި ކުރިމަތިވި ނާކާމިޔާބާ ގުޅިގެން ބޮލްސޮނާރޯ ރާވާފައިވާ ބަޣާވާތެއް ކަމަށް ބުނެފައިވެ އެވެ.

ބްރެޒިލްގެ ސުޕްރީމް ކޯޓުން އަންގާރަ ދުވަހު ނެރެފައިވާ އަމުރުގައި، އެ ކޯޓުގެ ފަނޑިޔާރު އެލެގްޒެންޑާ ޑި މޮރައިސް ވިދާޅުވެފަައި ވަނީ، އެ މައްސަލައިގެ ފައިނަލް ޙުކުމް އިއްވާފައިވާތީ އިތުރަށް އިސްތިއުނާފު ކުރުމުގެ ފުރުސަތެއް ނެތް ކަމަށެވެ. އެ އަމުރާ އެކު، އުމުރުން މިހާރު 70 އަހަރުވެފައިވާ ބޮލްސޮނާރޯ ޖަލު ޙުކުމް ތަންފީޒު ކުރަން ފަށާނީ ބްރެޒިލްގެ ވެރި ރަށުގައި ހުންނަ ފެޑަރަލް ފުލުހުންގެ ޖަލުގަ އެވެ.

މީގެ ކުރިން އާދިއްތަ ދުވަހު ކޯޓުން ބުނެފައިވަނީ ގޭ ބަންދުގައި ބޮލްސޮނާރާ ބަހައްޓާފައި ހުރި ނަމަވެސް، އޭނާ ފިލައިގެން ދިޔުމަށް މަސައްކަތް ކޮށްފައިވާ ކަމަށާއި، އޭނާ ފިލުމުގެ ފުރުސަތު ވެސް އޮތް ކަމަށެވެ. އެ ދުވަހު ކުރިއަށް ގެންދިޔަ ޝަރީއަތުގެ އަޑު އެހުމުގައި ބޮލްސޮނާރޯ ވަނީ އޭނާގެ ފައިގައި އަޅުވާފައިވާ އިލެކްޓްރޯނިކް މޮނިޓަރު ހަލާކު ކޮށްލަން މަސައްކަތް ކޮށްފައިވާ ކަމަށް އެއްބަސްވެފަ އެވެ.

އެގޮތުން ވެލްޑިން ރޮޑެއް ބޭނުން ކޮށްގެން ބޮލްސޮނާރޯ ވަނީ އޭނާގެ ފައިގައި އަޅުވާފައިވާ ޓެގު ނައްޓާލުމަށް މަސައްކަތް ކޮށްފަ އެވެ. އެކަމުގެ ސަބަބުން އޭނާގެ ފައިގައި އަޅުވާފައިވާ ޓެގު ވަރަށް ބޮޑަށް އަނދާފައިވާކަން، ޝަރީއަތުގައި އާންމު ކުރި ވީޑިއޯ އިން ވެސް ފެނެ އެވެ.

އަންގާރަ ދުވަހު ނެރެފައިވާ އަމުރުގައި ފަނޑިޔާރު ވިދާޅުވެފައި ވަނީ، ބޮލްސޮނާރޯ އަށް 24 ގަޑިއިރު ޑޮކްޓަރުންގެ ފަރުވާ ފޮރުކޮށްދިނުމަށެވެ. އަމުރުގައި އެހެން ފާހަގަ ކޮށްފައިވާއިރު، ބޮލްސޮނާރޯގެ ޞިއްޙީ ޙާލަތު ގޯސްވަމުން އަންނަ ކަމަށް އޭނާގެ ޑޮކްޓަރުން ވަނީ ބުނެފަ އެވެ.

ބަޣާވާތް ހިންގަން އުޅުނު ކަމުގެ ކުށް ބޮލްސޮނާރޯގެ މައްޗަށް ސާބިތު ވެފައި ވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. ސުޕްރީމް ކޯޓުން އޭނާގެ މައްޗަށް ކުރި ޙުކުމުގައި ބުނެފައި ވަނީ، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި މިހާރުގެ ރައީސް ލުއިޒް އިންސިއޯ ލޫލާ ޑަ ސިލްވާ އާއި، އޭނާގެ ނައިބު ރައީސް ޖެރާލްޑޯ އަލްކްމިން މަރާލުމަށް ރޭވުމުގެ މައުލޫމާތު ބޮލްސޮނާރޯ އަށް ލިބިފައިވާ ކަމަށެވެ.

ބޮލްސޮނާރޯގެ މައްޗަށް އިއްވާފައިވާ ޙުކުމް އޭނާ ސިފަ ކޮށްފައި ވަނީ ސިޔާސީ ހައިޖާނު ގަނޑެއްގެ ގޮތުގަ އެވެ. އެގޮތުން އޭނާ ވިދާޅުވެފައި ވަނީ، އެއީ 2026 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުސަތު އޭނާ އަށް ބަންދު ކުރުމުގެ ގޮތުން ކޮށްފައިވާ ޙުކުމެއް ކަމަށެވެ.

އަންގާރަ ދުވަހު ކޮށްފައިވާ އުމުރުގައި ފަނޑިޔާރު އިތުރަށް ވިދާޅުވެފައި ވަނީ، ބޮލްސޮނާރޯ އާއެކު އެ ބަޣާވާތް ރޭވުމުގައި އުޅުނު އެހެން މީހުން ވެސް ޖަލު ޙުކުމް ތަންފީޒު ކުރަން ފަށަން ޖެހޭނެ ކަމަށެވެ. އޭގެ ތެރޭގައި ކުރީގެ އިންސްޓިޓިއުޝަނަލް ސެކިއުރިޓީ މިނިސްޓަރު ޖެނެރަލް އޮގަސްޓޯ ހެލީނޯ އާއި، ކުރީގެ ޑިފެންސް މިނިސްޓަރު ޕައުލް ސާޖިއޯ ނޮގުއެއިރާ ޑި އޮލިވޭރާ ހިމެނެ އެވެ.

މި މައްސަލަ އަކީ ބްރެޒިލްގެ ސިޔާސީ ތާރީޚު ގައި މުހިންމު މައްސަލަ އެކެވެ. ޑިމޮކްރަސީ އަށް ހުރަސް އެޅުމުގެ ކުށުގައި ކުރީގެ ރައީސް އަކަށް މިފަދަ ހުކުމެއް ކުރުމަކީ ބްރެޒިލްގެ ޤާނޫނީ ނިޒާމުގެ ބާރާއި މިނިވަންކަން ދައްކައިދޭ ކަމެއް ކަމަށް ތަޖުރިބާ ކާރުން ފާހަގަ ކުރެ އެވެ.

މަސްދަރު: ބީބީސީ
- ކޮމެންޓް