ދިމާވި އުނދަގޫ ވަގުތުތަކުގައި ވެސް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ހިންގެވުމުގައި ޕާޓީ ގެ ޗެއަރޕާސަންކަމުގެ މަގާމުގައި ހުންނަވާ ފައްޔާޒް އިސްމާއިލް ކުރެއްވި މަސައްކަތަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ޝުކުރު ދަންނަވައިފި އެވެ.
އެމްޑީޕީގެ ޗެއަރޕާސަންކަމުގެ މަގާމުން ފައްޔާޒް އިސްތިއުފާ ދެއްވިކަން އިއުލާން ކުރެއްވީ އާދީއްތަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގަ އެވެ.
އެކަމާ ގުޅިގެން އެކްސް ގައި ކުރެއްވި ޕޯސްޓެއްގަައި ރައީސް ޞާލިހް ވިދާޅުވީ ޕާޓީގެ ޗެއަރޕާސަން ކަމުގައި ހުންނަވައިގެން ފައްޔާޒު ޕާޓީއަށް ކޮށްދެއްވި ޚިދުމަތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ.
ފައްޔާޒް ގެ ޗެއާޕާސަން ކަމުގެ ދައުރު ވެގެން ދިޔައީ ސަރުކާރު ހިންގާ ޕާޓީއެއް ގޮތުގަ އާއި އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި އޮވެ މަސައްކަތް ކުރަން ޖެހުނު ދުވަސްވަރަކަށް ކަމަށް ވެސް ރައީސް ޞާލިހު ވިދާޅުވި އެވެ.
އެ ހުރިހާ ވަގުތެއް ގައި ވެސް އަދި ބައެއް ފަހަރު އުނދަގުލާ އެކު ވެސް ޕާޓީ ހިންގެވުމަށް ފައްޔާޒު ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވިކަން ރައީސް ޞާލިހު ވަނީ ފާހަގަކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ ފައްޔާޒު ގެ އެ މަސައްކަތްތައް ޕާޓީގެ ހުރިހާ މެންބަރުން ވެސް ބަލައިގަންނާނެ ކަމަށެވެ.
ކުރިއަށް އޮތް ތަނުގައި ވެސް އަލަށް އިންތިޚާބުވާ ޗެއަރޕާސަނަކަށް އެމަނިކުފާނު ގެ ފުރިހަމަ އެހީތެރިކަން ލިބެމުން ދާނެ ކަމަށާ އެމްޑީޕީ އަށް އަބަދުވެސް ކުރިއެރުން އެދޭ ކަމަށް ވެސް ރައީސް ޞާލިހް ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއަރޕާރސަންގެ މަޤާމުގައި @faya_i ހުންނަވައިގެން ޕާޓީއަށް ކޮށްދެއްވި ޚިދުމަތްތަކަށް ޝުކުރު ދަންނަވަމެވެ. މަނިކުފާނުގެ ޗެއާޕާސަންކަމުގެ ދައުރު ވެގެންދިޔައީ ސަރުކާރު ހިންގާ ޕާޓީއެއް ގޮތުގައާއި އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި އޮވެ މަސައްކަތް ކުރަން ޖެހުނު… https://t.co/fC01BfjmHC
— Ibrahim Mohamed Solih (@ibusolih) November 24, 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައި ވަނީ އެ މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ، އޭނާ އަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތަކަށް ވާތީ ކަމަށެވެ. ފައްޔާޒު ވިދާޅުވީ ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ޝައުގުވެރިވާ އެހެން ބޭފުޅުން ތިބުމުން، ހުރިހާ ފަރާތްތަކަށް ހަމަހަމަ ފުރުސަތު ދިނުމުގެ ގޮތުން އިސްތިއުފާ ދެއްވަން ނިންމެވީ ކަމަށެވެ.
އެމްޑީޕީ ގައި މިހާރު ވެސް އިސްކޮށް ހަރަކާތްތެރިވާ އެޑްވައިޒަރާއި، ޕާޓީގެ ރައީސް އަށް ފުރިހަމަ އިހުތިޔާރާއި ބާރާއެކު އެ ޕާޓީގެ ކަންކަން ނިންމައި، ކަންކަން ކުރިއަށް ގެންދިއުމަށް ފައްޔާޒު އަކީ ހުރަހެއް ކަމަށް ދެކޭ ދެކުން ނިމުމަކަށް ގެނައުމަށް ގަސްތު ކުރާ ކަމަށް ވެސް އެ ސިޓީގައި ފައްޔާޒު ވިދާޅުވި އެވެ.
ޕާޓީގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވީ ކުރީގެ ރައީސް ސާލިހް އެވެ. އަދި ޕާޓީގެ ރައީސް ކަމުގައި ހުންނެވީ އަބްދުﷲ ޝާހިދު އެވެ.
ފައްޔާޒު އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ހޮވިވަޑައިގަތީ 14 މެއި 2022 ގަ އެވެ. ބޮޑު އަޣުލަބިއްޔަތަކުން ފައްޔާޒް އެމްޑީޕީގެ ޗެއަރޕާސަން ކަމުގެ މަގާމު ކާމިޔާބު ކުރެއްވީ 23،000 އަށްވުރެ ގިނަ ވޯޓާ އެކު ރައީސް ސާލިހް ގެ ވެރިކަމުގަ އެވެ.